ފަސްޓް ސާރޖަންޓް އަޙްމަދު ރާޝިދު
ހމ. ފްލެޓް ނަންބަރު 04-1-125

ފަސްޓް ސާރޖަންޓް އަޙްމަދު ރާޝިދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 27 ސެޕްޓެންބަރު 1989 ގައި އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ރޭންކްގައެވެ. ވޭތުވެދިޔަ 35 އަހަރަށްވުރެ ދިގު މުއްދަތުގައި ޚިދުމަތް ކުރައްވައިފައިވަނީ ސިފައިންގޭގައެވެ. އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، އެމް.އެން.ޑީ.އެފް.ގެ ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓްކްލާސްގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ފަސްޓް ސާރޖަންޓް ކަމުގެ ރޭންކްގައެވެ.

ފަސްޓް ސާރޖަންޓް އަޙްމަދު ރާޝިދު ވަނީ، ސިފައިންގެ ތަފާތު ތަމްރީނުތައް ފުރިހަމަ ކުރައްވައި ފަންނީ ރޮނގުން ތަޖުރިބާތައް ހާސިލު ކުރައްވައިފައެވެ. ޚިދުމަތުގައި ދިގުމުއްދަތެއް ހޭދަކުރައްވައިފައިވަނީ، ކޯސްޓްގާޑުގެ އުޅަނދުފަހަރު މަރާމާތު ކުރުމުގެ މަސައްކަތުގައްޔާއި، ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގައެވެ.

ފަސްޓް ސާރޖަންޓް އަޙްމަދު ރާޝިދު ކުރައްވައިފައިވާ ފާހަގަކޮށްލެވޭ މަސައްކަތްތަކަށް ބަލާއިރު، ބޭރުގެ ޢިއްޒަތްތެރިންގެ ބައެއް ސެކިއުރިޓީ ދަތުރުތަކާ ގުޅޭ ކަންކަމާއި، ޕޯޓް އެންޑް ހާބަރގައި މަސައްކަތް ކުރެއްވިއިރު، ރާއްޖެއިން ބޭރުން އަންނަ ގިނަ އުޅަނދުފަހަރު ޗެކްކުރުމާއި، ސެކިއުރިޓީ ކްލިއަރެންސް ދިނުމާއި، އަދި ކަލާސީން ކޮށީގައި އިމާރާތް ކުރި ކޯސްޓްގާޑް އެކޮމޮޑޭޝަން ބިލްޑިންގގެ މަސައްކަތުގައްޔާއި، ކޯސްޓްގާޑު އުޅަނދުފަހަރަށް ބޭނުންވާ ތެޔޮ ރައްކާކުރުމަށް ސްޓޮކެއް ހެދުމަށްޓަކައި، ބިންސާފުކުރައްވައި އެތަން ރާނައި ހެއްދެވުމާއި، އެތަން ނިންމުމުގެ މަސައްކަތްތަކުގައި ޢަމަލީގޮތުންނާއި ސުޕަވައިޒަރެއްގެ ހައިސިއްޔަތުން ހަރަކާތްތެރިވެވަޑައިގެންފައިވެއެވެ. މީގެއިތުރުން، ކަލާސީންގެ ބަނދަރަށް މެއިންޓެނަންސަށް ގެނެވޭ ކޯސްޓްގާޑު އުޅަނދުފަހަރުގެ އެންމެހައި ކަންކަން ބެލެހެއްޓެވުމުގެ އިތުރުން، 2020ވަނަ އަހަރު މުޅި ދުނިޔެއަށާއި، ރާއްޖެއަށް ކުރިމަތިވި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސިފައިންގެ ފަރާތުން ކުރިއަށް ގެންގޮސްފައިވާ ޚާއްޞަ އޮޕަރޭޝަންގައި ބައިވެރިވާ ސިފައިންނަށް ފޯރުކޮށްދޭންޖެހޭ ކާބޯތަކެއްޗާއި އެމީހުންގެ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންކަން ކުރެއްވުމުގައިވެސް ޢަމަލީގޮތުން، ކަލާސީންކޮށީގައި ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. އަދި ރާއްޖޭގެ ގިނަ އަދަދެއްގެ ސްކޫލްތަކުގެ ދަރިވަރުންނަށް ފަތަން ދަސްކޮށްދިނުމުގެ ޕުރޮގުރާމު ހިންގުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވުމާއި، އެމް.އެން.ޑީ.އެފް. ބޭސިކް ޓްރެއިނިންގ އާއި، ކޯސްޓްގާޑް ބޭސިކް ޓްރެއިނިންގގެ މުދައްރިބެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވުންވެސް މީގެ ތެރޭގައި ހިމެނެއެވެ.

ފަސްޓް ސާރޖަންޓް އަޙްމަދު ރާޝިދު ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި 9 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލައާއި، އަދި ހުނަރުވެރިކަމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.