މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު
ހ. ވައިޓް ސެޑަރ

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 19 ޖޫން 1989 ގައި އެން.އެސް.އެސް.ގެ ޕްރައިވެޓުގެ ރޭންކުގައެވެ. އޭގެފަހުން، އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، އެމް.އެން.ޑީ.އެފް.ގެ ކޯޕްރަލްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް 2ގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. އަދި ލެފްޓިނެންޓްގެ ރޭންކްގައްޔާއި، ފަސްޓް ލެފްޓިނެންޓްގެ ރޭންކްގައްޔާއި، ކެޕްޓަންގެ ރޭންކްގައްޔާއި، މޭޖަރގެ ރޭންކްގައްޔާއި، ލެފްޓިނެންޓް ކާނަލްގެ ރޭންކްގައްޔާއި، ކާނަލްގެ ރޭންކްގައްޔާއި، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކްގައިވެސް ޚިދުމަތް ކުރައްވައިފައި ވެއެވެ. 12 ޑިސެންބަރު 2023 ގައި އެމް.އެން.ޑީ.އެފް. އިން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ މޭޖަރ ޖެނެރަލްގެ ރޭންކްގައެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް އޮފް ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ މަގާމެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދަކީ، ސިފައިންގޭގައި ޚިދުމަތް ކުރެއްވިއިރު މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ހަވާލުކުރެއްވި ކޮންމެ ކަމެއް ވަގުތަށް ކަމޭހިއްތަވައިގެން، ލިބިވަޑައިގެން ހުންނެވި ގާބިލުކަމުގެ ބޭނުން ހިއްޕަވައިގެން، އެކަންކަމަށް އިސްކަން ދެއްވައިގެން، ތެދުވެރިކަމާއެކު މަސައްކަތް ކުރެއްވި އަދި ސިފައިންގެއަށާއި ދިވެހި ޤައުމަށް އިޚުލާޞްތެރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު، ސިފައިންގެ މުއައްސަސާގެ ކުރިއެރުމަށް ކުރައްވައިފައިވާ ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކުގެ ތެރޭގައި، ސިފައިންގެ އޮޕަރޭޝަނަލް އަދި ވެލްފެއަރއާ ގުޅޭ ކަންކަން އިތުރަށް ހަރުދަނާ ކުރެއްވުމަށް ކުރައްވައިފައިވާ މަސައްކަތްތަކާއި، ތަފާތު އެކި ދުވަސްވަރު ސިފައިންގެ ޔުނިޓުތަކާއި، ކޮމާންޑް އަދި ސްޓާފް އެޕޮއިންޓްމަންޓުގެ ކަންކަން ހިންގެވުމާ ހަވާލުވެވަޑައިގެން ހުންނަވައި، އެ ދާއިރާތައް ތަރައްޤީކުރައްވައި ކުރިއެރުވުމަށްޓަކައި ކުރެއްވި ގިނަގުނަ މަސައްކަތްތައް ހިމެނެއެވެ. މީގެއިތުރުން، ޢަސްކަރިއްޔާގައި ސިފައިން ތަމްރީނު ކުރެއްވުމުގައި ވަރަށް ގިނަ ދުވަހު މަސައްކަތް ކުރައްވައިފައި ވެއެވެ.

މީގެ އިތުރުން، 2004ވަނަ އަހަރު ދިވެހިރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ޢަސްކަރިއްޔާއިން ކުރިއަށް ގެންދިޔަ ޚާއްޞަ އޮފަރޭޝަންގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ޢަމަލީގޮތުން ބައިވެރިވެވަޑައިގެން އިސްދައުރެއް އަދާކުރައްވައިފައިވެއެވެ. އަދި 2011ވަނަ އަހަރު ސާރކް ސަމިޓް ބޭއްވުމަށްޓަކައި ކުރެވުނު މަސައްކަތްތަކުގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު، ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުމާއި، އެމް.ޑަބްލިޔު.އެސް.ސީ.ގެ ފެން ޕްލާންޓުގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާ ހައްލުކުރުމަށް ހިންގުނު ޚާއްޞަ އޮޕަރޭޝަންގައި އަދާކުރެއްވި އިސް ދައުރު ފާހަގަކޮށްލަން ޖެހެއެވެ. މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް19-ގެ ބަލިމަޑުކަމާއި ގުޅިގެން، ރާއްޖެއަށް
މި ބަލިމަޑުކަން ކުރިމަތިވުމުން، އެކަމުން ސަލާމަތްވުމަށް ކުރެވުނު މަސައްކަތުގައި ސިފައިންގެއިން ކުރިޔަށް ގެންދިޔަ ޚާއްޞަ އޮޕަރޭޝަންގައި، އިސް ލީޑަރެއް ގޮތުގައި މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު ހުންނަވައި، ޢަމަލީގޮތުން ގިނަގުނަ މަސައްކަތްތަކެއްވެސް ކުރައްވައިފައި ވެއެވެ. އަދި ދިވެހި ޢަސްކަރިއްޔާގައި އެންމެ ފުރަތަމަ ފަހަރަށް ތަޢާރުފު ކުރެވުނު ކެޕްސްޓޯން ޑޮކްޓްރީން ތައްޔާރުކުރެވުނު ކޮމިޓީގެ ޗެއަރމަންގެ ހައިސިއްޔަތުން ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައި ވެއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދަކީ، ކަމަށް ކަމޭހިއްތަވައި، އަޚުލާޤު ރަނގަޅު، އަދި ޤައުމީ ޚިދުމަތް އިސްކުރައްވައިގެން، މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާ ފުރިހަމައަށް އަދާކުރެއްވި ބޭފުޅެކެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، 10 ކުލައާއި 11 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލައާއި، އަދި އަމާޒަށް ބަޑި ޖެހުމުގެ ކުލަ ހިމެނެއެވެ. ޚާއްޞަ ޚިދުމަތުގެ ކުލައާއި، އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތް ކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17 ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، އަދި އިންސާނީ ޚިދުމަތުގެ މެޑެލް (ކޮވިޑް-19) ހިމެނެއެވެ.

މޭޖަރ ޖެނެރަލް (ރިޓަޔަރޑް) ވައިޘް ވަޙީދު، ސިފައިންގެއަށް ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީ، މުޅި ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތަކެކެވެ.