ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބް
ބޮކަރުމާގެ، ބ. ކުޑަރިކިލު

ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 28 ނޮވެންބަރު 1989 ގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގައި ޕްރައިވެޓުގެ ރޭންކުންނެވެ. އޭގެ ފަހުން ލާންސް ކޯޕްރަލް ކަމުގެ ރޭންކްގައްޔާއި، ކޯޕްރަލް ކަމުގެ ރޭންކްގައްޔާއި، ސާރޖަންޓް ކަމުގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓް ކަމުގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓްކްލާސް ކަމުގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ފަސްޓް ސާރޖަންޓް ކަމުގެ ރޭންކްގައެވެ.

ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބަކީ، އެން.އެސް.އެސް.ގެ ޚިދުމަތުގައި، ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ ޢަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ހިތްވަރާއެކު ނަމޫނާ ދައްކަވާފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. އަދި، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން ކޮންމެ މަސައްކަތެއްވެސް ތެދުވެރިކަމާއެކު ކުރައްވައި، ސިފައިންގެއަށާއި، ދިވެހި ޤައުމަށް އިޚުލާޞްތެރި ބޭފުޅެކެވެ.

ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބް ވަނީ މުއައްސަސާގެ ކުރިއެރުމަށްވެސް ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. މިގޮތުން 2011ވަނަ އަހަރު، އައްޑޫ ސިޓީގައި ކުރިއަށް ގެންދެވުނު ސާރކް ސަމިޓް އޮޕަރޭޝަންގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކޮށްދެއްވައިފައެވެ. އަދި ރާއްޖެއަށް ކުރިމަތިވި ބޮޑެތި ކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން ނަމޫނާ ދައްކަވައިފައިވެއެވެ. ޚާއްޞަގޮތެއްގައި، ޤައުމަށް ކުރިމަތިވި ބޮޑެތި ކާރިސާތައް ކަމުގައިވާ ސުނާމީ ކާރިސާއާއި، ކޮވިޑް19-ގެ ބަލިމަޑުކަމާ ގުޅިގެން ސިފައިންގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ ޚާއްޞަ އޮޕަރޭޝަންގައި ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. މީގެއިތުރުން، 2014ވަނަ އަހަރު އެމް.ޑަބްލިޔޫ.އެސް.ސީ.ގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލޭގެ ފެނުގެ ޚިދުމަތަށް ބުރޫއަރައި ކުރިމަތިވި ދަތިތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުން މާލޭގައި ދިރިއުޅޭ މީހުންނަށް ފެން ފޯރުކޮށްދިނުމަށް ހިންގި "އޮޕަރޭޝަން ފެންދުނި"ގައި މަސައްކަތް ކުރައްވައިފައިވެއެވެ.

ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބުގެ މި ދިގު ޚިދުމަތުގެ މުއްދަތުގައި 3 ޔުނިޓެއްގައި އުޅުއްވައި ތަފާތު މަގާމުތައް ފުރުއްވައިފައި ވެއެވެ. މިގޮތުން، މޯލްޑިވްސް ޕޮލިސް ސަރވިސްގެ ޑިޓެންޝަން ސެކިއުރިޓީ ޔުނިޓުގައި ޕްލެޓޫން ކޮމާންޑަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، އޮޕަރޭޝަން ކޮމާންޑަރ ކަމާއި، މެއިންޓެނަންސް ސުޕަވައިޒަރ ކަމާއި، މެއިންޓެނަންސް އިންޗާޖް ކަމާއި، ލޮޖިސްޓިކް ސުޕަވައިޒަރ ކަމާއި، ލޮޖިސްޓިކް އިންޗާޖްކަން ކުރައްވައިފައި ވެއެވެ. ރާއްޖޭގައި ބޭއްވުނު ހުރިހާ ސާރކް ސަމިޓެއްގެ ސެކިއުރިޓީ ކަންކަމުގައި ޢަމަލީ ގޮތުން، ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރު ޤައުމުތަކުގެ އިސްވެރިންގެ އެއްގަމު ދަތުރުފަތުރުގެ ކޭޑާއި، އަދި އެއަށްވުރެ ދަށު ފަންތީގެ ބޭފުޅުންގެ އެއްގަމާއި ކަނޑު ދަތުރުތައް ރާއްވަވައި ހިންގެވުމުގައި ޢަމަލީ ގޮތުން މަސައްކަތް ކުރައްވައިފައި ވެއެވެ.

ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެލާއި 6 ކުލަ ލިބިވަޑައިގެންފައި ވެއެވެ. ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބަކީ އެކުވެރި، ހިތްހެޔޮ މިޒާޖެއްގެ ބޭފުޅެކެވެ. އަދި ސިފައިންގެ ޚިދުމަތުގައި ކޮށްދެއްވައިފައިވާ އަގުހުރި މަސައްކަތްތަކަކީ، މުއައްސަސާއާއި، މުޅި ޤައުމު އެކަންކަމަށް ފަޚުރުވެރިވާ ޚިދުމަތްތަކެކެވެ. ފަސްޓް ސާރޖަންޓް އިބްރާހީމް ޝަކީބް، ޚިދުމަތް ކުރައްވަން ފެށްޓެވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ފާހަގަކުރެވިފައިވަނީ، ކަމަށްކަމޭހިއްތަވައި، އަޚުލާޤު ރަނގަޅު އަދި ސާބިތުކަމާއެކު ޤައުމީ ޚިދުމަތް އިސްކުރައްވައިގެން މަސައްކަތް ކުރައްވައިފައިވާ ބޭފުޅެއްގެ ގޮތުގައެވެ.