އަލްފާޟިލާ ޚަދީޖާ ޙުސައިން
ޚަދީޖާ ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ޢާއިލާގެ އެހީތެރިއެއްގެ ވަޒީފާގައި 1 އޮކްޓޫބަރު 1989 ގައެވެ. ވެލިދޫ ޞިއްޙީ މަރުކަޒު ހުޅުވުމުން، އެތަނަށް ބަދަލުވެވަޑައިގެން، ޢާއިލާގެ އެހީތެރިއެއްގެ ގޮތުގައި މަސައްކަތް ކުރައްވަން ފެށްޓެވިއެވެ. މިހާރު ހުންނެވީ ވެލިދޫ ޞިއްޙީ މަރުކަޒުގެ ފެމިލީ ހެލްތް އޮފިސަރގެ މަގާމުގައެވެ. ދައުލަތުގެ ޚިދުމަތުގައި މި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޚަދީޖާ ޙުސައިން ވަނީ ވެލިދޫގެ ޞިއްޙީ ދާއިރާއަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ.
ޚަދީޖާ ޙުސައިން ކުރައްވަމުން ގެންދަވާ މުހިންމު މަސައްކަތްތަކުގެ ތެރޭގައި، އެކްޝަން ޕްލޭނެއް އެކުލަވައިލައްވައި، އެ ޕްލޭނާ އެއްގޮތްވާ ގޮތުގެމަތިން ސްކޫލްތަކާއި، ކައުންސިލުތަކާއި، ޖަމުޢިއްޔާތަކާ ގުޅިގެން ރަށު ފެންވަރުގައި ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޕުރޮގުރާމުތައް ރާއްވަވައި ހިންގެވުމާއި، ރަށުގައި ރޯގާއެއް ފެތުރިއްޖެނަމަ، އެ ރޯގާ ކޮންޓްރޯލުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމާއި، ރޯގާ ކޮންޓްރޯލް ކުރުމަށް ކުރެވޭ މަސައްކަތްތައް ވިލަރެސް ކުރެއްވުމާއި، އެ މައުލޫމާތުތައް ކަމާބެހޭ ފަރާތްތަކާ ހިއްސާކުރައްވައި، އެ ފަރާތްތަކުގެ މަޝްވަރާއާއި އިރުޝާދުގެ ދަށުން ފިޔަވަޅު އެޅުއްވުން ހިމެނެއެވެ. އަދި ކާރިސާތަކާއި އެކިއެކި ހާދިސާތަކާ ގުޅިގެން، ރަށު ފެންވަރުގައި ޕަބްލިކް ހެލްތު ޔުނިޓުން ޢަމަލުކުރާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލައްވައި އެއަށް ޢަމަލުކުރުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
ރާއްޖޭގައި މަސްތުވާތަކެތިން ދުރުކުރުވުމަށް ކުރެވޭ މަސައްކަތުގައި ހިމެނޭ ރިހެބިލިޓޭޝަން ޕުރޮގުރާމު "ފަރުވާ" ވެލިދޫގައި ކުރިޔަށް ގެންދިޔުމުގައި ފޯކަލް ޕޮއިންޓެއްގެ ގޮތުގައި ޚަދީޖާ ޙުސައިން މަސައްކަތް ކުރައްވައިފައިވެއެވެ. އަދި ރަށުގެ ތަރައްޤީއަށްޓަކައި، ރަށް ކުރިއަރުވާ ކޮމިޓީއާއި، އަތޮޅު ކުރިއަރުވާ ކޮމިޓީއާއި، ކުލަބު ޖަމުޢިއްޔާތަކާއި އަދި ރެޑްކްރެސެންޓުގެ ފަރާތުން ހިންގުނު ހަރަކާތްތަކުގައި ވޮލަންޓިއަރކޮށް ބައިވެރިވެވަޑައިގެން އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.
ޚަދީޖާ ޙުސައިން ކުރައްވަމުން ގެންދަވާ އެހެން މަސައްކަތްތަކުގެ ތެރޭގައި، ޤައުމީ އިމިއުނައިޒޭޝަން ޕުރޮގުރާމްތަކުގެ ދަށުން އަތޮޅު އަދި ރަށު ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ގަވާއިދުން ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖެއްސެވުމާއި، ނިއުޓްރިޝަނާ ބެހޭ ޤައުމީ ޕުރޮގުރާމުގެ ދަށުން ރަށު ފެންވަރުގައި ކުރަންޖެހޭ މަސައްކަތްތައް ރާއްވަވައި ހިންގެވުން ހިމެނެއެވެ. އަދި ގައިންގަޔަށް އަރާ ބަލިތަކާއި، އެކިއެކި ސޫފާސޫފީގެ ޒަރީޢާއިން ޖެހޭ ބަލިތަކާއި، ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލް ކުރުމަށް ރަށު ފެންވަރުގައި ހިންގަން ޖެހޭ މަސައްކަތްތައް ރޭއްވެވުމާއި، އެރަށަކާއި، އެ އަތޮޅެއްގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މެނޭޖްމަންޓާއި، ކްލިނިކަލް ދާއިރާއާ ގުޅިގެން ޕަބްލިކް ހެލްތުގެ މަސައްކަތްތައް ރާއްވަވައި، ހިންގެވުންވެސް ހިމެނެއެވެ. މީގެއިތުރުން، ފާމަސީތަކާއި، ހޮޓާ، ކެފޭ، ރެސްޓޯރަންޓް ފަދަ ތަންތަން އިންސްޕެކްޓް ކުރެއްވުމާއި، މަސް އެކްސްޕޯޓް ކުރުމަށްޓަކައި މަސްބާނާ އޮޑިދޯނިފަހަރު، މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ގަވާއިދުތަކާއި މިންގަނޑުތަކާ އެއްގޮތަށް އިންސްޕެކްޓް ކުރެއްވުމާއި، ކަމާބެހޭ ފަރާތްތަކަށް ރިޕޯޓްކުރެއްވުމަކީވެސް ޚަދީޖާ ޙުސައިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.
ވަޒީފާއަށް އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ޚަދީޖާ ޙުސައިނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، ތަމްރީނު ދެއްވައި، ކައިރި ރަށްރަށުގެ ޞިއްޙީ މަރުކަޒުތަކަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވައި، އިރުޝާދު ދެއްވަމުންވެސް ގެންދަވައެވެ.