އަލްފާޟިލް އަޙްމަދު އިކުރާމް
ގ. އިވްނިންގސްޓާރ

އަޙްމަދު އިކުރާމް، ސަރުކާރަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 14 އޮގަސްޓު 1989ގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް.) ގެ ސެކިއުރިޓީ ޔުނިޓުގައި ސެކިއުރިޓީ އޮފިސަރެއްގެ މަގާމުގައެވެ. އިކުރާމް، ޚިދުމަތް ކުރައްވައިފައިވާ މުއްދަތަށާއި، އަދި ޚިދުމަތުގެ ފެންވަރަށް ބަލައި، މި ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގައި މަގާމުގެ ކުރިއެރުންތައް ލިބިވަޑައިގެންފައި ވެއެވެ. އެމް.އޭ.ސީ.އެލް.ގެ ސެކިއުރިޓީއާ ބެހޭ ކަންކަން 2013ވަނަ އަހަރު އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ދަށަށް ބަދަލުވުމާއެކު، އެވެކްސް ސުޕްރިންޓެންޑެންޓުގެ މަގާމަށް އިކުރާމް ހަމަޖެއްސެވިއެވެ. މިހާރު ސީނިއަރ ސުޕްރިންޓެންޑެންޓުގެ މަގާމުގައި ހުންނަވައިގެން އަދާކުރައްވަމުން ގެންދަވަނީ، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑުގެ ރީޖަނަލް އެއަރޕޯޓުގެ ޔުނިޓުގެ ޑެޕިއުޓީ ހެޑެއްގެ މަސްއޫލިއްޔަތެވެ.

މިއަދާ ހަމައަށްވެސް އަޙްމަދު އިކުރާމް މަސައްކަތަށް ދެއްވާ އަހަންމިއްޔަތަށް އެއްވެސް ބަދަލެއް ނާދެއެވެ. މިގޮތުން، ހިނގާ އެކި އެކްސިޑެންޓްތަކާއި، އިންޖީނު ފެއިލްވުމާއި، ރަންވޭގައި ހިނގާ ހާދިސާތައް ހިމެނޭހެން، މުހިންމު ކުއްލި ހާލަތްތަކުގައި، އެކަންކަން ހައްލުކުރެއްވުމުގައި މުހިންމު ދައުރެއް އަޙްމަދު އިކުރާމު އަދާކުރައްވައިފައިވެއެވެ. ކަންކަމުގައި އަވަސް އަދި ސްޓްރެޓީޖިކް ނިންމެވުންތައް ނިންމެވުމުގެ ގާބިލުކަން ހުރި އަދި މިފަދަ ހާލަތްތަކުގައި ނަމޫނާ ދައްކަވައި، އިތުބާރުކުރެވޭ ލީޑަރެއްކަންވެސް އިކުރާމު ވަނީ ސާބިތު ކޮށްދެއްވައިފައެވެ.

2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގެ ތެރޭގައި އިކުރާމް ވަނީ، ހަރުދަނާކަމާއެކު ފިޔަވަޅުތައް އަޅުއްވައި، އިންޓަރނޭޝަނަލް ޑިޕަރޗަރ ސްކްރީނިންގ އޭރިއާގައި، ޓީމް ލީޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައެވެ. މި ކާރިސާގެ ތެރޭގައި ތިން ދުވަސްވަންދެން އެއްވެސް އަރާމުކުރުމެއް ނެތި، އަދި ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވައި، ފަސިންޖަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވުމަށް، ސަލާމަތީގޮތުން ރައްކާތެރި ފިޔަވަޅުތަކެއް ތަންފީޒުކުރައްވައި ބެލެހެއްޓެވިއެވެ. އޭވިއޭޝަން ތާރީޚުގައިވެސް ދިވެހިރާއްޖޭގައި ދިމާވި އެންމެ ގޮންޖެހުން ބޮޑު ދުވަސްވަރު، އަޙްމަދު އިކުރާމުގެ ޖެހިލުން ކުޑަ ލީޑަރޝިޕާއެކު، އެދުވަސްވަރު އޮޕަރޭޝަންގެ މަސައްކަތްތައް އޮމާންކަމާއެކު ކުރިއަށް ގެންދެވުނުކަން ފާހަގަކޮށްލަން ޖެހެއެވެ.

ރިވެތި އަޚުލާގާއި، ހަރުދަނާ އުސޫލުތައް، އަދި ޢަޒުމާއެކުގައި ސަލާމަތަށް ކެނޑިނޭޅި ކުރައްވައިފައިވާ ޚިދުމަތާއެކު، އަޙްމަދު އިކުރާމަކީ، ހިންގުންތެރި އަދި އޭވިއޭޝަން ސެކިއުރިޓީގެ ދާއިރާއަށް ވަރަށް މުހިއްމު ބޭފުޅެކެވެ. އަޙްމަދު އިކުރާމުގެ ޚިދުމަތުގެ މި ދިގު ތާރީޚުން ފެންނަނީ ނަޒާހަތްތެރިކަމާއި، ލީޑަރޝިޕާއި އަދި ފަސިންޖަރުންނާއި، މުވައްޒަފުންނާއި، މުޅި ޞިނާޢަތް ހިމާޔަތް ކުރެއްވުމަށް ކުރެއްވި ޚިދުމަތްތަކުގެ ހެކިތަކެވެ.

ޤައުމީ ކްރިކެޓް ޓީމުގައި ފާހަގަކޮށްލެވޭ މުހިންމު ކުޅުންތެރިއެއްގެ ދައުރުވެސް އަޙްމަދު އިކުރާމް އަދާކުރައްވައިފައި ވެއެވެ.