ސާރޖަންޓް މޭޖަރ މުޙައްމަދު ޙުސައިން
ސާރޖަންޓް މޭޖަރ މުޙައްމަދު ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 17 ޑިސެންބަރު 1989 ގައެވެ. އެންމެ ފުރަތަމަ ޚިދުމަތްކުރެއްވީ، އެން.އެސް.އެސް.ގެ ޕްރައިވެޓްގެ ރޭންކްގައެވެ.އޭގެފަހުން، އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، އެމް.އެން.ޑީ.އެފް.ގެ ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓުގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓުގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓުގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ސާރޖަންޓް މޭޖަރގެ ރޭންކްގައެވެ.
ސާރޖަންޓް މޭޖަރ މުޙައްމަދު ޙުސައިން، ސިފައިންގޭގައި ޚިދުމަތް ކުރެއްވި ދާއިރާތަކުގެ ތެރޭގައި، ސިފައިންގެ ޑިއުޓީ ސެކްޝަނާއި، ރީޖަނަލް ހެޑްކުއަރޓަރޒްއާއި، ލ. ކައްދޫ ކުއިކް ރިއެކްޝަން ފޯސް 3 އާއި، މެރިން ކޯ ހެޑްކްއާޓަރޒް، ދަ ބޭސިކް ސްކޫލް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒް ހިމެނެއެވެ. އަދި ކުއިކް ރިއެކްޝަން ފޯސް 3ގެ އަލްފާ ޕްލެޓޫން ސެކްޝަން ކޮމާންޑަރ ކަމާއި، ޕްލެޓޫން ސާރޖަންޓް ކަމާއި، މެރިން ކޯ ހެޑްކްއާޓަރޒްގެ އެޑްމިން އިންޗާރޖު ކަމާއި، ދަ ބޭސިކް ސްކޫލް ސީނިއަރ އެންލިސްޓެޑް ލީޑަރ ކަމާއި، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްގެ ސީނިއަރ އެންލިސްޓެޑް ލީޑަރުކަން ހިމެނެއެވެ.
ސާރޖަންޓް މޭޖަރ މުޙައްމަދު ޙުސައިން، ޢަސްކަރީ ތަފާތު ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ތަމްރީނުތަކެއް ހާސިލުކުރައްވައިފައި ވެއެވެ. އަދި ދިވެހި ޢަސްކަރިއްޔާގައި އަގުހުރި ޚިދުމަތްތަކެއް ކުރައްވައި ގިނަ އަދަދެއްގެ ސިފައިން ތަމްރީނު ކުރައްވައިފައިވެއެވެ. ސާރޖަންޓް މޭޖަރ މުޙައްމަދު ޙުސައިން ފާހަގަކުރެވެނީ، ހެވި އެދުރެއްގެ (ސީނިއަރ ޑްރިލް އިންސްޓްރަކްޓަރގެ) ގޮތުގައެވެ.
ސާރޖަންޓް މޭޖަރ މުޙައްމަދު ޙުސައިން، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާންގެ ގޮތުގައި 10 ކުލައާއި 10 މެޑެލް ހާސިލު ކުރައްވައިފައި ވެއެވެ. ހާސިލު ކުރައްވައިފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލައާއި، އަމާޒަށް ބަޑިޖެހުމުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، އަދި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.
ދިވެހި ޢަސްކަރިއްޔާގައި އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައިވާ ސާރޖަންޓް މޭޖަރ މުޙައްމަދު ޙުސައިން، ސިފައިންގެ ޚިދުމަތުގައި އަދާކުރައްވައިފައިވާ ޒިންމާދާރު މަސައްކަތްތަކަކީ، ޤައުމީ ޚިދުމަތަށް ދެއްވި އިސްކަމާއި، ލޯބި ހާމަކޮށްދޭ ކަންކަމެވެ.