ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ
ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓްގެ ރޭންކްގައި 25 މާރިޗް 1989 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގައި، އެމް.އެން.ޑީ.އެފް.ގެ ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް 1ގެ ރޭންކްގައްޔާއި، ލެފްޓިނެންޓްގެ ރޭންކްގައްޔައި، ފަސްޓް ލެފްޓިނެންޓްގެ ރޭންކްގައްޔާއި، ކެޕްޓަންގެ ރޭންކްގައްޔާއި، ލެފްޓިނެންޓް ކާނަލްގެ ރޭންކްގައްޔާއި، ކާނަލްގެ ރޭންކްގައްޔާއި، ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ މިހާރު ހުންނެވީ، ދިވެހި ޢަސްކަރިއްޔާގެ އެންމެ ޝަރަފުވެރި އެއް ދާއިރާ ކަމުގައިވާ މެރިންކޯގެ ކޮމާންޑަރުގެ މަގާމުގައެވެ.
ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީގެ ޚިދުމަތްތަކުގެ ތެރޭގައި، ސިފައިންގެ އެކި ދާއިރާތަކުގައި ކޮމާންޑް، ސްޓާފް، އަދި އިންސްޓްރަކްޝަނަލް އެޕޮއިންޓްމަންޓްތައް އަދާކުރައްވައިފައި ވެއެވެ. ވަކިން ޚާއްޞަގޮތެއްގައި، މެރިންކޯ ކޮމާންޑަރުގެ އިތުރުން، ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ އެންމެ އިސް މަގާމާއި، ޢަސްކަރިއްޔާގެ އިންޓެލިޖެންސްގެ އެންމެ އިސް މަގާމާއި، އަދި ނޮދަން އޭރިޔާގެ ކޮމާންޑަރުގެ ގޮތުގައި ހުންނަވައިގެން ދިވެހި ޤައުމާއި ދިވެހި ޢަސްކަރިއްޔާއަށް ކުރައްވައިފައިވާ ޚިދުމަތްތައް ފާހަގަކޮށްލަން ޖެހެއެވެ. ފާއިތުވެދިޔަ ދިގު މުއްދަތުގެ ތެރޭގައި، ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ، ޢަސްކަރީ ގިނަ ތަމްރީނު ކޯސްތަކެއް ރާއްޖެއާއި ރާއްޖެއިން ބޭރުން ފުރިހަމަ ކުރައްވައި، ޑިފެންސް އެންޑް ސްޓްރެޓެޖިކް ސްޓަޑީޒް އިން މާސްޓަރ އޮފް ފިލޯސޮފީ ވަނީ ހާސިލުކުރައްވައިފައެވެ.
ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ ވަނީ، ތަފާތު އެކި ދާއިރާތަކުން ތަޢުލީމާއި ތަމްރީނު ފުރިހަމަކުރައްވައި، އެމް.އެން.ޑީ.އެފް.ގައި، މީހުން ބިނާކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. އެމް.އެން.ޑީ.އެފް.ގެ އެކި ދާއިރާތަކުގެ ސްޓާފް އެޕޮއިންޓްމަންޓްގެ މަގާމުތަކާއި، ބޯޑުތަކުގެ ޗެއަރމަންކަމާއި، އެމް.އެން.ޑީ.އެފް.އަށް ލަފާދޭ މަޖިލީހުގެ މެންބަރުކަމުގެ އިތުރުން، އެމް.އެން.ޑީ.އެފް.ގެ ގިނަ ޔުނިޓުތަކެއްގެ ކޮމާންޑަރުގެ މަގާމު ފުރުއްވައިފައި ވެއެވެ. މީގެ އިތުރުން، ފާއިތުވި 35 އަހަރު ދުވަހުގެ ތެރޭގައި ސިފައިން ޢަމަލީގޮތުން ހިންގެވި ހުރިހާ އޮޕަރޭޝަންތަކެއްގައި ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ ބައިވެރިވެވަޑައިގެން އިސްދައުރެއް އަދާކުރައްވައިފައި ވެއެވެ.
ބްރިގޭޑިއަރ ޖެނެރަލް ޢަބްދުﷲ ޒުހުރީ، އިޚުލާޞްތެރިކަމާއެކުގައި ކުރެއްވި ޚިދުމަތް ފާހަގަކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 10 ކުލައާއި، 11 މެޑެލް ދެއްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ ޝަރަފުގެ ނިޝާންތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، އަޚްލާޤީ ކުލަ ހިމެނެއެވެ. ޢަބްދުﷲ ޒުހުރީއަށް، ޚާއްޞަ ޚިދުމަތުގެ ކުލަ ދެފަހަރަށް އަދި އަޚުލާޤީ ކުލަ ތިން ފަހަރަށް ލިބިވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެލް އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ. މީގެ އިތުރުންވެސް، މިނިވަން ފަންސާސް ރަންޔޫބީލްގެ ޝަރަފުގެ އެވޯޑާއި، އެމެރިކާގެ އޭޝިއާ ޕެސިފިކް ސެންޓަރ ފޮރ ސެކިއުރިޓީ ސްޓަޑީޒްގެ އެލުމުނާއި އެޗީވްމަންޓް އެވޯޑް ޢަބްދުﷲ ޒުހުރީއަށް ލިބިވަޑައިގެންފައި ވެއެވެ.