ސާރޖަންޓް މޭޖަރ ޙަސަން އިބްރާހީމް
ނަލަރީތިގެ، ހދ. ކުޅުދުއްފުށި

ސާރޖަންޓް މޭޖަރ ޙަސަން އިބްރާހީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 29 މޭ 1989 ގައި އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ރޭންކްގައެވެ. ސިފައިންގެ ޕްރައިވެޓެއްގެ ރޭންކުގައި ޚިދުމަތް ފެށްޓެވުމަށްފަހުގައި، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓްގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ޙަސަން އިބްރާހީމް މިހާރު ހުންނެވީ، ސާރޖަންޓް މޭޖަރގެ ރޭންކްގައެވެ. ސާރޖަންޓް މޭޖަރ ޙަސަން އިބްރާހީމް، ދިވެހި ޢަސްކަރިއްޔާއަށް މެދުނުކެނޑި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 35 އަހަރަށްވުރެ ދިގުމުއްދަތެއް ވެއްޖެއެވެ.

ސާރޖަންޓް މޭޖަރ ޙަސަން އިބްރާހީމް، ދިވެހި ޢަސްކަރިއްޔާގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، އާރަށުގެ ޕަވަރހައުސް އެން.ސީ.އޯ. އިންޗާޖުކަމާއި، ނޮދަން އޭރިއާ ކޮމާންޑް ކުޅުދުއްފުށީ ޕޯސްޓްގެ ޕޯސްޓް އެން.ސީ.އޯ. އިންޗާޖުކަމާއި، ނޮދަން އޭރިއާ ކޮމާންޑް ހަނިމާދޫ ޕޯސްޓްގެ ޕޯސްޓް އެން.ސީ.އޯ. އިންޗާޖުކަމާއި، ނޮދަން އޭރިއާ ކޮމާންޑްގެ ކުއާޓަރ މާސްޓަރ ސާރޖަންޓްކަމާއި، ނޮދަން އޭރިއާ ކޮމާންޑްގެ ސީނިއަރ އެންލިސްޓެޑް ލީޑަރުކަން ކުރައްވައިފައިވެއެވެ.

ސާރޖަންޓް މޭޖަރ ޙަސަން އިބްރާހީމް، ތަފާތު ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން ގިނަ ތަމްރީނުތައް ވަނީ ފުރިހަމަ ކުރައްވައިފައެވެ.

ސާރޖަންޓް މޭޖަރ ޙަސަން އިބްރާހީމް، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 ކުލައާއި، 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލަ އަދި އަޚުލާޤީ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ތިން ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.

ސާރޖަންޓް މޭޖަރ ޙަސަން އިބްރާހީމަކީ، އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި، ދިވެހި ޢަސްކަރިއްޔާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ އަދި މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ގާބިލުކަމާއި ތެދުވެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.