އަލްފާޟިލް ޢަބްދުﷲ ސަމީރު
ފުނަމާގެ، އއ. ރަސްދޫ

ޢަބްދުﷲ ސަމީރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 3 ޖުލައި 1985 ގައެވެ. 5 ފެބުރުވަރީ 2023 ގައި ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އަރިއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލް އިދާރާގެ ސީނިއަރ ކައުންސިލް އެގްޒެކެޓިވްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އއ. ރަސްދޫ ކޯޓުގެ ކާތިބުކަމާއި، އއ. އަތޮޅު އޮފީހުގެ 2 ނަންބަރު ކާތިބު ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީ ކަމާއި، ސީނިއަރ ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. އަދި އަތޮޅުވެރިޔާގެ އެހީތެރިޔާގެ މަގާމާއި، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގެ ޑިރެކްޓަރު ކަމުގެ މަގާމާއި، އއ. އަތޮޅު ކައުންސިލްގެ އިދާރާގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، އަތޮޅު ކައުންސިލް އިދާރާގެ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތުވެސް އަދާކުރެއްވިއެވެ.

ޢަބްދުﷲ ސަމީރު، ރަސްދޫ ކޯޓުގައި ވަޒީފާ އަދާކުރެއްވިއިރު، އިދާރީ މަސައްކަތްތަކުގެ އިތުރުން، އެ ކޯޓުގައި ހިނގަމުންދިޔަ ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓްފަދަ ޝަރީޢަތްތަކާ ގުޅޭ އެންމެހައި ލިޔުންތައް ފަރުވާތެރިކަމާއެކުގައި ރީތިކޮށް އަތުން ލިޔުއްވުންފަދަ މަސައްކަތްތަކަކީ، އެކޯޓުގައި މައިގަނޑުގޮތެއްގައި ކުރެއްވި އެންމެ މުހިންމު މަސައްކަތެކެވެ.

ޢަބްދުﷲ ސަމީރު، އަރިއަތޮޅު އުތުރުގޮފީ އަތޮޅުއޮފީހުގައި ވަޒީފާ އަދާކުރައްވަން ފެށްޓެވީ 3 ސެޕްޓެންބަރު 1989 ގައެވެ. އެ އޮފީހުގައި ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި، އޮފީހުގައި އިދާރީގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރެއްވުމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. އަދި، ސުޕަވައިޒަރެއްގެ ހައިސިއްޔަތުން އެހެން މުވައްޒަފުން ލައްވައި މަސައްކަތްކުރުވުމުގެ ޒިންމާ އަދާކުރައްވައިފައިވެސް ވެއެވެ. އަރިއަތޮޅު އުތުރުގޮފީ އަތޮޅުއޮފީހުގައި ކުރެއްވި މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރަށްރަށުން ގޯތި ދޫކުރުމާއި، ގޯތިގެދޮރާ ގުޅޭ އެންމެހައި މަސައްކަތްތަކާއި، އަތޮޅުގެ އެކި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކުގެ އިދާރީ މަސައްކަތްތައް ބެލެހެއްޓެވުމާއި، އަތޮޅުގެ ރަށްރަށުގެ ރަށުއޮފީސްތަކަށް ބޭނުންވާ އެންމެހައި ތަކެތި ހޯދުމުގެ މަސައްކަތްތައް ކުރެއްވުމާއި، ތަޙުޤީޤުކުރަންޖެހޭ މައްސަލަތައް ތަޙުޤީޤު ކުރެއްވުމާއި، އަތޮޅުވެރިންގެ ދަތުރުތަކާއި، އަތޮޅުވެރިންގެ ޚާއްޞަ މަސައްކަތްތައް ބެލެހެއްޓެވުންފަދަ ޒިންމާތައް ޢަބްދުﷲ ސަމީރު އަދާކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ސަމީރު، ދިވެހިރާއްޖޭގެ ޤައުމީ އަރުޝީފުގައި ޑިރެކްޓަރެއްގެ ވަޒީފާ އަދާކުރައްވަން ފެށްޓެވީ 1 ޖޫން 2014 ގައެވެ. އަރުޝީފުގައި ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރެއްވުމުގެ އިތުރުން ކުރެއްވި މުހިންމު މަސައްކަތްތަކުގެ ތެރޭގައި، ރާއްޖެއަށް އެތެރެކުރެވުނު ފުރަތަމަ ރޮބެޓިކް ސްކޭނަރ ރާއްޖެއަށް ގެނެސް އެ މެޝިނުގެ ޚިދުމަތް ފެށުމާއި، ދުވަސްވީ ތާރީޚީ ލިޔެކިޔުންތައް ތާރީޚަށްޓަކައި ރައްކާކުރުމަށް، ރޯލިންގ ފައިލިންގ ސިސްޓަމެއް ގާއިމުކުރެއްވުމާއި، ތާރީޚީ ލިޔެކިޔުންތައް ޢާންމު ކުރުމަށްޓަކައި 2 ޑިޖިޓަލް ބޯޑު ރާއްޖެގެނެސް އިންސްޓޯލްކުރުމުގެ މަސައްކަތް ހިމެނެއެވެ. އަދި ދައުލަތުގެ މުއައްސަސާތަކާއި، ކުންފުނިތަކުގެ ދުވަސްވެ ހަލާކުވެ، ތާރީޚަށްޓަކައި ރައްކާކުރަން ނުޖެހޭނެކަމަށް ބެލެވޭ ލިޔެކިޔުންތައް ނައްތައިލުމަށް އަރުޝީފުގެ ޑިރެކްޓަރ ޖެނެރަލްގެ ލަފާގެމަތީން ދޭންޖެހޭ ހުއްދަތައް ދެއްވުމާއި، ރާއްޖޭގެ އަތޮޅުތަކުގެ ރަށްރަށަށް ދަތުރުކުރައްވައި، އަރުޝީފުގެ ޤާނޫނަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ޕުރޮގުރާމުތައް ހިންގެވުމާއި، އިދާރީގޮތުން ކުރެވޭ އެންމެހައި މަސައްކަތަކާއި، އަދި ބަޖެޓާ ގުޅޭ މަސައްކަތްތައްވެސް ކުރައްވައިފައި ވެއެވެ.

