އަލްފާޟިލާ ރަޙްމާ ޢަބްދުއްރަޙްމާން
ހ. ދިއްލީގެ

ރަޙްމާ ޢަބްދުއްރަޙްމާން، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ އިސްކަންދަރު ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ މަގާމުގައި 4 ފެބުރުވަރީ 1989 ގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި، ކަލާފާނު ސްކޫލުގެ ޕްރައިމަރީ ޓީޗަރުކަމާއި، ސުޕަވައިޒަރުކަމާއި، އިސްކަންދަރު ސްކޫލުގެ އެސިސްޓެންޓް ޕްރިންސިޕަލްކަން ހިމެނެއެވެ. އަދި އިސްކަންދަރު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމާއި، ކަލާފާނު ސްކޫލުގެ ޑެޕިއުޓީ ޕްރިންސިޕަލް ކަމުގެ މަގާމުވެސް ފުރުއްވިއެވެ. 29 ޖަނަވަރީ 2025 ގައި ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، ކަލާފާނު ސްކޫލްގެ ޕްރިންސިޕަލް ކަމުގެ މަގާމުގައެވެ.

ރަޙްމާ ޢަބްދުއްރަޙްމާނުގެ ޚިދުމަތްތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސިޔާސަތުތަކާއި މަންހަޖުތަކާ އެއްގޮތްވާގޮތުގެ މަތިން އުނގަންނައިދިނުމުގެ ހަރަކާތްތައް ވިލަރެސް ކުރައްވައި ހިންގެވުން ހިމެނެއެވެ. އަދި ވަށާޖެހޭ ތަޢުލީމަށް މަގުފަހިވާގޮތަށް އިތުރު ހަރަކާތްތަކުގައި ބައިވެރިވުމަށް ދަރިވަރުންނަށް ފުރުޞަތު ހޯއްދަވައިދެއްވައި، ކަލާފާނު ސްކޫލުން، ސްކޫލު ދައުރު ފުރިހަމަކޮށް ނުކުންނަ ދަރިވަރުންނަކީ، އަމިއްލަ މަސައްކަތުން އާމްދަނީ ހޯދޭނެބަޔަކަށް ހެދުމަށްޓަކައި، ވޮކޭޝަނަލް ޓްރެއިނިންގ ސްކިލް ލެބްތައް ސްކޫލުގައި ގާއިމުކޮށްދެއްވައި، ސްކޫލް ތެރެއިން ދާއިމީގޮތެއްގައި ތަމްރީނުތައް ހިންގޭނެ އިންތިޒާމުތައް ހަމަޖައްސަވައި ދެއްވައިފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ. އަދި ސްކޫލުގެ މުދަލާއި ފައިސާގެ އެންމެހައި ކަންތައްތަކާއި، ދަރިވަރުންނާއި މުވައްޒަފުންގެ ރިކޯޑުތައް ފަރުވާތެރިކަމާއެކު ބެލެހެއްޓެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވައިފައިވެއެވެ.

ދަރިވަރުންގެ ނަތީޖާއާ ގުޅޭގޮތުން ބެލެނިވެރިންނާއި ޓީޗަރުންގެ ބައްދަލުވުންތައް އިންތިޒާމު ކުރެއްވުމާއި، މުދައްރިސުންނާއި އެހެނިހެން މުވައްޒަފުންގެ މަސައްކަތު ފެންވަރު ދެނެގަނެ، ކަނޑައެޅިފައިވާ ފެންވަރަށް ސްކޫލުން ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ތަމްރީނުތައް ރަޙްމާ ޢަބްދުއްރަޙްމާން، މުދައްރިސުންނަށް ފަހިކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، ދަރިވަރުންގެ ކިބައިގައި ދީނީ، އަޚުލާޤީ އަދި ޤައުމީ ރޫޙް އާލާކޮށް ހަރުދަނާ، ރަނގަޅު އާދަތައް އަށަގެންނެވުމަށް ޙަރަކާތްތައް ރާއްވަވައި ހިންގަވައި، ސްކޫލް މާޙައުލަކީ ރައްކާތެރި މާޙައުލަކަށް ހެދުމަށްޓަކައި ކުރައްވަންޖެހޭ އެންމެހައި މަސައްކަތްތައްވެސް ރަޙްމާ ޢަބްދުއްރަޙްމާން ކުރައްވައިފައި ވެއެވެ.

ރަޙްމާ ޢަބްދުއްރަޙްމާން ވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އުސޫލުތަކާ އެއްގޮތަށް، ސްކޫލުގެ ހިންގުމަށް ބޭނުންވާ ސްޓްރެޓީޖިކް ޕްލޭނާއި، ސަބްޖެކްޓް އިމްޕްރޫވްމަންޓް ޕްލޭނާއި، މުދައްރިސުންނާއި ދަރިވަރުންގެ އަތްމަތީފޮތްތައް، ފަރުވާތެރިކަމާއެކު ތައްޔާރު ކުރައްވައި ތަންފީޒުކުރައްވައިފައެވެ. އަދި މި އުސޫލުތަކަށް ދަރިވަރުންނާއި، ބެލެނިވެރިންނާއި މުވައްޒަފުން އަހުލުވެރިކުރުވުމަށް ކުރައްވަން ޖެހިވަޑައިގެންނެވި އެންމެހައި މަސައްކަތްތައް ރޭވުންތެރިކަމާއެކު ކުރައްވައިފައި ވެއެވެ.

ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި، ރަޙްމާ ޢަބްދުއްރަޙްމާނުގެ ޕްރިންސިޕަލްކަމުގެ ދަށުން ކަލާފާނު ސްކޫލްވަނީ، އައި.ޖީ.އެސް.ސީ. އަދި އޯ.ލެވެލް އިމްތިޙާނުގައި ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާތަކެއް ހާސިލުކޮށްފައެވެ. އަދި ކަލާފާނު ސްކޫލަކީ، ހަރުދަނާ އުސޫލުތަކެއްގެ މަތީގައި ހިންގޭ ސްކޫލެއްގެ ގޮތުގައި މުޖުތަމަޢުންވެސް ފާހަގަކުރާ ސްކޫލަކަށް ހެއްދެވުމުގައި ރަޙްމާ ޢަބްދުއްރަޙްމާނުގެ މިންނެތް މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ.