އަލްފާޟިލާ ޝާފިޢާ ޔޫސުފް
ދިލްބަހާރުގެ، ރ. އިނގުރައިދޫ

ޝާފިޢާ ޔޫސުފް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 15 ޖަނަވަރީ 1990 ގައި، ރާއްޖެތެރޭގެ ޓީޗަރެއްގެ މަގާމުގައެވެ. އޭގެފަހުން ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރު ކަމާއި، ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، އިނގުރައިދޫ ސްކޫލުގެ ސުޕަވައިޒަރުގެ މަގާމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރުގެ މަގާމާއި، ސީނިއަރ ޓީޗަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޓީޗަރެއްގެ މަގާމުގައި ހުންނަވައިގެން ޝާފިޢާ ޔޫސުފް މިހާރު ގެންދަވަނީ ލީޑިންގ ޓީޗަރެއްގެ ޒިންމާވެސް އަދާކުރައްވަމުންނެވެ.

ޝާފިޢާ ޔޫސުފް ކިޔަވައިދެއްވާ މާއްދާތަކަށް ސްކީމް އޮފް ވާރކް ހެއްދެވުމުގައްޔާއި، ގަވާއިދުން ލެސަން ޕްލޭން ހެއްދެވުމުގައްޔާއި، ކިޔަވައިދެއްވާ މާއްދާތަކުން އެސެސް ކުރެއްވުމުގައި ވަރަށް ފަރުވާތެރިކަމާއެކުގައި ތައްޔާރުވެވަޑައިގަންނަވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި، ޓީޗިންގ އެއިޑްސް ތައްޔާރުކުރެއްވުމާއި، ކްލާސް ޓީޗަރެއްގެ މަސްއޫލިއްޔަތު އަދާކުރެއްވުމާއި، ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތްތައް ބޭނުންކުރައްވައިގެން ކިޔަވައިދެއްވުމާއި، ސުޕަވައިޒަރެއްގެ ގޮތުގައްޔާއި، ލީޑިންގ ޓީޗަރެއްގެ ގޮތުގައި ކްލާސްތަކުގެ ކަންކަން ބެއްލެވުމާއި، މުދައްރިސުންގެ ކިޔަވައިދެއްވުން ކުރިޔަށްގެންދަވާ ގޮތްތައް ބައްލަވައި، ގަވާއިދުން ލެސަންތައް އޮބްޒާރވް ކުރައްވައި، ފީޑްބެކް ދެއްވަމުން ގެންދަވައެވެ. ހަމައެހެންމެ، މުދައްރިސުންނަށް ބާއްވަވާ ކޯޑިނޭޝަން ބައްދަލުވުންތައް ވިލަރެސް ކުރައްވައި، ދަރިވަރުންގެ ކުރިއެރުމަށްޓަކައި އިތުރު ޕުރޮގުރާމުތަކާއި ކްލާސްތައް ރާއްވަވައި ހިންގަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

ބެލެނިވެރިންނާއި މުދައްރިސުންގެ ޖަމުޢިއްޔާގެ ކޯޑިނޭޓަރެއްގެ ހައިސިއްޔަތުން ސްކޫލުގައި ކިޔަވައިދެއްވުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ވަސީލަތްތައް ހޯއްދެވުމަށް ޕީ.ޓީ.އޭ. މެދުވެރިކޮށް އަދި އަމިއްލަފުޅަށްވެސް ނުހަނު ގިނަގުނަ މަސައްކަތްތައް ޝާފިޢާ ޔޫސުފް ކުރައްވަމުން ގެންދަވައެވެ. އެގޮތުން ކީ.ސްޓޭޖް 3 އަދި 4 ގެ ދަރިވަރުންނަށް ހުނަރު ޕުރޮގުރާމުގެ ނަމުގައި ޕުރޮގުރާމެއް ފަށްޓަވައި، އެކަމަށް ބޭނުންވާ ވަސީލަތްތައް އަމިއްލަފުޅަށް އިސްނަންގަވައިގެން ހޯއްދަވައި، ފަހަން ދަސްކޮށްދެއްވުމާއި، އިލެކްޓްރިކް ވަޔަރިންގގެ މަސައްކަތް ކުރިޔަށް ގެންދެވިއެވެ. ދެމެހެއްޓެނިވި ގޮތެއްގައި ސްމާޓް ޓީ.ވީ.ގެ ޚިދުމަތް، ސްކޫލް ކުލާސްރޫމްތަކުގައި ލިބޭނެ އިންތިޒާމުތައް ހަމަޖެއްސެވުމުގައިވެސް ޝާފިޢާ ޔޫސުފް އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ. ރަށުގައި ތިބެގެން ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނު ހެދޭނެ ސެންޓަރަކަށް އިނގުރައިދޫ ސްކޫލް ހެއްދެވުމުގައި ޢަމަލީގޮތުން މަސައްކަތް ކުރައްވައި، 2000ވަނަ އަހަރު އޯލެވެލް ސެންޓަރެއްގެ ގޮތުގައި އިނގުރައިދޫ ސްކޫލް ރަޖިސްޓަރީކުރެވި، ދަރިވަރުންނަށް ޖީ.ސީ.އީ. އޯލެވެލްއާއި، އެސް.އެސް.ސީ. އަދި އައި.ޖީ.ސީ.އެސް.އީ. އިމްތިޙާނު ހަދަން ފެށުމުގައި ޝާފިޢާ ޔޫސުފް އަދާކުރެއްވި އިސްދައުރު ފާހަގަކޮށްލަން ޖެހެއެވެ.

ޝާފިޢާ ޔޫސުފް ކުރައްވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި، ސްކޫލުން ހަމަޖައްސަވާ ގޮތެއްގެ މަތިން ސްކޫލުގެ ކުލަބުތަކުގެ ސުޕަވައިޒަރ އިންޗާޖުކަމާއި، ސެޝަން އިންޗާޖުކަމާއި، ކުލަބް ހައުސްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމާއި، ޕީ.ޓީ.އޭ. ހިންގުމުގެ މަސްއޫލިއްޔަތު އަދާކުރެއްވުން ހިމެނެއެވެ. އަދި ސްކޫލުން ބާއްވާ ޙަފުލާތަކަށް ދުރާލައި ތައްޔާރުވުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން ކުރެއްވުމާއި، ބޭނުންވާ ތަކެތި ހޯއްދެވުމުގެ މަސައްކަތާއި، އިސްވެރިންގެ ލަފަޔާއި އިރުޝާދުގެ ދަށުން އެކަންކަން ޒިންމާދާރުކަމާއެކުގައި ޝާފިޢާ ކުރައްވަމުން ގެންދަވައެވެ.

ޝާފިޢާ ޔޫސުފް ފާހަގަކުރެވެނީ، މަސައްކަތަށް އިސްކަންދެއްވައިގެން، ފަރުވާތެރިކަމާއެކުގައި މަސައްކަތް ކުރައްވައި، ކަންކަން ނިންމެވުމުގައި، ގަވާއިދުތަކާއި، އުސޫލުތަކަށް ޙުރުމަތްތެރިކޮށް ހިއްތަވައިގެން ޚިދުމަތް ކުރައްވަމުންގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.