ޢަބްދުﷲ ސަމީރު، ދެވަނަ ފަހަރަށް އއ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއާ ގުޅިވަޑައިގެންނެވީ، 30 ޖޫން 2019 ގައި ޑިރެކްޓަރ ޖެނެރަލްގެ މަގާމުގައި، އަތޮޅު ކައުންސިލުގެ އިދާރާގެ ޒިންމާދާރު ވެރިޔާގެ މަސްއޫލިއްޔަތާވެސް އެކުގައެވެ. އަތޮޅު ކައުންސިލުގެ އިދާރާގެ ދައުރަކީ، އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލުތައް މޮނިޓަރކޮށް އިދާރީ ހިންގުން ހަރުދަނާކުރުމުގެ ގޮތުން ކޮންމެ އަހަރަކު އަތޮޅުގެ ރަށްރަށުގެ ރަށުކައުންސިލުތައް މޮނިޓަރ ކުރުން ކަމަށްވާތީ، އެމަގާމުގައި ހުންނަވައިގެން އެގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރައްވަމުން ގެންދެވިއެވެ.

ޢަބްދުﷲ ސަމީރު، ދައުލަތަށް ޚިދުމަތްކުރެއްވުމުގައި ހޯއްދަވައިފައިވާ ތަޖުރިބާގެ އަލީގައި އަތޮޅު ކައުންސިލުތަކުގެ އިދާރާގެ މުވައްޒަފުންނަށް އިދާރީ މަސައްކަތްތަކާއި، ފައިސާ ގެންގުޅުމާއި ބެލެހެއްޓުމާގުޅޭ މައުލޫމާތު ފޯރުކޮށްދެއްވައިފައި ވެއެވެ. އަދި ސިވިލް ސަރވިސް ގަވާއިދަށް މުވައްޒަފުން އަހުލުވެރިކުރުވުމަށްޓަކައި ރަށްރަށަށް ދަތުރުކުރައްވައި، ކަމާގުޅޭ ޕްރެޒެންޓޭޝަން މުވައްޒަފުންނަށް ދެއްވައި، އަތޮޅު ކައުންސިލާއި ރަށްރަށުގެ ރަށުކައުންސިލްތަކުގެ މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ތަމްރީނު ޕުރޮގުރާމުތައް ރާއްވަވައި ހިންގަވައިފައިވެއެވެ. މީގެއިތުރުން، އަތޮޅު ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މައުލޫމާތު މުއްސަނދިކުރުމަށާއި، ކައުންސިލުން ދެމުންގެންދާ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި އިދާރީ ހިންގުމުގައި ކުރިއަރައިފައިވާ އަތޮޅުތަކަށް ތަޖުރިބާ ހޯދުމުގެ ދަތުރުތައްވެސް ޢަބްދުﷲ ސަމީރު ކުރައްވައިފައިވެއެވެ.