ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ރިޔާޟް
ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ރިޔާޟް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގައި ޕްރައިވެޓެއްގެ ރޭންކުގައި 6 ސެޕްޓެންބަރު 1989 ގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އިބްރާހީމް ރިޔާޟް ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓްގެ ރޭންކުގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކުގައްޔާއި، ކޯޕްރަލްގެ ރޭންކުގައްޔާއި، ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކުގައްޔާއި، ސްޓޭޝަން އިންސްޕެކްޓަރގެ ރޭންކުގައްޔާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް1 ގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ރިޔާޟް ދިވެހި އަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ޑިއުޓީ ސެކްޝަނުގައެވެ. އޭގެފަހުން، ޕޮލިސް ހެޑްކުއާޓަރޒް (އޮޕަރޭޝަންސް ޑިވިޜަން) ގައްޔާއި، ރީޖަނަލް ހެޑްކުއާޓަރޒް (ޏ. ފުވައްމުލަކު) ގައްޔާއި، ދ. ކުޑަހުވަދޫގައްޔާއި، ލ. ކައްދޫގައްޔާއި، ގއ. ކޫއްޑޫގައްޔާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިންޓެލިޖެންސް ޑިޕާޓްމަންޓްގައްޔާއި، ކެޕިޓަލް ޕޮލިސް ޑިޕާޓްމަންޓުގެ ކޮމާންޑް ސެންޓަރުގައްޔާއި، ޕޮލިސް ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުގައްޔާއި، ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.
ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ރިޔާޟް ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ފުލުހުންގެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ޢަޒުމާއެކުގައި ކުރައްވައިފައިވާ މަސައްކަތްތަކާއި، ޕަބްލިކް ރިލޭޝަން އޮފިސަރެއްގެ ހައިސިއްޔަތުން ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ކުރައްވައިފައިވާ މަސައްކަތްތަކާއި، އިންސްޕެކްޓް ކުރެއްވުމާއި، އޮޑިޓްކުރުމުގެ ދާއިރާއިން ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން 1996ވަނަ އަހަރު ޏ. ފުވައްމުލަކުގައި ސްޓޭޝަން ކުރުމަށް އެންމެ ފުރަތަމަ ފޮނުވުނު ޕޮލިސް ހެޑްކުއަޓަރޒްގެ ޓީމުގައި މަސައްކަތް ކުރެއްވުން ހިމެނެއެވެ. އަދި 2006ވަނަ އަހަރު ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުނު ބޮޑެތި މައްސަލަތައް ބެލުމުގައި އެހީތެރިވެދެއްވައިފައިވުމާއި، 2011ވަނަ އަހަރު ބޭއްވުނު 17ވަނަ ސާރކް ސަމިޓުގައި ޕެޓްރޯލް އޮފިސަރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވައިފައިވުމާއި، އެކިއެކި ބޭނުންތަކުގައި ފުލުހުންގެ ޚިދުމަތް ހޯދުމަށް އަންނަ ޢާންމު ރައްޔިތުންނާ ސީދާގޮތުން ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޝަކުވާތައް އަޑު އެއްސެވުމާއި، ޚިދުމަތް ފޯރުކޮށްދިނުމަށް ކުރައްވައިފައިވާ ބުރަ މަސައްކަތްތަކާއި، ފުލުހުންގެ ޚިދުމަތުގެ ތެރޭގައި އެކުލަވައިލައިފައިވާ ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް އެކިއެކި އިދާރީ ބަހާތަކުގައި މަސައްކަތްތައް ކުރިޔަށްދޭތޯ ބައްލަވައި އިންސްޕެކްޓް ކުރެއްވުމާއި، ފައިސާއާއި މުދާ ބޭނުންކުރަމުން ގެންދަނީ ގަވާއިދާ އެއްގޮތަށްތޯ ކަށަވަރުކުރުމަށް ހިންގައިފައިވާ އޯޑިޓްތަކުގައި ކުރައްވައިފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްލަންޖެހެއެވެ.
ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް ރިޔާޟް ސިފައިންގޭގައްޔާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި، ވަފާތެރިކަމާއެކުގައި ކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި 9 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި، އަޚުލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ފުލުހުންގެ މެޑެއްޔާއި، ސުނާމީ ކާރިސާގެ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެލް ހިމެނެއެވެ.