އަލްފާޟިލާ އަމްޝޫދާ ނަޢީމް
އަމްޝޫދާ ނަޢީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ބޭންކް އޮފް މޯލްޑިވްސް ކޭޝިއަރ ކަމް ކްލާކުގެ ވަޒީފާގައި 4 މޭ 1989 ގައެވެ. ޚިދުމަތުގައި މިއަދާ ހަމައަށް ހޭދަކުރައްވައިފައިވާ 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ބޭންކް އޮފް މޯލްޑިވްސްގެ އެކި ބްރާންޗުތަކާއި އިންޓަރނޭޝަނަލް ބޭންކިންގ ޑިޕާޓްމަންޓުގެ އެކި މަގާމުތައްވަނީ ފުރުއްވައިފައެވެ. މިގޮތުން، އެސިސްޓެންޓް، ހިތަދޫ ބްރާންޗުގެ މަގާމާއި، އެސިސްޓެންޓް، ގަން ބްރާންޗުގެ މަގާމާއި، އެސިސްޓެންޓް، މެއިން ބްރާންޗުގެ މަގާމާއި، އެސިސްޓެންޓް، ފޮރިން ބްރާންޗުގެ މަގާމާއި، އެސިސްޓެންޓް، މެއިން ބްރާންޗުގެ މަގާމާއި، ޖޫނިއަރ އޮފިސަރ، މެއިން ބްރާންޗުގެ މަގާމާއި، ޖޫނިއަރ އޮފިސަރ، ފޮރިން ޑިޕާޓްމަންޓުގެ މަގާމާއި، އޮފިސަރ، އިންޓަރނޭޝަނަލް ބޭންކިންގ ޑިޕާޓްމަންޓުގެ މަގާމު ހިމެނެއެވެ. އަދި، ޑެޕިއުޓީ މެނޭޖަރ، އިންޓަރނޭޝަނަލް ބޭންކިންގ ޑިޕާޓްމަންޓުގެ މަގާމާއި، އިންޗާޖް އިންޓަރނޭޝަނަލް ބޭންކިންގ ޑިޕާޓްމަންޓުގެ މަގާމާއި، ޑެޕިއުޓީ މެނޭޖަރ، އިންޓަރނޭޝަނަލް ބޭންކިންގ ޑިޕާޓްމަންޓުގެ މަގާމާއި، އަދި ސީނިއަރ އޮފިސަރ، އިންޓަރނޭޝަނަލް ބޭންކިންގ ޑިޕާޓްމަންޓުގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. މިހާރު އަމްޝޫދާ ހުންނެވީ، ފައިނޭންޝަލް ޓްރާންސެކްޝަންސް ޔުނިޓުގެ މެނޭޖަރ، ފައިނޭންޝަލް ޓްރާންސެކްޝަންސް އެންޑް ޓްރޭޑް ފައިނޭންސްގެ މަގާމުގައެވެ.
އަމްޝޫދާއަކީ، ޖެނެރަލް ބޭންކިންގ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި، އަދި ބައިނަލްއަގުވާމީ ބޭންކުތަކާ ގުޅިގެން ހިންގޭ ބޭންކިންގ މުޢާމަލާތުތައް ހިންގުމުގައި ފާހަގަކޮށްލެވޭ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ބޭފުޅެކެވެ. މިގޮތުން ލިބިވަޑައިގެންފައިވާ ތަޖުރިބާތަކުގެ ތެރޭގައި، ބޭންކަށް ޚިދުމަތް ހޯދަން އަންނަ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ހިމެނޭ، އެކައުންޓަށް ފައިސާ ޖަމާކުރުމާއި، ފައިސާ ނެގުމާއި، އެކައުންޓް ހުޅުވުމާއި، ލޯނުގެ މުޢާމަލާތާއި، ކަސްޓަމަރުންނަށް ދެވޭ ޚިދުމަތްތަކަކީ، ފުރިހަމަ ޚިދުމަތެއްކަން ކަށަވަރު ކުރެއްވުން ހިމެނެއެވެ. އަދި މިހާރު އަމްޝޫދާ އަދާކުރައްވާ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި، ބޭންކުން ފޯރުކޮށްދޭ އިންޓަރނޭޝަނަލް ބޭންކިންގގެ މަސައްކަތްތައް މޮނިޓަރކުރެއްވުމާއި، ނޮސްޓްރޯ އެކައުންޓްތަކުގެ ޓްރާންސެކްޝަންތައް ބެލެހެއްޓެވުމާއި، މަނީ މާކެޓް ލައިންތަކާއި، ބޭރު ފައިސާ ގަނެވިއްކުމުގެ މުޢާމަލާތުތައް ބެލެހެއްޓެވުމާއި، އޮތޮރައިޒް ކުރެއްވުން ހިމެނެއެވެ. ބޭންކުގައި ޚިދުމަތް ކުރައްވައިފައިވާ މުއްދަތުގެ ތެރޭގައި އުސޫލަކާއި ނުވަތަ ގަވާއިދަކާ ޚިލާފުވެވަޑައިގެން އަމްޝޫދާ ނަޢީމަށް ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަންޖެހެއެވެ.
އަމްޝޫދާއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުވައިދެއްވައި، މަސައްކަތުގެ ރޫޙު އާލާކޮށް ދެމެހެއްޓުމަށް ބުރަ މަސައްކަތްތަކެއްވަނީ ކުރައްވައިފައެވެ. އަދި އޮފީހުގެ ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ތަމްރީނު ދެއްވުމުގައިވެސް މުހިއްމު ދައުރެއް އަދާކުރައްވައެވެ. ޚިދުމަތުގައި އެހެން ފަރާތްތަކަށް ނަމޫނާއާ މިސާލު ދައްކަވައި ހީވާގިކަމާއެކު ބޭންކަށް އަގުހުރި މަސައްކަތްތަކެއް އަމްޝޫދާ ގެންދަވަނީ ކޮށްދެއްވަމުންނެވެ.