އަލްފާޟިލާ ޒާހިރާ މޫސާ
ޒާހިރާ މޫސާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 2 ނޮވެންބަރު 1989 ގައެވެ. ފުރަތަމަ އަދާކުރެއްވީ މާލޭ ސެންޓްރަލް ހޮސްޕިޓަލްގެ 2 ނަންބަރު ކާތިބާގެ ވަޒީފާއެވެ. ޚިދުމަތުގައި މިހާރު 35 އަހަރަށްވުރެ ގިނަ ދުވަސް ހޭދަކުރައްވައިފައިވާއިރު، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ކްލަރކްގެ މަގާމާއި، ސީނިއަރ ކްލަރކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމު އަދާކުރެއްވިއެވެ. އަދި މިހާރު ހުންނެވީ، އިންދިރާ ގާނދީ ހޮސްޕިޓަލުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމުގައެވެ.
ވޭތުވެދިޔަ ދިގު މުއްދަތުގައި ޒާހިރާ މޫސާއަކީ، ޚާއްޞަކޮށް ޞިއްޙީ ދާއިރާގެ އެކި ވަޒީފާތަކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާ ބޭފުޅެކެވެ. މިހާރު އަދާކުރައްވާ އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމުގައި މައިގަނޑު ގޮތެއްގައި ކުރައްވާ މަސައްކަތްތަކަކީ، އެހެން އޮފީސްތަކަށް ފޮނުވަން ހުންނަ ލިޔެކިޔުންތައް ޑިސްޕެޗް ކުރެއްވުމާއި، ޑިވިޜަނަށް ބޭނުންވާ ސްޓޭޝަނަރީއާއި އެހެނިހެން ތަކެތި ހޯދުމާގުޅޭ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތްތަކެވެ. މީގެއިތުރުން، ޑިވިޜަން ސާފުކޮށް ބަލަހައްޓާ މުވައްޒަފުން ސުޕަވައިޒްކުރެއްވުމާއި، އެ މުވައްޒަފުންނަށް އިރުޝާދު ދެއްވައި، ޑިވިޜަންގައި ހުރި ހަރުމުދާ އަދާހަމަ ކުރައްވައި ބެލެހެއްޓެވުމާއި، ޑިވިޜަނަށް ލިބޭ ލިޔެކިޔުންތައް ބައްލަވައި، އެ ލިޔެކިޔުމެއް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމަކީވެސް ޒާހިރާ މޫސާ ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ބައެއް މަސައްކަތްތަކެވެ.
ޒާހިރާ މޫސާ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި ތަނުގެ އެއްވެސް އުސޫލަކާއި ނުވަތަ ގަވާއިދަކާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ޒާހިރާ މޫސާ ފާހަގަކުރެވިފައިވަނީ ވަޒީފާގެ މަސްއޫލިއްޔަތުތައް ފަރުވާތެރިކަމާއެކު އަދާކުރައްވައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް އެހީތެރިވެދެއްވާ ނަމޫނާ ބޭފުޅެއްގެ ގޮތުގައެވެ.