އަލްފާޟިލް އިބްރާހީމް ބަޝީރު އަޙްމަދު
ދިގުވާނޑު. ޖުޕިޓަރ، ޏ. ފުވައްމުލައް

އިބްރާހީމް ބަޝީރު އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 1 ސެޕްޓެންބަރު 1979ގައި ޕަބްލިކް ހެލްތު ޑިވިޜަންގެ ފެމިލީ ހެލްތު ވަރކަރއެއްގެ މަގާމުގައެވެ. އޭގެފަހުން، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތާއި، ފުވައްމުލަކު ހޮސްޕިޓަލާއި، ސެންޓަރ ފޮރ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލާއި، ފުވައްމުލަކު ރަށުކައުންސިލުގެ އިދާރާއާއި، ދިގުވާނޑު ކައުންސިލުގެ އިދާރާއާއި، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ދަށުން ޚިދުމަތް ކުރައްވައިފައިވާއިރު، ފުރުއްވި މަގާމުތަކުގެ ތެރޭގައި، ޢާއިލާގެ އެހީތެރިޔާގެ މަގާމާއި، ފެމިލީ ހެލްތު ވަރކަރގެ މަގާމު ހިމެނެއެވެ. 16 ޖަނަވަރީ 2015 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ޏ.އަތޮޅު ހޮސްޕިޓަލްގެ ފެމިލީ ހެލްތު އޮފިސަރގެ މަގާމުގައެވެ.

ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ޢާއިލާ ރޭވުމުގެ މަސައްކަތާއި، ކުޑަކުދިން ކިރުމުގެ މަސައްކަތާއި، ވެކްސިން ދިނުމުގެ މަސައްކަތާއި، ހޮސްޕިޓަލުން ރާވައި ހިންގާ ޞިއްޙީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕުރޮގުރާމުތަކާއި ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ހިންގޭ އެންމެހައި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތްކުރެއްވުން ހިމެނެއެވެ. އަދި، ގަވާއިދުން ގޭގެއަށް ޒިޔާރަތްކުރައްވައި ޞިއްޙީ މައުލޫމާތު ފޯރުކޮށްދެއްވުމާއި، އެކަށީގެންވާ ވަސީލަތެއް ނެތް ދުވަސްވަރެއްގައި، ޓީ.ބީ.، ފައިލޭރިއާ، މެލޭރިއާ، ލެޕްރެސީފަދަ ބަލިތަކާއި، ފެތުރޭ ރޯގާތައް ކޮންޓްރޯލް ކުރުމަށް ޢަމަލީގޮތުން މަސައްކަތް ކުރެއްވުމާއި، އެން.ސީ.ޑީ.، އޭ.އެން.ސީ.،
ޕީ.އެން.ސީ. ކުލިނިކުތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން މަސައްކަތް ކުރެއްވުމާއި، މާބަނޑު މީހުން ވިއްސުމުގައި ފޫޅުމައިންނާއެކުގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. މީގެއިތުރަށް، މެޑިކަލް އެސްކޯޓެއްގެ ގޮތުގައި ބަލިމީހުން ގޮވައިގެން ކަނޑުމަގުން ކުރަންޖެހޭ ދަތުރުތަކުގައި ރަށްރަށަށް ދަތުރުކުރެއްވުމާއި އަދި ހޮސްޕިޓަލުން ހިންގާ ޕްރޮމޯޝަން ހަރަކާތްތަކާއި މުވައްޒަފުންގެ މެދުގައި ހިންގޭ ހަރަކާތްތަކުގައިވެސް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

އިބްރާހީމް ބަޝީރު އަޙްމަދު، ދައުލަތުގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އޮފީހުގެ އެއްވެސް އުސޫލަކާ، ނުވަތަ ގަވާއިދަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަމާއި އަދި ގަޑިއަށް ހުރުމަތްތެރިކޮށް ހިއްތަވައި، އޮފީހުގެ ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވާފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.