ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) އަޙްމަދު ސަލީމް
ދަފްތަރު. ނަންބަރު ދރ 0066، މާލެ

ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) އަޙްމަދު ސަލީމް، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 16 މާރިޗު 1989 ގައި، އެން.އެސް.އެސް.ގެ ޕްރައިވެޓުގެ ރޭންކްގައެވެ. އޭގެފަހުން، އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިފައި ވަނީ 1 އޮގަސްޓު 2024 ގައެވެ. ރިޓަޔަރ ކުރެއްވިއިރު 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) އަޙްމަދު ސަލީމަކީ، ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އެއްވެސް ފޫހިކަމެއްނެތި ނުގުޑާފަދަ އަޒުމެއްގައި ސާބިތުވެ ހުންނަވައިގެން ހިތްވަރާއެކުގައި މަސައްކަތްކުރެއްވި ބޭފުޅެކެވެ. އަދި، ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) އަޙްމަދު ސަލީމަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން ހަވާލުކުރެވުނު ކޮންމެކަމެއް ޤާބިލުކަމާއި، ތެދުވެރިކަމާއެކުގައި، އެކަމަކަށް އިސްކަންދެއްވައިގެން ކުރައްވައިފައިވާ ބޭފުޅެކެވެ.

ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) އަޙްމަދު ސަލީމް ވަނީ، މުއައްސަސާގެ ކުރިއެރުމަށް ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. އަދި ތަފާތު ކޯސްތައް ވަނީ ފުރިހަމަ ކުރައްވައިފައެވެ. އެގޮތުން 8 މޭ 1990 އިން، 10 އޮގަސްޓު 1990 އަށް ސިފައިންގޭގައި ހިންގި އާރމަޑް ކޯސްވަނީ ފުރިހަމަ ކުރައްވައިފައެވެ. އަދި 17 ޖޫން 2000 އިން 24 ޖުލައި 2000 އަށް ބޭއްވުނު އާރމަޑް ވެހިކަލް ޑްރައިވިންގ އެންޑް މެއިންޓެނެންސް ބޭސިކް ކޯސް ވަނީ ފުރިހަމަ ކުރައްވައިފައެވެ. މީގެއިތުރުން، 8 އޮގަސްޓު 2017 އިން 14 ނޮވެންބަރު 2017 އަށް، ފިޓަރ އެންޑް އާރމަޑް އިންޖިނިއަރިންގ ކޯސް 2 ފުރިހަމަ ކުރައްވައިފައި ވެއެވެ.

ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) އަޙްމަދު ސަލީމް، ރާއްޖެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުގައި ޢަމަލީގޮތުން ބައިވެރިވެ ނަމޫނާ ދައްކަވައިފައިވުން ފާހަގަކޮށްލެވެއެވެ. ޚާއްޞަގޮތެއްގައި ރާއްޖެއަށް ކުރިމަތިވި އެންމެ ބޮޑު އެއް ކާރިސާކަމުގައިވާ 2004ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާއި، 2020ވަނަ އަހަރު މުޅި ދުނިޔެއަށާއި ރާއްޖެއަށް ކުރިމަތިވި ކޮވިޑ19-ްގެ ބަލިމަޑުކަމާ ގުޅިގެން ސިފައިންގެ ފަރާތުން ކުރިޔަށްގެންގޮސްފައިވާ ޚާއްޞަ އޮޕަރޭޝަނުގައިވެސް ބައިވެރިވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ.

1990ވަނަ އަހަރުން ފެށިގެން ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމާ ހަމައަށް ޚިދުމަތް ކުރައްވަމުން ގެންދެވީ، އާރމަޑް ވެހިކަލްތައް މަރާމާތު ކުރެއްވުމާއި، ބެލެހެއްޓެވުމުގެ މަސައްކަތުގައެވެ. ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) އަޙްމަދު ސަލީމް ވަނީ އެކަމާގުޅޭ ގިނަ ތަމްރީނުތަކެއްވެސް ފުރިހަމަ ކުރައްވައިފައެވެ.

ސްޓާފް ސާރޖަންޓް (ރިޓަޔަރޑް) އަޙްމަދު ސަލީމް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު ކުރެއްވި ޚިދުމަތްތަކުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެއްޔާއި، 8 ކުލަ ލިބިވަޑައިގެންފައިވެއެވެ. ޝަރަފުގެ ކުލަތަކުގެ ގޮތުގައި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަދި އަޚުލާޤީ ކުލަ ތިން ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް19- ހިމެނެއެވެ.