އަލްފާޟިލާ ޙައްވާ ޒާހިރާ
އަޒޭލިޔާ، ސ. ހިތަދޫ

ޙައްވާ ޒާހިރާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގައި 2 ނޮވެންބަރު 1989 ގައެވެ. ފުރަތަމަ އަދާކުރެއްވީ، ކާތިބާއެއްގެ ވަޒީފާއެވެ. އޭގެ ފަހުން ސ. އަތޮޅު އޮފީހުގައި، ސީނިއަރ ކުލާކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމާއި، އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ޙައްވާ ޒާހިރާ މިހާރު ހުންނެވީ، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރުގެ މަގާމުގައެވެ.

ޙައްވާ ޒާހިރާ، ދައުލަތުގެ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، ކުރައްވައިފައިވާ ބައެއް މަސައްކަތްތަކުގެ ތެރޭގައި، ސ. ގަމުގެ ޞިއްޙީ މަރުކަޒާއި، ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އިދާރީ މަސައްކަތްތަކުގެ އިތުރުން، އޯ.ޕީ.ޑީ.ގައިވެސް ބައެއް މަސައްކަތްތައް ކުރެއްވިއެވެ.

ސ. އަތޮޅު އޮފީހުގައި ޙައްވާ ޒާހިރާ މައިގަނޑު ގޮތެއްގައި ކުރެއްވީ، ފައިސާއާ ގުޅޭ މަސައްކަތްތަކާއި، އިދާރީ މަސައްކަތްތަކެވެ. އަދި، މިހާރު އައްޑޫ ސިޓީ ކައުންސިލުގެ އިދާރާގައިވެސް ޙައްވާ ޒާހިރާ ކުރައްވަމުން ގެންދަވަނީ، ފައިސާއާ ގުޅޭ މަސައްކަތްތަކެވެ. އޭގެތެރޭގައި، ކައުންސިލުގެ ބަޖެޓުން ކުރެވޭ ޚަރަދުތަކަށް ލިބޭ އިންވޮއިސްތަކަށް ޕޭމަންޓު ހެދުމުގެ މަސައްކަތާއި، އިންވޮއިސްތަކަށް ފައިސާ ދޫކުރެއްވުމާއި، ކައުންސިލުގެ އިދާރާގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާއި، ކައުންސިލުގެ އިދާރާ މެދުވެރިކޮށް ސަރުކާރުގެ އެކިއެކި އޮފީސްތަކުން އައްޑޫ ސިޓީގައި ހިންގަވާ ޕުރޮގްރާމުތަކާ ގުޅޭ ފައިސާއާ ގުޅޭ މަސައްކަތްތަކާއި، ޕްރޮޖެކްޓްތަކުގެ ފައިސާއާބެހޭ ކަންކަން ބެލެހެއްޓެވުމާއި، އެއާ ގުޅިގެން ތައްޔާރުކުރަންޖެހޭ ރިޕޯޓުތައް ތައްޔާރުކުރެއްވުން ހިމެނެއެވެ.