އަލްފާޟިލް ފައިޟް ވަޙީދު
ފައިޟް ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް ވަރކްސް އެންޑް ލޭބަރގެ މެކޭނިކްގެ ވަޒީފާގައި 23 ޖުލައި 1986 ގައެވެ. ބަންގްލަދޭޝްގެ އިސްލާމިކް ސެންޓަރ ފޮރ ޓެކްނިކަލް ވޮކޭޝަން އެންޑް ރިސަރޗްގައި ދެ އަހަރު ދުވަހުގެ އޮޓޯމޮބައިލް އިންޖިނިއަރިންގ ކޯހެއް ފުރިހަމަ ކުރެއްވުމަށް 20 ސެޕްޓެންބަރ 1986 ގައި ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމާ ގުޅިގެން ވަޒީފާއިން ވަކިކުރެއްވުމަށްފަހު، އެނބުރި ވަޑައިގަތުމުން 5 ސެޕްޓެންބަރު 1989 ގައި މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އެސިސްޓެންޓް ސުޕަވައިޒަރ ކަމަށް ހަމަޖެއްސެވިއެވެ. އެ ތާރީޚުގެ ފަހުން ޚިދުމަތް ކުރައްވަމުން ގެންދަވަނީ އިންޖީނުގޭގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ ސުޕަވައިޒަރ ކަމާއި، އެ ބޯޑުގެ އެސިސްޓެންޓް މެކޭނިކަލް އިންޖިނިއަރ ކަމާއި، މެކޭނިކަލް އިންޖިނިއަރ ކަން ހިމެނެއެވެ. އަދި ސްޓެލްކޯގެ އިންޖިނިއަރ ކަމުގެ މަގާމާއި، ސީނިއަރ އިންޖިނިއަރ ކަމުގެ މަގާމާއި، ޑިރެކްޓަރ ކަމުގެ މަގާމާއި، ޖެނެރަލް މެނޭޖަރ ކަމުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މިހާރު ހުންނެވީ، ސްޓެލްކޯގެ ސީނިއަރ ސަރވިސް މެނޭޖަރ ކަމުގެ މަގާމުގައެވެ.
ފައިޟް ވަޙީދު، ދައުލަތުގެ ޚިދުމަތާ ގުޅިވަޑައިގަތީ، މަޖީދިއްޔާ ސްކޫލުން ޖީ.ސީ.އީ. އޯލެވެލް އިމްތިޙާނު ނިންމެވުމަށްފަހު، ވީ.ޓީ.ސީ. އިން އިންޖިން ރިޕެއަރ އެންޑް މެއިންޓަނަންސްގެ ދެ އަހަރު ދުވަހުގެ ކޯހެއް ފުރިހަމަ ކުރެއްވުމަށްފަހުގައެވެ.
ފައިޟް ވަޙީދު ކުރެއްވި ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، 1992 އިން 1997 އަށް އިންޖީނު ރޫމް ސެކްޝަންގެ ބާ އިންޖީނުގެ ހިންގެވުމާ ހަވާލުވެވަޑައިގެންފައިވުން ހިމެނެއެވެ. 6 ނޮވެންބަރު 1997ގައި ކ. ވިލިނގިލި އިންޖީނުގެ ހުޅުވުމާ ގުޅިގެން، އެ އިންޖީނުގެ ހިންގެވުމުގެ ހުރިހާ ޒިންމާއަކާ ހަވާލުވެވަޑައިގެން މަސައްކަތް ކުރައްވައިފައި ވެއެވެ. އެ ދުވަސްވަރަކީ، ވިލިނގިލީގައި މީހުން އާބާދުވަމުން އައި ދުވަސްވަރުކަމުގައިވާތީ، އިންޖީނުގެ ތަރައްޤީކޮށް ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތާއި އަދި ވިލިނގިލީގައި އައު އިންޖީނުގެ އެޅުމާއި ނެޓްވަރކް އެޅުމުގެ މަސައްކަތްވެސް ކުރައްވައިފައި ވެއެވެ. އަދި މީޑިއަމް ވޯލްޓޭޖް ޑިސްޓްރިބިއުޝަން ނެޓްވަރކް 11,000 ކޭވީގެ ނެޓްވަރކްގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ. މީގެ އިތުރުން، 2004ވަނަ އަހަރުގެ ސުނާމީ ކާރިސާއާ ގުޅިގެން ހުޅުމާލޭގައި ހަދަމުންދިޔަ ވަގުތީހިޔާތަކަށް ކަރަންޓު ދިނުމުގެ މަސައްކަތުގައްޔާއި، 2014ވަނަ އަހަރު އެމް.ޑަބްލިޔޫ.އެސް.ސީ. ގައި ހިނގި އަލިފާނުގެ ހާދިސާގައި މުޅި މާލެއިން ފެނުގެ ޚިދުމަތް ކެނޑުނު ހާދިސާއާ ގުޅިގެން، ޢާންމު ރައްޔިތުންނަށް ސްޓެލްކޯއިން އުފައްދާ ފެން ފޯރުކޮށްދިނުމަށްޓަކައި ފެން އިސްކުރު ހަރުކޮށް، ފެން ދޫކުރުމުގެ މަސައްކަތުގައިވެސް ފައިޟް ވަޙީދު، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ.
ފައިޟް ވަޙީދު، ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ.