އަލްފާޟިލް ޢަބްދުލްމުހައިމިން ޙުސައިން
ހުޝާމިން، ރ. އިނގުރައިދޫ

ޢަބްދުލްމުހައިމިން ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 15 ޖަނަވަރީ 1990 ގައެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ ރ. އިނގުރައިދޫ ސްކޫލުގެ ދިވެހި މުދައްރިސެއްގެ މަގާމެވެ. ހަމައެއާއެކު، ލީޑިންގ ޓީޗަރެއްގެ ޒިންމާވެސް އަދާކުރައްވަމުން ގެންދަވައެވެ. މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ރ. އަތޮޅު މަދަރުސާގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، އިނގުރައިދޫ ސްކޫލުގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ސުޕަވައިޒަރުގެ މަގާމާއި، ގްރެޖުއޭޓް ލީޑިންގ ޓީޗަރުގެ މަގާމާއި، ސީނިއަރ ދިވެހި ޓީޗަރުގެ މަގާމު، ޢަބްދުލްމުހައިމިން ޙުސައިން އަދާކުރައްވައިފައި ވެއެވެ.

ޢަބްދުލްމުހައިމިން ޙުސައިން، ރ. އަތޮޅު މަދަރުސާގައްޔާއި، ރ. އިނގުރައިދޫ ސްކޫލުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އުނގަންނައިދިނުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ފަރުވާތެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި ކުރައްވައިފައި ވެއެވެ. އަދި، މިހާރުވެސް ޢަބްދުލްމުހައިމިން ޙުސައިން ގެންދަވަނީ އެމަސައްކަތްތައް ކުރައްވަމުންނެވެ. މީގެއިތުރުން، ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް މަދު ދުވަސްވަރުގައި ޓީޗިންގ އެއިޑްސް ތައްޔާރުކުރެއްވުމުގެ މަސައްކަތާއި، ވަރކްޝީޓް ހެއްދެވުމުގެ މަސައްކަތް ކުރައްވައި، ޓެސްޓް ޕޭޕަރުތައް އަތުން ލިޔުއްވައިގެން ތައްޔާރު ކުރައްވައިފައި ވެއެވެ.

ރ. އަތޮޅު މަދަރުސާގައި ފުރަތަމަ ފަހަރަށް ކަބް-ސްކައުޓް އުފައްދަވައި، އެ ހަރަކާތްތައް ހިންގަވައި، އޭރު ދަރިވަރުން ސްކައުޓަށް އެންރޯލް ކޮށްދެއްވުމުގެ މޭސްތިރިއަކީވެސް ޢަބްދުލްމުހައިމިން ޙުސައިނެވެ. ހަމައެއާއެކު، ޚިދުމަތްކުރެއްވި ސްކޫލުތަކުގައި ދުވަހުން ދުވަހަށް ލިޔުއްވަންޖެހޭ ޔައުމިއްޔާތައް ލިޔުއްވުމާއި، ފައިސާގެ ހިސާބުތައް ބެލެހެއްޓެވުމާއި، އިދާރީ މަސައްކަތްތައްވެސް ޢަބްދުލްމުހައިމިން ޙުސައިން ކުރެއްވިއެވެ. އަދި ސްކޫލުން ބާއްވާ ޚާއްޞަ ޙަފުލާތަކާއި، އެނޫން ކަންކަމުގައިވެސް ޢަބްދުލްމުހައިމިން ޙުސައިން ޢަމަލީގޮތުން ބައިވެރިވެވަޑައިގަންނަވައެވެ. ސްކޫލުން ހަމަޖައްސަވާ ގޮތެއްގެ މަތިން، ސްކޫލުގެ ކްލަބުތަކުގެ ސުޕަވައިޒަރ އިންޗާޖުކަމާއި، ސެޝަން އިންޗާޖުކަން ކުރެއްވުމާއި، މުދައްރިސުންނާއި ބެލެނިވެރިންގެ ޖަމުޢިއްޔާ ހިންގެވުންފަދަ ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޢަބްދުލްމުހައިމިން ޙުސައިނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެކިއެކި ފަންތިތަކުގެ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އިތުރު ތަމްރީނުދެއްވަމުން ގެންދަވައެވެ. އަދި ދަރިވަރުންނަށް އުނގަންނަވައިދެއްވުމުގެ އެންމެހައި މަސައްކަތްތަކުގައްޔާއި، ކުދިންނަށް ދިމާވާ ތަފާތު މައްސަލަތަކާއި، އެސެސްމަންޓުތަކުގެ ނަތީޖާތަކާއި، ދަރިވަރުންގެ އުޅުމަށް އަންނަ ބަދަލުތައް، ހިއްސާކުރަންޖެހޭ އެންމެހައި ފަރާތްތަކަށް ރޭވުންތެރިކަމާއެކުގައި ވަރަށް ރަނގަޅަށް ހިއްސާކުރައްވައި، ހެޔޮބަދަލުތައް ގެންނެވުމަށް މަސައްކަތް ކުރައްވައިފައިވެއެވެ. އަދި ދަރިވަރުން ރަށުގައި ތިބެގެން އޯ.ލެވެލް އިމްތިޙާނު ހެދޭނެ ސެންޓަރަކަށް އިނގުރައިދޫ ސްކޫލު ބަދަލުކުރުމަށް ކުރެވުނު މަސައްކަތްތަކުގައިވެސް ޢަބްދުލްމުހައިމިން، ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވިކަން ފާހަގަކޮށްލަން ޖެހެއެވެ.

ޢަބްދުލްމުހައިމިން ޙުސައިނަކީ، ވަޒީފާ އަދާކުރުމުގެ މާހައުލުގައި ހެދިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ޙުރްމަތްތެރިކޮށް ހިއްތަވައިގެން ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެއްކަން ފާހަގަކޮށްލަން ޖެހެއެވެ.