އަލްފާޟިލް އަޙްމަދު ޒިޔާދު
އަޙްމަދު ޒިޔާދު، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޓޯލްސް އެޑްމިނިސްޓްރޭޝަންގެ ކާތިބެއްގެ މަގާމުގައި 10 މޭ 1989 ގައެވެ. އޭގެފަހުން، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް ބަދަލުވެވަޑައިގެން، ކާތިބުގެ މަގާމާއި، ސީނިއަރ ކުލާކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
އަޙްމަދު ޒިޔާދު، ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް ބަދަލުވެވަޑައިގެންފައިވަނީ 1 ސެޕްޓެންބަރު 2004 ގައެވެ. ފުލުހުންގެ ޚިދުމަތުގައި ފުރަތަމަ އަދާކުރައްވައިފައި ވަނީ، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމެވެ. އޭގެފަހުން، ޑެޕިއުޓީ ސިވިލް އޮފިސަރގެ މަގާމާއި، ސިވިލް އޮފިސަރގެ މަގާމާއި، ސީނިއަރ ސިވިލް އޮފިސަރގެ މަގާމާއި، ޑެޕިއުޓީ ޗީފް ސިވިލް އޮފިސަރގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް ސަޕޯޓް އޮފިސަރގެ މަގާމު އަދާކުރައްވައިފައި ވެއެވެ. ދިވެހި ދައުލަތުގެ ޚިދުމަތުގައި 35 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އަޙްމަދު ޒިޔާދު މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެޑްމިނިސްޓްރޭޓިވް ސަޕޯޓް އޮފިސަރުގެ މަގާމުގައެވެ.
އަޙްމަދު ޒިޔާދު، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެން އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ލީގަލް އެފެއާޒް ސެކްޝަންގައެވެ. އޭގެފަހުން، ލީގަލް އެފެއާޒްގެ ބަންދު މީހުންނާބެހޭ ބައިގައްޔާއި، ކ. ދޫނިދޫ ޕްރޮޑަކްޝަން ރޫމްގައްޔާއި، ޔުނިފޯރމް އެކްސެސަރީޒް ޔުނިޓްގައްޔާއި، ސްޓޮކް މެނޭޖްމަންޓް ޔުނިޓުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.
އަޙްމަދު ޒިޔާދު ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، ބަންދު މީހުންނާ ގުޅޭ މަސައްކަތްތަކާއި، ލީގަލް ސެކްޝަންގައްޔާއި، ޔުނިފޯރމް އެންޑް އެކްސަސަރީޒް ޔުނިޓްގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. މިގޮތުން ބަންދު މީހުންގެ ރެކޯޑުތައް ލިޔުއްވައި، ފައިލްތައް ތައްޔާރުކުރައްވައި، ފައިލުތައް ރައްކާތެރިކަމާއެކު ބެލެހެއްޓެވުމަށްޓަކައި ފައިލްތައް ބަހައްޓާނެ ހަރު ފަރުމާކުރައްވައި، އެ ތަކެތި ފަސޭހައިން ބޭނުންކުރެވޭގޮތަށް ސާފުތާހިރުކޮށް އެތަކެތި ބަލަހައްޓަވައި، މަސައްކަތް އަވަސްކުރުމަށްޓަކައި ކޮމްޕިއުޓަރ ބޭނުންކޮށްގެން އެ ތަކެތި ހޯދޭނެގޮތް ހަމަޖެއްސެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ލީގަލް ސެކްޝަން ހިންގައިފައިވާ އިމާރާތުގެ މަސައްކަތްތަކުގައި، ޚާއްޞަކޮށް ކޮމާންޑް ސެންޓަރު ގާއިމުކުރި ދުވަސްވަރު، އެ މަސައްކަތް މުޅިން ނިމެންދެން ހުރިހާ ވަގުތެއްގައިހެން ޑިއުޓީ އަދާކުރައްވައިފައި ވެއެވެ. އަދި، ދިވެހި ފުލުހުންގެ ޚިދުމަތަށް ހޯދާ ޔުނީފޯމާ ގުޅޭ ހުރިހާ ތަކެއްޗެއް ރައްކާތެރިކަމާއެކު ބެލެހެއްޓެވުމާއި، ސްޓޮކް އަދި އިންވެންޓްރީ ބެލެހެއްޓެވުމާއި، ސްޓޮކުން ހުސްވަމުންދާ ތަކެއްޗާއި އެކި ކަންކަމާ ގުޅިގެން ދޫކުރެވޭ ތަކެއްޗާއި، އަނބުރާ ދައްކާ ގޮތަށް ދޫކުރެވޭ ތަކެތި ބެލެހެއްޓެވުމާއި، ނައްތާލަންޖެހޭ ތަކެތި ނައްތާލުމަށްޓަކައި ކުރަންޖެހޭ އެންމެހައި ކަންކަން، ދިގު މުއްދަތެއް ވަންދެން ނުހަނު ޝައުޤުވެރިކަމާއެކު އަޙްމަދު ޒިޔާދު ކުރައްވަމުން ގެންދަވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މީގެއިތުރުން، ޤާނޫނު ނަންބަރު 34/2020 (ދިވެހި ފުލުހުންގެ ޚިދުމަތުގެ ޤާނޫނު) އާ ގުޅިގެން ފުލުހުންގެ ރޭންކް ސްޓްރަކްޗަރއަށް ގެނެވުނު ބަދަލާ އެއްގޮތަށް 27 މާރިޗު 2021 ގެ ކުރިން މުޅި މުއައްސަސާގެ އެންމެހައި ފުލުހުންނަށް ރޭންކު ފޮތިކޮޅުތައް ތައްޔާރުކުރައްވައި ފޯރުކޮށްދެއްވުމަށް ކުރެވުނު އެންމެހައި މަސައްކަތްތައް ރާއްވަވައި ހިންގެވުމުގައި އަޙްމަދު ޒިޔާދު އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ.
މީގެއިތުރުން، އެކިއެކި މުނާސަބާތަކާ ގުޅިގެން ފުލުހުން ބާއްވާ އެކިއެކި ރަސްމިއްޔާތުތަކުގައި އެހީތެރިވެދެއްވައި، އެކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިޚުލާޞްތެރިކަމާއެކު އަޙްމަދު ޒިޔާދު މަސައްކަތްކުރައްވައިފައި ވެއެވެ. އަޙްމަދު ޒިޔާދަކީ، ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތުގެ އިތުރުން، އަމިއްލައަށް އިސްނަންގަވައިގެން ފާހަގަކުރެވޭ ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވަމުން ގެންދަވާ ބޭފުޅެއްވެސް މެއެވެ.