ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު
ހމ. ފްލެޓް ނަންބަރު 03-3-11

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގައި ޕްރައިވެޓެއްގެ ރޭންކުގައި 17 ޑިސެންބަރު 1989 ގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި، ޢަލީ ޝުޖާޢު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓްގެ ރޭންކުގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކުގައްޔާއި، ކޯޕްރަލްގެ ރޭންކުގައްޔާއި، ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކުގައްޔާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކުގައްޔާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 2 ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ދިވެހި އަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ކޮންސްޓްރަކްޝަން ސެކްޝަންގައެވެ. އޭގެފަހުން، ޑިއުޓީ ސެކްޝަންގައްޔާއި، ޕޮލިސް ހެޑްކުއާޓަރޒް (ޕެޓްރޯލް) ގައްޔާއި، ސ. ގަމުގައްޔާއި، ގާމާދޫ ސެކިއުރިޓީ ޔުނިޓުގައްޔާއި، ހއ. އަތޮޅުގައްޔާއި، ވިލިގިނލީގައްޔާއި، ވެލްފެއަރ ސެކްޝަންގައްޔާއި، ދ. ކުޑަހުވަދޫގައްޔާއި، އައްޑޫގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވެލްފެއަރ ސެކްޝަންގައްޔާއި، މާފަންނު ޕޮލިސް ސްޓޭޝަންގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ދޫނިދޫ ކަސްޓޯޑިއަލްގައްޔާއި، ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައްޔާއި، ޕޮލިސް ކޮމިއުނިކޭޝަން ސެންޓަރގައްޔާއި، ތ. އަތޮޅުގައްޔާއި، އއ. އަތޮޅުގައްޔާއި، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގައްޔާއި، ފ. އަތޮޅުގައްޔާއި، ލޮޖިސްޓިކް ސަޕޯޓް އެންޑް ޕޮލިސް އިކުއިޕްމަންޓްގައްޔާއި، ހުޅުމާލޭ ފޭސް 2 އިންވެސްޓިގޭޝަން ޓީމް "އޭ" ގައިވެސް މަސައްކަތް ކުރައްވައިފައިވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ތަޙުޤީޤުކުރުމުގެ ދާއިރާއިން ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި، ޢަޒުމާއެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން، 2013ވަނަ އަހަރު ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ތަޙުޤީޤުކުރުމުގައި އެކަށީގެންވާ ކާމިޔާބީއެއް ހާސިލުކުރައްވައިފައިވުމާއި، 2017ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތް ކުރިއެރުވުމަށާއި ތަރައްޤީކުރުމަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކޮށްދެއްވައިފައިވުމާއި، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް" ގައި މަސައްކަތް ކުރައްވައިފައިވުމާއި، ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ އިތުރުން، އަމިއްލަފުޅަށް އިސްނަންގަވައިގެން ގިނަ ޚިދުމަތްތަކެއް ދިވެހި ފުލުހުންގެ ދާއިރާއަށް ކޮށްދެއްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.

މީގެއިތުރުން، ސުނާމީ ކާރިސާގައްޔާއި މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެއްވި މަސައްކަތްތަކުގައިވެސް، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި، 9 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި އަޚުލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތަށް ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، ފުލުހުންގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެލް ހިމެނެއެވެ.