އަލްފާޟިލް މުޙައްމަދު ޒިޔާދު
ގ. ގުރަހާގެ

މުޙައްމަދު ޒިޔާދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ މެކޭނިކް ޓްރެއިނީގެ ވަޒީފާގައި 4 އޮކްޓޫބަރު 1989 ގައެވެ. މިހާރު ހުންނެވީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑްގެ އެސިސްޓެންޓް ސަރވިސް މެނޭޖަރ ކަމުގެ މަގާމުގައެވެ. ވޭތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި، އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ މެކޭނިކް ކަމުގެ މަގާމާއި، ސްޓެލްކޯގެ އެސިސްޓެންޓް ސުޕަވައިޒަރ ކަމުގެ މަގާމާއި، ސުޕަވައިޒަރ ކަމުގެ މަގާމާއި، ސީނިއަރ ޓެކްނީޝަންގެ މަގާމާއި، ސީނިއަރ ސުޕަވައިޒަރގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް ސުޕަވައިޒަރގެ މަގާމު ހިމެނެއެވެ.

މި ވޭތުވެދިޔަ ދިގު މުއްދަތުގައި މުޙައްމަދު ޒިޔާދު، ކުރައްވައިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، މާލެއާއި ބައެއް ރަށްރަށަށް ކަރަންޓު ދިނުމަށްޓަކައި ކުރަންޖެހުނު ގިނަ މަސައްކަތްތައް ހިމެނެއެވެ. މިގޮތުން، އަތޮޅުތެރޭގެ ރަށްރަށުގެ އިންޖީނުގެތަކަށް ބޭނުންވާ ތެޔޮ، އެ ރަށަކަށް ގެންދިޔުމުގެ މަސައްކަތްތަކާއި، މުލީއާގެއަށް ކަރަންޓް ދިނުމަށް އިމަޖެންސީ ޖަނަރޭޓަރ ސެޓް ބެހެއްޓިފައިވާ ތަނުގައި ޑިއުޓީ ކުރެއްވުމާއި، އަދި ސްޓެލްކޯގައި ގާއިމު ކުރެވިފައިވާ ފެން ޕްލާންޓުގެ މެއިންޓެނަންސް މަސައްކަތްތަކާއި، އެތަނުގައި ޑިއުޓީ ކުރުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސޭލްސް ސެންޓަރ ފިހާރައާއި، ކަސްޓަމަރ ސަރވިސް އެންޑް ބިލްޑިންގ ޑިޕާޓްމަންޓްގެ އިދާރީ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. މިހާރުވެސް ކުރައްވަމުން ގެންދަވަނީ އެ މަސައްކަތްތަކެވެ.

ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތް ކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން ކުރަންވީގޮތް އޮޅުންފިލުއްވައިދެއްވައި، އަދި ކުންފުނި ލެވެލްގައި ކުރެވޭ ކޮންމެ ކަމެއްގައިވެސް މުޙައްމަދު ޒިޔާދަކީ އިސްވެ ހަރަކާތްތެރިވެވަޑައިގަންނަވާ ނަމޫނާ ބޭފުޅެކެވެ.