އަލްފާޟިލާ ޒަރީނާ މުޙައްމަދު
ޒަރީނާ މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 15 މޭ 1989 ގައެވެ. ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއް ހޭދަކުރައްވައިފައިވާއިރު، އަދާކުރައްވައިފައިވާ ވަޒީފާތަކުގެ ތެރޭގައި، ކަސްޓަމްސްގެ ކާތިބާ ކަމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ކަމާއި، ސަދަން ރީޖަނަލް އޮފީހުގެ ސ. އަތޮޅު އޮފީހުގެ ކާތިބާ ކަމާއި، ސީނިއަރ ކްލަރކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމާއި، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަން ހިމެނެއެވެ. މިހާރު ހުންނެވީ، އައްޑޫ ސިޓީ ކައުންސިލް އިދާރާގެ އެސިސްޓެންޓް ކައުންސިލް އޮފިސަރގެ މަގާމުގައެވެ.
ކަސްޓަމްސްގައި ޒަރީނާ މުޙައްމަދު ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއިން ބޭރުން އަންނަ ފަސިންޖަރުންގެ ލަގެޖްތައް، އެއަރޕޯޓްގައި ބަލައި ޗެކްކުރުމުގެ މަސައްކަތާއި، އިދާރީ މަސައްކަތްތަކާއި، ޔައުމިއްޔާ ލިޔުއްވުމުގެ މަސައްކަތް ހިމެނެއެވެ. އައްޑޫ ސިޓީ ކައުންސިލްގެ އިދާރާގައި މަސައްކަތް ކުރެއްވިއިރު، އޮފީހުގެ ޔައުމިއްޔާ ލިޔުއްވުމާއި، އޮފީހަށް ލިބޭ އަދި އޮފީހުން ފޮނުވާ ލިޔެކިޔުންތަކުގެ ރެކޯޑު ބެލެހެއްޓެވުމާއި، ރަށު އޮފީސްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކާއި، އެހެނިހެން ލިޔެކިޔުންތައް ޕޯސްޓް މެދުވެރިކޮށް އެ ތަންތަނަށް ފޮނުވުމުގެ މަސައްކަތާއި، ސެކްޝަނަށް ބޭނުންވާ ތަކެތި ސްޓޮކުން ހޯއްދަވައި ހަމަކުރެއްވުން ހިމެނެއެވެ. މީގެ އިތުރުން، ހަވާލުކުރައްވާ އެހެނިހެން މަސައްކަތްތައްވެސް ފަރުވާތެރިކަމާއެކު ވަރަށް ފުރިހަމައަށް ކުރައްވައިފައިވެއެވެ.
ޚިދުމަތުގެ މި ދިގު މުއްދަތުގައި ޒަރީނާ މުޙައްމަދު ފާހަގަކުރެވިފައިވަނީ، ހާޒިރީއަށް އަދި ގަޑިއަށް ވަރަށް ފަރުވާތެރި މުވައްޒަފެއްގެ ގޮތުގައެވެ. ހަމައެހެންމެ، ތަނުގެ އުސޫލަކާއި ނުވަތަ ގަވާއިދަކާ ޚިލާފުވެގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.