ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު
ހމ. ފްލެޓްނަންބަރު 04-3-92

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގައި ޕްރައިވެޓް ރޭންކްގައި 4 ޑިސެންބަރު 1989 ގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ، އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އިބްރާހީމް މުޙައްމަދު މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓްގެ ރޭންކުގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކުގައްޔާއި، ކޯޕްރަލްގެ ރޭންކުގައްޔާއި، ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކުގައްޔާއި، ޗީފް ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކުގައްޔާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައްޔާއި، އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކު ގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު، ދިވެހި އަސްކަރިއްޔާއާއި، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ، ކޯސްޓްގާޑް ސެކްޝަންގައެވެ. އޭގެފަހުން، އޮފީސް މަސައްކަތުބައިގައްޔާއި، ޔުނީފޯމް ސެކްޝަންގައްޔާއި، ކިއު.އާރު.އެފް. ޔުނިޓް1 (ހުޅުލެ) ގައްޔާއި ޑިއުޓީ ސެކްޝަންގައްޔާއި، ދޫނިދޫ ސެކްޝަން ޔުނިޓުގައްޔާއި، ނ. އަތޮޅުގައްޔާއި، ގާމާދޫ ކުޑަކުދިންގެ އިޖުތިމާޢީ މަރުކަޒުގައްޔާއި، ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލް އޮޕަރޭޝަންސްގައްޔާއި، މެޑިކަލް ސަރވިސަސްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި، އަޕަރ ނޯތު ޕޮލިސް ޑިވިޜަންގައްޔާއި، ހުޅުމާލެ ޕޮލިސް ސްޓޭޝަންގައްޔާއި، ސްޓާފް ވެލްފެއަރ ޔުނިޓުގައްޔާއި، ހދ. އަތޮޅުގައްޔާއި، އަޕަރ ސައުތު ޕޮލިސް ޑިވިޜަންގައްޔާއި، އިންސްޓޮލޭޝަން ސެކިއުރިޓީ ޔުނިޓްގައްޔާއި، ސްޕެޝަލިސްޓް އޮޕަރޭޝަން ޑިޕާޓްމަންޓްގައްޔާއި، ޕޮލިސް ކަސްޓޯޑިއަލް ފިއުޖިޓިވް ރިކަވަރީ ޔުނިޓުގައްޔާއި، ފިއުޖިޓިވް ރިކަވަރީ އެންޑް ކަސްޓޯޑިއަލް ސަޕޯޓް ސަރވިސަސްގައިވެސް މަސައްކަތް ކުރައްވައިފައި ވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ތަޙުޤީޤުކުރުމުގެ ދާއިރާއިންނާއި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ޢަޒުމާއެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން، 2001ވަނަ އަހަރު ޕޮލިސް ހެޑްކްއާޓަރޒަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ބޮޑެތި މައްސަލަތައް ކާމިޔާބުކުރުމަށް އެހީތެރިވެވަޑައިގެންފައިވުމާއި، 2001ވަނަ އަހަރު ތަޙުޤީޤުކުރުމުގެ ދާއިރާއިން ފާހަގަކޮށްލެވޭފަދަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވުމާއި، 2002ވަނަ އަހަރު ހިންގި 41ވަނަ އަސާސީ ތަމްރީނު ކޯހުގެ ޕްލެޓޫން ސަރޖަންޓެއްގެ ގޮތުން މަސައްކަތް ކޮށްދެއްވައިފައިވުމާއި، 2006ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ބެލުމުގައި އެހީތެރިވެވަޑައިގެންފައިވުމާއި، 2014ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން އިރުވަރު" ގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގަތުން ފާހަގަކޮށްލަންޖެހެއެވެ. އަދި 2017ވަނަ އަހަރު ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ދިހި" އަދި 2018ވަނަ އަހަރު ބޭއްވުނު ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް" ގައްޔާއި، 2020ވަނަ އަހަރު ކޮވިޑް-19 އާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތުގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައި، 2023ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް 2023" ކާމިޔާބު ކަމާއެކީގައި ނިންމާލުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އިޚުލާޞްތެރި މަސައްކަތްތަކެއް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު ކޮށްދެއްވައިފައި ވެއެވެ.

މީގެ އިތުރުން، ސުނާމީ ކާރިސާގައްޔާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެއްވި މަސައްކަތްތަކުގައިވެސް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު، ސިފައިންގޭގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި، ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 5 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި އަޚުލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި މެޑެލް ތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެއްޔާއި، ފުރާނަ ސަލާމަތްކުރުމުގެ ރިހި މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، އަދި އިޚުލާޞްތެރި ޚިދުމަތުގެ މެޑެލް ހިމެނެއެވެ.