އަލްއުސްތާޒު ޙަސަން ޙަމީދު
އަލްއުސްތާޒު ޙަސަން ޙަމީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ، 13 ޖަނަވަރީ 1986 ގައި، ކޯޓު ނަންބަރު 6 ގައެވެ. އޭގެފަހުން، 19 ޑިސެންބަރު 1994 އިން ފެށިގެން މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި ޚިދުމަތް ކުރެއްވުމަށްފަހު، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގަތީ، 1 ސެޕްޓެންބަރު 2004 ގައެވެ. ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޙަސަން ޙަމީދު މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމުގައެވެ. އަލްއުސްތާޒު ޙަސަން ޙަމީދުގެ ފުލުހުންގެ ޚިދުމަތުގެ ރޭންކަކީ، "ސީނިއަރ ޓެކްނިކަލް އެގްޒެކެޓިވް ޑިރެކްޓަރ" އެވެ.
ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި އަދާކުރެއްވި ވަޒީފާތަކުގެ ތެރޭގައި، ކޯޓު ނަންބަރު 6ގެ ކާތިބުކަމާއި، ބަޖެޓް ބަލަހައްޓާ ކޭޝިއަރު ކަމާއި، އެސިސްޓެންޓް ކޭޝިއަރ ކަމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ލީގަލް އެސިސްޓެންޓް ކަމާއި، ލީގަލް އޮފިސަރުކަން ހިމެނެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީގަލް އޮފިސަރު ކަމުގެ މަގާމާއި، ޑިރެކްޓަރު ކަމުގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލް ކަމުގެ މަގާމާއި، އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުވެސް އަދާކުރައްވައިފައި ވެއެވެ.
އަލްއުސްތާޒު ޙަސަން ޙަމީދު، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެން، އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ލީގަލް ސެކްޝަންގައެވެ. އޭގެފަހުން، ކޮމިޝަނަރސް އޮފީހުގައްޔާއި، ފުލުހުންގެ އިދާރާގެ އެކި ޑިޕާޓްމަންޓުތަކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
އަލްއުސްތާޒު ޙަސަން ޙަމީދު ކުރައްވާފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރޭގައި، ދިވެހި ފުލުހުންގެ ޚިދުމަތުގެ މަސައްކަތާ ގުޅުންހުރި މުހިންމު ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވައިލުމުގައި އެހީތެރިވެދެއްވުން ހިމެނެއެވެ. އެ ޤާނޫނުތަކަށާއި ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަންޖެހެއެވެ. އޭގެތެރޭގައި، ޤާނޫނު ނަންބަރު 12/2016 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު)އާއި، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) އާއި، ޤާނޫނު ނަންބަރު 18/2010 (ގޭންގު ކުށްތައް މަނާކުރުމާބެހޭ ޤާނޫނު) އާއި، ޤާނޫނު ނަންބަރު 17/2010 (ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ޤާނޫނު) ފަދަ މުހިންމު ޤާނޫނުތައް ހިމެނެއެވެ. އަދި ދިވެހި ފުލުހުންގެ ޚިދުމަތުގެ މުވައްޒަފުން، ޤާނޫނުތަކަށް އަހުލުވެރިކުރުވުމާއި، މުވައްޒަފުންނަށް ޤާނޫނުތަކާ ގުޅޭ އެކި ތަމްރީނުތައް ދެއްވުންވެސް ހިމެނެއެވެ.
މީގެއިތުރުން، ދިވެހި ފުލުހުންގެ މުއައްސަސާގެ ޚިދުމަތުގައި ޝަރުޢީ އަދި ޤާނޫނީގޮތުން ކުރަންޖެހޭ އެނޫންވެސް ކަންކަމުގައި ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކުގައި ޙަސަން ޙަމީދު ކުރައްވައިފައިވާ މަސައްކަތްތައް ފާހަގަކޮށްލެވެއެވެ. އެގޮތުން، އެ ޚިދުމަތުގެ ފަރާތުން އެކި އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ބައްލަވައި، ދިރާސާކުރައްވައި، ލަފައާއި އިރުޝާދު ދެއްވުމުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސްއަށާއި، ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޤާނޫނީ ލަފާ އެރުވުމާއި، އެކިއެކި އިދާރާތަކަށް ޤާނޫނީގޮތުން ހުށަހެޅޭ ކަންކަމުގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަމްސީލުކޮށްދެއްވުން ހިމެނެއެވެ. މީގެއިތުރުން، 2008 ވަނަ އަހަރު ފުލުހުންގެ ވަޒީފާއާބެހޭ ގަވާއިދު ރިވިއުކުރުމަށް އެކުލަވައިލެވުނު ކޮމިޓީގައްޔާއި، ޑިސިޕްލިނަރީ ބޯޑުގެ މެންބަރެއްގެ ގޮތުގައްޔާއި، 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް" ގައްޔާއި، 2019 ވަނަ އަހަރު އެރެސްޓީ ރިވިއު ކޮމިޓީ މެންބަރެއްގެ ގޮތުގައި އަލްއުސްތާޒު ޙަސަން ޙަމީދު ވަނީ މަސައްކަތް ކުރައްވައިފައެވެ. އަދި 2022 ވަނަ އަހަރު ސެންޓްރަލް ޕޮލިސިންގ ކޮމާންޑަށް ދެމެހެއްޓެނިވި ގޮތެއްގައި ޤާނޫނީ ރޮނގުން ޚާއްޞަ ޚިދުމަތްތަކެއް ކޮށްދެއްވައި، މިނޫނަސް ދިވެހި ފުލުހުންގެ ޚިދުމަތުންދޭ ޚިދުމަތްތައް ކުރިއެރުވުމަށާއި ތަރައްޤީކުރުމަށްޓަކައި އިޚްލާޞްތެރިކަމާއެކުގައި ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.