އަލްފާޟިލާ އާމިނަތު ނަސީމް
އާމިނަތު ނަސީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ބޭންކް އޮފް މޯލްޑިވްސްގެ ކޭޝިއަރ ކަމް ކްލާރކް ވަޒީފާގައި 1 ޖޫން 1989 ގައެވެ. ޚިދުމަތުގައި މިއަދާ ހަމައަށް ހޭދަކުރައްވައިފައިވާ 35 އަހަރު ދުވަހުގެ ތެރޭގައި އަދާކުރައްވައިފައިވާ މަގާމުތަކުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ މަޖީދީމަގު ބްރާންޗުގެ އެސިސްޓެންޓްކަމާއި، ޖޫނިއަރ އޮފިސަރ މެއިން ބްރާންޗްކަމާއި، ޖޫނިއަރ އޮފިސަރ ބާޒާރު ބްރާންޗްކަމާއި، ޑެޕިއުޓީ މެނޭޖަރ ބާޒާރު ބްރާންޗްކަމާއި، ޑެޕިއުޓީ މެނޭޖަރކަމާއި، އިންޗާޖް މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓް ބްރާންޗްކަމާއި، ކަސްޓަމަރ ސަރވިސް ޑެޕިއުޓީ މެނޭޖަރ އަދި އިންޗާޖް ވިލިމާލޭ ބްރާންޗްކަން ހިމެނެއެވެ. އާމިނަތު ނަސީމް، މިހާރު ހުންނެވީ ވިލިމާލެ ބްރާންޗުގެ ކަސްޓަމަރ ސަރވިސް މެނޭޖަރުގެ މަގާމުގައެވެ.
އާމިނަތު ނަސީމަކީ، ޖެނެރަލް ބޭންކިންގގެ ޚިދުމަތް ދިނުމުގައި ގިނަގުނަ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މިގޮތުން ބޭންކަށް ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި، އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، އެކައުންޓު ހުޅުވުމާއި، ލޯނުގެ މުޢާމަލާތުތަކާއި، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތަކީ ފުރިހަމަ ޚިދުމަތެއްކަން ކަށަވަރުކުރެއްވުން ހިމެނެއެވެ. އަދި މިހާރު އާމިނަތު ނަސީމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ވިލިމާލެ ބްރާންޗުގެ އެންމެ އިސްވެރިއެއްގެ ހައިސިއްޔަތުން ބްރާންޗުން ދެމުންގެންދާ ޚިދުމަތްތައް ބެލެހެއްޓެވުމާއި، މުވައްޒަފުންނަށް މަގުދައްކަވައި މުވައްޒަފުންގެ ކަންކަން ބެލެހެއްޓެވުން ހިމެނެއެވެ. އާމިނަތު ނަސީމް ބޭންކުގައި ޚިދުމަތް ކުރައްވައިފައިވާ މުއްދަތުގެ ތެރޭގައި، އެތަނުގެ އެއްވެސް އުސޫލަކާއި ނުވަތަ ގަވާއިދަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
އާމިނަތު ނަސީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވުމަށާއި، މަސައްކަތުގެ ރޫޙުއާލާކޮށް ދެމެހެއްޓެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ. އަދި އޮފީހުގެ ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ތަމްރީނުދެއްވަމުންވެސް ގެންދަވައެވެ. އާމިނަތު ނަސީމް ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި އެހެން ފަރާތްތަކަށް ވަނީ ނަމޫނާ ދައްކަވައިފައެވެ. އަދި މިހާރުވެސް ހީވާގިކަމާއެކު އަގުހުރި މަސައްކަތްތަކެއް ގެންދަވަނީ ބޭންކަށް ކޮށްދެއްވަމުންނެވެ.