ފަސްޓް ސާރޖަންޓް އަޙްމަދު ނާޡިމް
ފަސްޓް ސާރޖަންޓް އަޙްމަދު ނާޡިމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓެއްގެ ރޭންކްގައި 27 ސެޕްޓެންބަރު 1989 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރު ދުވަހުގެ ތެރޭގައި، އެން.އެސް.އެސް.ގެ ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. އަޙްމަދު ނާޡިމް، މިހާރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަސްޓް ސާރޖަންޓްގެ ރޭންކްގައެވެ.
ފަސްޓް ސާރޖަންޓް އަޙްމަދު ނާޡިމް، ސިފައިންގެ ޚިދުމަތުގައި ފުރިހަމަކުރައްވައިފައިވާ ޓްރެއިނިންގ ތަކުގެ ތެރޭގައި، ރެކްރޫޓް ޓްރެއިނިންގއާއި، ސްޕެޝަލް ޓާސްކްފޯސް ޓްރެއިނިންގއާއި، ބޭސިކް ފަޔަރ ޕްރިވެންޝަން އެވެއަރނަސް ޓްރެއިނިންގއާއި، ކޯސްޓްގާޑްގެ އަސާސީ ހުނަރު ދަސްކޮށްދިނުމުގެ ކޯސް އަދި ކޯސްޓަލް ނެވިގޭޝަން ކޯސް ހިމެނެއެވެ.
ފަސްޓް ސާރޖަންޓް އަޙްމަދު ނާޡިމް، ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތުގައި، ދިގު މުއްދަތެއް ހޭދަކުރައްވައިފައިވަނީ، ކޯސްޓްގާޑު އުޅަނދުފަހަރު ދުއްވުމުގައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ބޭރުގެ ޢިއްޒަތްތެރީންގެ ސެކިއުރިޓީ ދަތުރުތަކާއި، ސާރކް ސަމިޓްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ އިތުރުން، ފަޔަރ އެންޑް ރެސްކިއު ލޯންޗުގެ ކެޕްޓަނެއްގެ ހައިސިއްޔަތުން ކަނޑުމަތީގައްޔާއި، މާލޭ ކައިރީ ރަށްރަށުގައްޔާއި، ރިޒޯޓުތަކުގައި ހިނގާފައިވާ ހާދިސާތަކުގައްޔާއި، ކަނޑުމަތީގައި ހިނގާ ހާދިސާތަކުގައި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތްކޮށްދިނުމުގައި ކެޕްޓަނެއްގެ ހައިސިއްޔަތުން މުހިންމު މަސައްކަތްތަކެއް އަޙްމަދު ނާޡިމް ކުރައްވައިފައި ވެއެވެ.
ސީނިއަރ އެންލިސްޓެޑް ލީޑަރެއްގެ ހައިސިއްޔަތުން، ފަސްޓް ސާރޖަންޓް އަޙްމަދު ނާޡިމް އެމް.އެން.ޑީ.އެފް.ގެ އޭރިޔާ ކޮމާންޑްތަކުގައްޔާއި، ކޯސްޓްގާޑުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. މިހާރު ޚިދުމަތް ކުރައްވަމުންގެންދަވަނީ، ކޯސްޓްގާޑުގެ ފަސްޓް ސްކޮޑްރަން ފަޔަރ އެންޑް ރެސްކިއު ލާންޗްގެ ކެޕްޓަނެއްގެ ގޮތުގައެވެ. ފަސްޓް ސާރޖަންޓް އަޙްމަދު ނާޡިމް ވަނީ މުވައްޒަފުންގެ އަޚުލާޤާއި ސުލޫކު ރަނގަޅުކުރެއްވުމާއި، ރަނގަޅު މަގުދައްކަވައިދެއްވުމަށާއި، ވެލްފެއަރގެ ކަންކަން ރަނގަޅުކުރުމަށް މަސައްކަތްކޮށްދެއްވައިފައެވެ.
ފަސްޓް ސާރޖަންޓް އަޙްމަދު ނާޡިމްގެ ޚިދުމަތުގެ މުއްދަތުގައި ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 މެޑެއްޔާއި 7 ކުލަ ލިބިވަޑައިގެންފައި ވެއެވެ. އެއީ، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލައެވެ. އަޙްމަދު ނާޡިމަށް އަޚުލާޤީ ކުލަ ތިންފަހަރަށް ލިބިވަޑައިގެންނެވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ލިބިވަޑައިގެންނެވިއެވެ.