އަލްފާޟިލާ ޢާއިޝަތު ޝާދުނާ
ޢާއިޝަތު ޝާދުނާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ބޭންކް އޮފް މޯލްޑިވްސްގެ މެއިން ބްރާންޗުގެ ކޭޝިއަރ ކަމް-ކްލަރކްގެ ވަޒީފާގައި، 7 ޖޫން 1989 ގައެވެ. ޢާއިޝަތު ޝާދުނާ މިހާރު ހުންނެވީ ބޭންކުގެ މެނޭޖަރ، ފައިނޭންޝަލް ޓްރާންސެކްޝަންސް އެންޑް ޓްރޭޑް ފައިނޭންސްގެ މަގާމުގައެވެ.
ޢާއިޝަތު ޝާދުނާ ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ބޭންކްގެ އެކި ޑިޕާޓްމަންޓްތަކުގައި ޖޫނިއަރ އޮފިސަރކަމާއި، މެއިން ބްރާންޗް އަދި ފޮރިން ސީޓްގެ ޑެޕިއުޓީ މެނޭޖަރކަމާއި، އިންޓަރނޭޝަނަލް ބޭންކިންގ ޔުނިޓްގެ ސީނިއަރ އޮފިސަރކަމާއި، ސީނިއަރ ޓްރޭޑް އެންޑް ރެމިޓެންސް އޮފިސަރކަމާއި، ސެޓްލްމަންޓް އެންޑް ރިކޮންސިލިއޭޝަން ޔުނިޓުގެ ސީނިއަރ އާރު.ޓީ.ޖީ.އެސް. އެންޑް ކްލިއަރިންގ އޮފިސަރކަމުގެ މަގާމު ފުރުއްވައިފައިވެއެވެ.
ބޭންކްގެ ސިޔާސަތުތަކާއި، އިޖުރާއަތުތަކާއި، ވިޔަފާރީގެ ޕްލޭންތަކާއި، ސަރވިސް ލެވެލް އެގްރީމަންޓްސް (އެސް.އެލް.އޭ.) އާ އެއްގޮތްވާ ގޮތުގެމަތިން ފައިނޭންޝަލް ޓްރާންސެކްޝަންގެ ޚިދުމަތްތައް ހަރުދަނާގޮތެއްގައި ފޯރުކޮށްދެއްވުމުގެ ކަންކަން ޢާއިޝަތު ޝާދުނާ ގެންދަވަނީ ކުރައްވަމުންނެވެ. މީގެއިތުރުން، މާލީ މުޢާމަލާތުތަކުގެ ހުރިހާ ޚިދުމަތެއް ބަލަހައްޓަވަމުން ގެންދަވައެވެ. ޢާއިޝަތު ޝާދުނާގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސިސްޓަމް އިންޓެގްރިޓީ ދެމެހެއްޓެވުމާއި، ކޮރެސްޕޮންޑެންޓް ބޭންކުތަކާ ގުޅިގެން މަސައްކަތް ކުރެއްވުމާއި، ޑްރައިވިންގ ޕްރޮސެސް އިމްޕްރޫވް ކުރެއްވުމާއި، މުވައްޒަފުންގެ ފެންވަރު މަތިކުރެއްވުމާއި، ރިސްކް މެނޭޖްމަންޓާއި އޮޑިޓް ރިކުއަރމަންޓްތަކާ އެއްގޮތަށް ޢަމަލު ކުރައްވަމުން ގެންދެވުން ހިމެނެއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓީމުތަކަށް ހިތްވަރުދެއްވައި، ސްޓޭކް ހޯލްޑަރުންނާއެކު ހަރުދަނާ ގޮތެއްގައި މުޢާމަލާތުކުރައްވައި، ހަރުދަނާ ކޮންޓްރޯލްތަކެއް މެދުވެރިކޮށް ނުރައްކާތައް ދެނެގަތުމާއި، އަދި އެކަންކަން ކުޑަކުރެއްވުމަށް ޢާއިޝަތު ޝާދުނާ ވަރަށް ފުރިހަމައަށް މަސައްކަތް ކުރައްވައިފައި ވެއެވެ. ބޭންކުގައި ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފުވެވަޑައިގެންފައިނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
ޢާއިޝަތު ޝާދުނާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށާއި، އަލަށް ބޭންކާ ގުޅޭ މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވައި މަސައްކަތުގެ ރޫޙު ދެމެހެއްޓެވުމަށް ބުރަ މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. ޢާއިޝަތު ޝާދުނާއަކީ، އެހެން މުވައްޒަފުންނަށް ނަމޫނާ މިސާލު ދައްކަވައި، ހީވާގިކަމާއެކު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެކެވެ.