އަލްފާޟިލް ފުއާދު ތައުފީޤް
ފުއާދު ތައުފީޤަކީ، ދިވެހި ދައުލަތުގެ ތަފާތު މަގާމުތައް ފުރުއްވައި އަދި އެކި ދާއިރާތަކުގައި ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ބޭފުޅެކެވެ. މިހާރު ފުއާދު ތައުފީޤް ހުންނެވީ، ކިންގްޑަމް އޮފް ތައިލެންޑަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވައިފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައެވެ.
ފުއާދު ތައުފީޤް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، ކަސްޓަމްސްގެ އިނގިރޭސި ކާތިބުކަމުގެ ވަޒީފާގައި 14 ފެބުރުވަރީ 1973 ގައެވެ. ދައުލަތުގެ ޚިދުމަތުގައި މިހާތަނަށް ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގައި، ކަސްޓަމްސްގެ އިނގިރޭސި ކާތިބުކަމާއި، ސ. ބޮޑު އިސްޓޯރާއި، މޯލްޑިވްސް ނޭޝަނަލް ޓްރޭޑް ސެންޓަރުގެ އިނގިރޭސި ދަންނަ ކާތިބު ކަމާއި، އެޓަރނީ ޖެނެރަލްގެ އޮފީހުގެ އިނގިރޭސި ކާތިބުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ބޯޓްސް އިކުއިޕްމަންޓް ގިއަރ 2 އާއި، ފޮރިން އިންވެސްޓްމަންޓް ޑިވިޜަނުގެ އިނގިރޭސި ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ.
ފުއާދު ތައުފީޤަކީ، ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. މާގިނަ ވަސީލަތްތަކެއް ނެތް ދުވަސްވަރެއްގައި އިލެކްޝަންސް ޑިވިޜަންގެ ސެންސަސް ސްޓެޓިސްޓިޝަން ކަމުގެ މަގާމުގައި ހުންނަވައިގެން، ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތް އޭރު ކުރެއްވެން އޮތް އެންމެ ރަނގަޅު ފެންވަރަކަށް ކުރެއްވިއެވެ. އޭގެ ފަހުން، ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުފެދި، ތަފާސް ހިސާބާ ބެހޭ މަސައްކަތްތައް އެތަނަށް ބަދަލު ކުރެއްވުމާ ގުޅިގެން، އެ އޭޖެންސީގެ ސްޓެޓިސްޓިޝަން ކަމުގެ މަގާމާއި، ސީނިއަރ ސްޓެޓިސްޓިޝަން ކަމުގެ މަގާމުގައި ހުންނަވައިގެން އެ މަސައްކަތް ފުޅާ ކުރެއްވުމަށްޓަކައި ފުއާދު ތައުފީޤު، ޢަމަލީ ގޮތުން ކުރެއްވި މަސައްކަތްތަކަކީވެސް ފާހަގަކޮށްލަންޖެހޭ މަސައްކަތްތަކެކެވެ. ނޭޝަނަލް ޕްލޭނިންގ އޭޖެންސީ އުވި އެތަނުން ކުރަމުން ދިޔަ މަސައްކަތް، މިނިސްޓްރީ އޮފް ޕްލޭނިންގ އެންޑް ޑިވެލޮޕްމަންޓަށް ބަދަލުކުރެއްވުމާ ގުޅިގެން، ފުއާދު ތައުފީޤު ޚިދުމަތް ކުރައްވަމުން ގެންދެވީ އެ މިނިސްޓްރީގައެވެ. އެ މިނިސްޓްރީގެ ޗީފް ސްޓެޓިސްޓިޝަން ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރ ކަމުގެ މަގާމު، ފުއާދު ތައުފީޤު ފުރުއްވިއެވެ.
ފުއާދު ތައުފީޤު، ދައުލަތަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވޭ އެއް ކަމަކީ، ރާއްޖޭގެ ބޯހިމެނުމުގެ މަސައްކަތް، އިންޓަރނޭޝަނަލް ސްޓޭންޑަރޑްތަކަށް ފެތޭގޮތަށް ބަދަލު ކުރައްވައި، ބޯހިމެނުމާއި ސަރވޭތަކުގެ މަސައްކަތްތައް ރާއްވަވައި އިންތިޒާމު ކުރައްވައި ނަތީޖާ ނެރުއްވައި، ޝާއިޢު ކުރެއްވުމުގެ މަސައްކަތުގައި އަދާކުރެއްވި އިސް ދައުރެވެ. އަދި ރާއްޖެއަށް ގެނެވުނު ފުރަތަމަ ކޮމްޕިއުޓަރގެ މަސައްކަތް ރާއްވަވައި ހިންގަވައި، މުވައްޒަފުން ތަމްރީނުގެ ކުރެއްވުމުގެ މަސައްކަތުގައި ފުއާދު ތައުފީޤު އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައި ވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
ފުއާދު ތައުފީޤު ދައުލަތަށް ކުރެއްވި ޚިދުމަތްތަކުގެ ތެރެއިން ދެން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމުގެ މަގާމުގައްޔާއި އަދި އެ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްޕުޅުތަކެވެ. ރާއްޖޭގައި ބޭއްވުނު ރިޔާސީ އިންތިޚާބުތަކާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުތަކާއި، އަދި ކައުންސިލް ތަކުގެ އިންތިޚާބާ ބެހޭ ކަންކަން ވީހާވެސް އޮމާންކޮށް، ކުރިއަށް ގެންދެވުމުގައި ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކާއެކުގައިވެސް ފުއާދު ތައުފީޤު އަދާކުރެއްވި ދައުރަކީ ތަޢުރީފް ޙައްޤު ދައުރެކެވެ.
ފުއާދު ތައުފީޤަކީ، ޕާޓްޓައިމް މަގާމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރޮގްރާމަރ ކަމާއި، މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގެ ލެކްޗަރަރ (ސްޓެޓިސްޓިކްސް)ގެ މަގާމުވެސް ފުރުއްވައިފައިވާ ބޭފުޅެކެވެ. އަދި، އައިލެންޑް އޭވިއޭޝަން ލިމިޓެޑުގެ ބޯޑު މެންބަރުކަންވެސް ކުރައްވައިފައި ވެއެވެ.