ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދު
ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 12 ޑިސެންބަރު 1987 ގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައެވެ. އަސާސީ ތަމްރީނު ފުރިހަމަކުރެއްވުމަށްފަހު، އެންމެ ފުރަތަމަ ކުރެއްވީ ސިފައިންގެ އެކިއެކި މަރުކަޒުތަކުގައި ފޯރިމެރުމުގެ މަސައްކަތެވެ. އަދި ފަހުން އެން.އެސް.އެސް.ގެ ބޭހާ ބެހޭ ބައި އުފައްދަވައި، އެތަނަށް ޢައްޔަންކުރެއްވި މަދު ބޭފުޅުންގެ ތެރޭގައި ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދު ހިމެނިވަޑައިގަންނަވައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓްގެ ރޭންކްގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި އަދި ސާރޖަންޓްގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައިވެއެވެ.
އެން.އެސް.އެސް.ގެ ޚިދުމަތުގައި ސާރޖަންޓް ޢަލީ މުޙައްމަދު ދައްކަވައިފައިވަނީ، ހީވާގިކަމާއި މުރާލި ކަމުގެ ނަމޫނާއެކެވެ. ހަވާލުކުރެވުނު ކޮންމެ މަސައްކަތެއްވެސް ފަސްޖެހުމެއްނެތި ފުރިހަމަކުރައްވައިފައި ވެއެވެ. ކުއްލި ޞިއްޙީ ޙާލަތަކާ ގުޅިގެން ވަޒީފާއިން ރިޓަޔަރ ކުރެއްވިއިރު، ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދު މަސައްކަތް ކުރައްވަމުން ގެންދެވީ އެމް.އެން.ޑީ.އެފް. މެޑިކަލް ކޯރގެ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓްގައެވެ. ރިޓަޔަރ ކުރެއްވިއިރު ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.
ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދު ވަނީ، ސިފައިންގެ އަސާސީ ތަމްރީނުގެ އިތުރުން، ރާއްޖޭގައްޔާއި ރާއްޖެއިން ބޭރުގައި ތަފާތު އެކި ކޯސްތައް ފުރިހަމަ ކުރައްވައި، ފަންނީ އެތައް ތަޖުރިބާތަކެއް ހާސިލު ކުރައްވައިފައެވެ. އަދި، ސިފައިންގޭގައި ބޭއްވުނު އެކި އެކްސަސައިޒްތަކާއި، ހިންގުނު އެކި އޮޕަރޭޝަންތަކުގައި މެޑިކަލެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.
ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދަކީ، މެޑިކަލް ސަރވިސަސްގެ އިތުރުން، ސިފައިންގެ އެކުވެރި ކުންފުންޏާއި، މާލޭ އޭރިއާ، ހުޅުލޭ ޕޯސްޓުގައިވެސް މަސައްކަތް ކުރައްވައިފައިވާ އަދި ހުޅުމާލޭގައި ދިރިއުޅެމުންދާ ސިފައިންނާއި އެފަރާތްތަކުގެ ޢާއިލާތަކަށް މެޑިކަލް ކޯރއިން ފޯރުކޮށްދޭ ޚިދުމަތްތައް ވަރަށް އިޚުލާޞްތެރިކަމާއި، ފަރުވާތެރިކަމާއެކު ފޯރުކޮށްދެއްވައިފައިވާ ބޭފުޅެއްވެސް މެއެވެ.
ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދަކީ، ގަޑިއަށް ސަމާލުކަން ދެއްވުމުގައްޔާއި، ހަވާލުކުރެވޭ މަސައްކަތްތައް ޝަކުވާއެއްނެތި ފުރިހަމައަށް އަދާކުރެއްވުމުގައި ނަމޫނާ ބޭފުޅެކެވެ.
ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދަކީ، ސިފައިންގެ ލެވެލްގައި ހިންގުނު ތަފާތު އެތައް ޓްރެއިނިންގ ބެޗްތަކެއްގެ މެޑިކަލް ކަންތައްތައް ބަލަހައްޓަވައިފައިވާ ވަރަށް ޤާބިލު އަދި ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެހެން މުވައްޒަފުންނަށް އެހީތެރިވެދެއްވައި، އެމް.އެން.ޑީ.އެފް. މެޑިކަލް ކޯރގައި ހިންގުނު މުހިންމު އަދި ބޮޑެތި ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވާ ބޭފުޅެކެވެ. އަދި މަސައްކަތް ކުރެއްވި ޔުނިޓުގެ ގިނަ މުވައްޒަފުންގެ ލޯތްބާއި އިޙްތިރާމުވެސް ހޯއްދަވައިފައިވާ ބޭފުޅެއްވެސް މެއެވެ.
ސާރޖަންޓް (ރިޓަޔަރޑް) ޢަލީ މުޙައްމަދު ދިވެހި ޢަސްކަރިއްޔާގައި އިޚްލާޞްތެރިކަމާއެކުގައި ކުރެއްވި ޚިދުމަތް ފާހަގަކުރައްވައި، 5 ކުލައާއި، 6 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚްލާޤީ ކުލަ ހިމެނެއެވެ. އަޚްލާޤީ ކުލަ 2 ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ސައްތައިގެ މެޑެލް، 3 ނޮވެންބަރުގެ މެޑެލް، 17 ވަނަ ސާރކް ސަމިޓް މެޑެލް، ޖުމްހޫރީ 50ގެ މެޑެލް، މިނިވަން 50ގެ މެޑެލް، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލް ހިމެނެއެވެ.