އަލްފާޟިލް ޢަބްދުއްލަޠީފް ޙަސަން
ކަށިމާވިލާ، ހއ. ދިއްދޫ

ޢަބްދުއްލަޠީފް ޙަސަން، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1 ފެބުރުވަރީ 1989 ގައި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ޢަބްދުއްލަޠީފް މިހާރު ހުންނެވީ، ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގެ ސެކްރެޓެރީ ޖެނެރަލްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ޢަބްދުއްލަޠީފް ވަނީ، ހއ. ތަކަންދޫ މަދަރުސަތުއްޝަހީދު ޢަލީ ތަކުރުފާނުގެ އިސް ޓީޗަރު ކަމާއި، ހދ. ހަނިމާދޫ ސްކޫލުގެ ހެޑްމާސްޓަރުކަން ކުރައްވައިފައެވެ. އަދި ހަނިމާދޫ ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލް ކަމުގެ މަގާމާއި، ޑެޕިއުޓީ ޕްރިންސިޕަލްކަމުގެ މަގާމާއި، ހއ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ހެޑްމާސްޓަރ ކަމުގެ މަގާމާއި، އެސިސްޓެންޓް ޕްރިންސިޕަލް ކަމުގެ މަގާމުގެ އިތުރުން، އެ މަރުކަޒުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ. އޭގެފަހުން، ތިލަދުންމަތީ އުތުރުބުރީ ދިއްދޫ ކައުންސިލްގެ އިދާރާއާ ގުޅިވަޑައިގެން، އެ އިދާރާގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، އެސިސްޓެންޓް ކައުންސިލް އެގްޒެކެޓިވްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.

ޢަބްދުއްލަޠީފް ޙަސަން ވަނީ ކައުންސިލް އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތުގެ އިތުރުން، މުނިސިޕަލް ސަރވިސް ޔުނިޓް ހިންގެވުމުގެ މަސްއޫލިއްޔަތުވެސް އަދާކުރައްވައިފައެވެ. އަތޮޅު ކައުންސިލް އިދާރާގެ ސެކްރެޓެރީ ޖެނެރަލްގެ ހައިސިއްޔަތުން ޢަބްދުލަޠީފް ޙަސަން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި، އަތޮޅު ކައުންސިލް އިދާރާގެ މާލީ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރެއްވުމާއި، އަތޮޅު ކައުންސިލުން ފާސްކުރައްވާ ކަންކަން ތަންފީޒު ކުރެއްވުމާއި، އަތޮޅު ކައުންސިލްގެ ރައީސް އަންގަވާގޮތެއްގެ މަތިން އަތޮޅު ކައުންސިލް އިދާރާގެ އިދާރީ މަސައްކަތްތައް، ސެކްޝަންތަކުގެ ވެރިން ލައްވައި ކުރުވުމާއި، ކައުންސިލް ބިއުރޯގެ ކަންކަން ހިންގެވުން ހިމެނެއެވެ. އަދި މީގެއިތުރުންވެސް، އަތޮޅު ކައުންސިލްގެ އިދާރީ އެންމެހައި މަސައްކަތްތައް ބެލެހެއްޓެވުމާއި، އަތޮޅުގެ ރަށްރަށުގެ ރަށު ކައުންސިލްތަކުގެ ސެކްރެޓެރީ ޖެނެރަލުންގެ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ.

ޢަބްދުއްލަޠީފް ޙަސަން ވަނީ، ސްކޫލް މެނޭޖްމަންޓުގެ ދާއިރާއިން، ޑިޕްލޮމާ ހާސިލުކުރައްވައިފައެވެ. އަދި ލީޑަރޝިޕް އެންޑް މެނޭޖްމަންޓްގެ ދާއިރާއިން މާސްޓަރ އޮފް އެޑިޔުކޭޝަން ހާސިލުކުރައްވައިފައެވެ.

ޢަބްދުލަޠީފް ޙަސަން، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގުމުއްދަތެއް ވެއްޖެއެވެ.