އަލްފާޟިލާ ސަމީރާ ޙުސައިން
ދަފްތަރު. ނަންބަރު ރސ 5272، މާލެ

ސަމީރާ ޙުސައިން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ކާތިބާ ކަމުގެ ވަޒީފާގައި 19 އޮގަސްޓު 1989 ގައެވެ. ޚިދުމަތުގައި މި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ކްލާކް ޓައިޕިސްޓް ކަމުގެ މަގާމާއި، ސްޓެލްކޯގެ ކްލާކް ކަމާއި، ސެކްރެޓެރީ ކަމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އޮފިސަރ ކަމާއި، ސީނިއަރ އޮފިސަރ ކަމާއި، އެޑްމިނިސްޓްރޭޓިވް ސުޕަވައިޒަރ ކަމާއި، އެސިސްޓެންޓް މެނޭޖަރކަން ކުރައްވައިފައި ވެއެވެ. މިހާރު ހުންނެވީ ސަރވިސް މެނޭޖަރ ކަމުގެ މަގާމުގައެވެ.

ސަމީރާ ޙުސައިން، ވަޒީފާ އަދާކުރައްވަން ފެށްޓެވިއިރު، ކުންފުނީގެ ލިޔެކިޔުންތައް، ލިޔުއްވަމުން ގެންދެވީ އަތުންނެވެ. ނަމަވެސް، ފަހުން ޓައިޕިންގ ކޯސް ހެއްދެވުމަށްފަހު، ޓައިޕް ކުރައްވައިގެން ކުންފުނީގެ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައި ވެއެވެ. ކުންފުނީގެ އިދާރީ މަސައްކަތްތަކުގެ އިތުރުން، ކުންފުނިން ބޭރަށް އެކިއެކި ފަރާތްތަކަށް ފޮނުއްވާ ރަސްމީ ސިޓީތައް، ޑްރާފްޓްކޮށް ލިޔެ ތައްޔާރުކުރުމާއި، ކުންފުނީގެ އެކިއެކި ރަސްމިއްޔާތުތަކާއި، އިވެންޓުތަކާ ގުޅޭގޮތުން ތައްޔާރުކުރާ ޚާއްޞަ ލިޔެކިޔުންތައް ލިޔެ އިޞްލާޙު ކުރުމުގެ އިތުރުން، ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޔައުމިއްޔާއާއި، ބޯޑުގެ އެކިއެކި ލިޔެކިޔުންތައް ތައްޔާރުކުރުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. މީގެ އިތުރުން، ޑިޕާޓްމަންޓުގެ މުވައްޒަފުންގެ މުސާރަ ހެދުމާއި، އެޓެންޑެންސް ބެލެހެއްޓެވުމާއި، ހާޒިރީ ރިޕޯޓް ހެދުންފަދަ މަސައްކަތްވެސް ކުރައްވަމުން ގެންދަވައެވެ.

ކުންފުނިން ރާވައި ހިންގާ މުހިންމު ހަރަކާތްތަކާއި، ކަންކަމުގައި ސަމީރާ ޙުސައިން، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވައެވެ.