ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ މާހިރު
ދަފްތަރު. ނަންބަރު ރސ 4399، މާލެ

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ މާހިރު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 22 އެޕްރީލު 1979 ގައި، ޕަބްލިކް މެއިންޓެނަންސް ޑިވިޜަންގެ ޕިޔޯނެއްގެ ވަޒީފާއިންނެވެ. އަދި 5 ޖުލައި 1979ގައި، އެން.އެސް.އެސް.ގެ ޕްރައިވެޓްގެ ރޭންކްގައި ޚިދުމަތް ކުރައްވަން ފެށްޓެވިއެވެ. އޭގެފަހުން، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1ގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓްގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރެއްވުމަށްފަހު 1 ޖުލައި 2014 ގައި ރިޓަޔަރކުރެއްވިއިރު ހުންނެވީ އެމް.އެން.ޑީ.އެފް.ގެ ސާރޖަންޓް މޭޖަރގެ ރޭންކްގައެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ މާހިރުގެ ޚިދުމަތްތަކުގެ ތެރޭގައި 3 ނޮވެންބަރު 1988 ގައި ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ތެރޭގައި ޖެހިލުންކުޑަކަމާއެކުގައި ކުރެއްވި މަސައްކަތް ފާހަގަކޮށްލަންޖެހެއެވެ. އެ ނުރައްކާތެރި ދަނޑިވަޅުގައި އަމިއްލަ ހަށިގަނޑާއި ފުރާނައަށްވުރެ، މާތްވެގެންވާ އިސްލާމްދީނާއި ޤައުމުގެ ސަލާމަތް އިސްކުރައްވައި ކުރަންޖެހުނު ކޮންމެކަމެއް ސާބިތުކަމާއެކު ފަސްޖެހުމެއްނެތި ކުރައްވައިފައިވެއެވެ. އިސްފަރާތްތަކުން ދެއްވި އޯޑަރުތަކަށް ފުރިހަމައަށް އެއްބާރުލުންދެއްވައި، ބޭރުގެ ކުލީ ސިފައިން، ސިފައިންގެ މައި މަރުކަޒުގެ ހުޅަނގުދެކުނު ކަން ގޮއްވާލައި އެ ގޮއްވައިލިތަން ބެއްދުމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވެވަޑައިގެންނެވުމާއި، ހަތިޔާރާއެކުގައި "ރެކީ ޕެޓްރޯލް" ކުރުމަށް ސާބިތުކަމާއެކީގައި ހަމަލާއަށް ކުރިމަތިލުމަށްޓަކައި ސިފައިންގެއިން ބައިވެރިވި 11 މީހުންގެ ތެރޭގައި ފަސްޖެހުމެއްނެތި ހިތްވަރާއެކުގައި މަސައްކަތް ކުރައްވާފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ. ހަމައެހެންމެ، 3 ނޮވެންބަރު 1988 ގެ ހަމަލާއާ ގުޅިގެން، ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ ޢާއިލާގެ ސެކިއުރިޓީ ބަލަހައްޓަވައިފައި ވެއެވެ. ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ މާހިރު ވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން ޢަބްދުލްޤައްޔޫމްގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމްގެ ޕަރސަނަލް ސެކިއުރިޓީވެސް ބަލަހައްޓަވައިދެއްވައިފައެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ މާހިރު، ސެކިއުރިޓީ ދިނުމުގެ ދާއިރާގައި މެދުނުކެނޑި 26 އަހަރު، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކުގައި މަސައްކަތްކުރައްވައިފައި ވެއެވެ. މީގެ އިތުރުން، 2004ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހިންނަށް ކުރިމަތިވި ފޫނުބެއްދޭ ވަރުގެ ގެއްލުންތަކުން އަރައިގަތުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގެ ތެރޭގައި ގދ. އަތޮޅުގެ ރަށްތަކަށް ކަނޑުމަގުން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިސްވެހުންނަވައި މަސައްކަތްކުރެއްވިއެވެ. އެގޮތުން ސިފައިން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ވަރަށް ބުރަކޮށް މަސައްކަތްކުރައްވައިފައި ވެއެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ މާހިރު ވަނީ އެސް.ޕީ.ޖީ. އޯޑިޓް ޓީމުގެ އިންޗާޖްކަން ކުރައްވައިފައެވެ. އަދި ޓާސްކް ފޯސްގައްޔާއި، ޑެލްޓާ ފޯސްގައްޔާއި، ޑިއުޓީ ސެކްޝަނުގައި ޚިދުމަތް ކުރައްވައިފައިވެއެވެ. މީގެ އިތުރުން، ޓާމް ޑިއުޓީގެ ގޮތުގައި އާރު.އެޗް.ކިއު. ކައްދޫ ޓޫ އައި.ސީ.ގެ މަގާމާއި، ފުވައްމުލައް އައި.ސީ.ގެ މަގާމާއި، ރ. ހުޅުދުއްފާރު އައި.ސީ.ގެ މަގާމުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ސިފައިންގެ ބޭންޑުގައިވެސް މަސައްކަތްކުރައްވައިފައި ވެއެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ މާހިރު، 21 މާރިޗު 2013 އިން ފެށިގެން އެސް.ޕީ.ޖީ. އޯޑިޓް ޓީމުގެ އިންޗާޖުގެ ގޮތުގައި 1 އަހަރު ދުވަހު އިޚުލާޞްތެރިކަމާއެކުގައި ޚިދުމަތްކޮށްދެއްވައިފައިވާތީ އެމަސައްކަތްތައް ފާހަގަކުރައްވައި، ހިތްވަރުދެއްވުމުގެ ގޮތުން "ލެޓަރ އޮފް ކޮމެންޑޭޝަން" ދެއްވައިފައި ވެއެވެ.

ސާރޖަންޓް މޭޖަރ (ރިޓަޔަރޑް) ޢަލީ މާހިރު، ސިފައިންގޭގައި އިޚުލާޞްތެރިކަމާއެކުގައި ކުރެއްވި ޚިދުމަތުގެ ސަބަބުން، ޝަރަފުގެ ނިޝާންގެ ގޮތުގައި 8 މެޑެއްޔާއި 6 ކުލަ ލިބިވަޑައިގެންފައިވެއެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގުމުއްދަތުގައި ޚިދުމަތް ކުރުމުގެ ކުލަ ލިބިވަޑައިގެންނެވިއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، 3 ނޮވެންބަރުގެ މެޑެއްޔާއި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެލް ހިމެނެއެވެ.