އަލްފާޟިލާ އާމިނަތު އުލްފާ
އާމިނަތު އުލްފާ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ސެންޓްރަލް ހޮސްޕިޓަލްގެ ވަގުތީ ޓައިޕިސްޓެއްގެ މަގާމުގައި 1 އެޕްރީލު 1989 ގައެވެ.
އާމިނަތު އުލްފާ، ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ސެންޓްރަލް ހޮސްޕިޓަލުގެ ޓައިޕިސްޓްގެ މަގާމާއި، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ކްލާކް ޓައިޕިސްޓްގެ މަގާމާއި، ސީނިއަރ ކްލާރކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، ސެކްރެޓެރީގެ މަގާމާއި، އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި މިހާރު ހުންނެވީ ހުޅުމާލޭ ހޮސްޕިޓަލުގެ ފެސިލިޓީ މެނޭޖްމަންޓްގެ ޓްރާންސްޕޯޓު ޑިވިޜަންގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.
ހުޅުމާލޭ ހޮސްޕިޓަލުގައި ހޭދަކުރެއްވި މުއްދަތުގެ ތެރޭގައި އާމިނަތު އުލްފާ ހޮސްޕިޓަލުގެ އެކި ދާއިރާތަކުގައި ވަނީ މަސައްކަތްކުރައްވައިފައެވެ. އެގޮތުން، ހައުސްކީޕިންގއަށް ބޭނުންވާ ތަކެތި ހޯދުމާއި އެ ތަކެތީގެ ސްޓޮކް ބެލެހެއްޓުމާއި، ހައުސްކީޕިންގ މުވައްޒަފުންގެ ޑިއުޓީތައް ރޭވުމާއި، ހޮސްޕިޓަލުގެ ހުރިހާ ތަނެއް ސާފުކުރެވިފައިވޭތޯ ބަލައި، ގަވާއިދުން ޗެކްކުރެއްވުމުގެ މަސައްކަތްވެސް ކުރައްވައިފައިވެއެވެ. މީގެއިތުރުން، ހޮސްޕިޓަލުގައި ހިންގާ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ވަރަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވައިފައި ވެއެވެ. ކޮވިޑް-19ގެ ޙާލަތުގައި ފްރަންޓްލައިންގައި ޚިދުމަތްކުރައްވައިފައި ވެއެވެ.
އާމިނަތު އުލްފާ، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި ވަޒީފާ އަދާކުރެއްވި މުއްދަތުގައި ހާޒިރީ އެވޯޑު ދެ ފަހަރު ލިބިވަޑައިގެންފައިވެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުން ދެއްވި އެޓެންޑެންސް އެވޯޑު ތިން ފަހަރަށް ހާސިލުކުރައްވައިފައި ވެއެވެ. ފާއިތުވެދިޔަ 35 އަހަރު ދުވަހުގެ ތެރޭގައި އާމިނަތު އުލްފާ، އެއްވެސް ދުވަހަކު ގަޑިނުޖެހި އޮފީހަށް ހާޒިރުވެވަޑައިގެންފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.