ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން
ހމ. ހިޔާ 05-04-8

ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 10 ސެޕްޓެންބަރު 1989 ގައެވެ. ފުރަތަމަ ޚިދުމަތްކުރެއްވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓެއްގެ ރޭންކްގައެވެ. ޚިދުމަތުގައި 35 އަހަރަށްވުރެ ދިގުމުއްދަތެއް ހޭދަކުރައްވައިފައި ވާއިރު، ޕްރައިވެޓްގެ ރޭންކްގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓްގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. އަދި، މިހާރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސާރޖަންޓް މޭޖަރގެ ރޭންކްގައެވެ.

ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން ވަނީ މުއައްސަސާގެ ކުރިއެރުމަށް ފާހަގަކުރެވޭ ޚާއްޞަ މަސައްކަތްތަކެއް ކޮށްދެއްވައިފައެވެ. އަދި ބައެއް އޮޕަރޭޝަންތަކުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ. އެގޮތުން، 1997ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު 9ވަނަ ސާރކް ސަމިޓްގެ ސެކިއުރިޓީ އޮޕަރޭޝަނުގައްޔާއި، ރައީސުލްޖުމްހޫރިއްޔާ ދަތުރުކުރެއްވި ފިނިފެންމާ ލޯންޗުކޮޅުގައި 2015 ވަނަ އަހަރު އެއްޗެއް ގޮއްވާލި ހާދިސާއާ ގުޅިގެން ހަތިޔާރާއި، ގޮވާތަކެތި ހުރި ކަމަށް ޝައްކުކުރެވޭ ތަންތަން ބަލައި ފާސްކުރުމަށް، ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ހަރަކާތްތެރިވި އީ.އޯ.ޑީ. ޓީމު ލީޑަރުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.

ރާއްޖެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުގައި ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ނަމޫނާ ދައްކަވައިފައެވެ. ޚާއްޞަކޮށް ޤައުމަށް ދިމާވި އެންމެ ބޮޑު އެއް ކާރިސާ ކަމުގައިވާ 2004ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައިވެއެވެ. އަދި ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ސިފައިންގެ ފަރާތުން ކުރިޔަށް ގެންގޮސްފައިވާ ޚާއްޞަ އޮޕަރޭޝަންގައިވެސް ބައިވެރިވެވަޑައިގެންފައި ވެއެވެ.

ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީނަކީ، ސިފައިންނަށް ހިންގި އެކި ކޯސްތަކުގެ އިންސްޓްރަކްޓަރެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވައިފައިވާ ބޭފުޅެކެވެ. އެގޮތުން، 2014ވަނަ އަހަރު، ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަނުން ހިންގި 3ވަނަ ރެޕަލިންގ އިންސްޓްރަކްޓަރ ކޯހުގެ އިންސްޓްރަކްޓަރ ކަމާއި، 2018ވަނަ އަހަރު، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި 63ވަނަ އަސާސީ ތަމްރީނު ކޯހުގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ކަމާއި، 2019ވަނަ އަހަރު، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން ހިންގި ބޮމްބް އެންޑް އިންޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ ބޭސިކް ކޯސް2ގެ ސީނިއަރ އެންލިސްޓެޑް ލީޑަރ ކަމާއި، 2020ވަނަ އަހަރު ހިންގި ބޮމްބް އެންޑް އިމްޕްރޮވައިޒްޑް އެކްސްޕްލޯސިވް ޑިވައިސް ޑިސްޕޯސަލް ޓްރޭނިންގ އެޑްވާންސް ކޯސް 1ގެ ސީނިއަރ އެންލިސްޓެޑް ލީޑަރކަން ކުރައްވައިފައި ވެއެވެ.

ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން ވަނީ، ސިފައިންގެ ގިނަ ތަމްރީނުތަކެއް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ފުރިހަމަކުރައްވައިފައެވެ. އަދި، ސިފައިންގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވައި ތަފާތު މަގާމުތައް ފުރުއްވައިފައެވެ. އޭގެތެރޭގައި، ޕްރެޒިޑެންޝަލް ގާޑްސްގެ އީ.އޯ.ޑީ.، އެޗް.އޯ.ޑީ.ގެ އެހީތެރިޔާގެ މަގާމާއި، އޯޑްނަންސް ސަރވިސްގެ ސީނިއަރ އެންލިސްޓެޑް ލީޑަރގެ މަގާމު ހިމެނެއެވެ. އަދި ޑިއުޓީ ސެކްޝަން ގައްޔާއި، އެސް.ޕީ.ޖީ. ޑެލްޓާ ފޯސް ގައްޔާއި، އީ.އޯ.ޑީ ޔުނިޓު ގައްޔާއި، ޕީ.އެސް.ޑީ. ގައްޔާއި، ޕީ.ޖީ. ގައި މަސައްކަތް ކުރައްވައިފައި ވެއެވެ.

މީގެއިތުރުން، ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން ވަނީ ފުލުހުންގެ ޚިދުމަތަށާއި، މޯލްޑިވްސް ކަސްޓަމްސް އަށާއި، އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑަށާއި، ޕޯޓްސް ސެކިއުރިޓީއަށް ބޭނުންވާ ބައެއް ތަމްރީނު ޕްރޮގްރާމުތައް އިންސްޓްރަކްޓަރެއްގެ ހައިސިއްޔަތުން ހިންގަވައިދެއްވައިފައެވެ.

ސާރޖަންޓް މޭޖަރ ޒަކަރިއްޔާ ޒަހީން ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ހާސިލު ކުރެއްވި ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އިޚުލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، އަޚުލާޤީ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ 3 ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންނެވި މެޑެލް ތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓް މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި އަދި އިންސާނީ ޚިދުމަތުގެ މެޑެލް – ކޮވިޑް-19 ހިމެނެއެވެ.