އަލްފާޟިލް ޤާސިމް އަޙްމަދު
ޤާސިމް އަޙްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ޑިޕާޓްމަންޓް އޮފް ޕޯސްޓް އެންޑް ޓެލެކޮމިއުނިކޭޝަންގެ ޕިޔޯނުކަމުގެ ވަޒީފާގައި 29 ޖުލައި 1984 ގައެވެ. ދައުލަތުގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ، އަމީނިއްޔާ ސްކޫލުގެ ދިވެހި ޓީޗަރެއްގެ މަގާމުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ކަސްޓަމްސްގެ 2 ނަންބަރު ކާތިބުކަމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުކަމާއި، ސުޕަވައިޒަރުކަމާއި، ބ. ހިތާދޫ ސްކޫލުގެ ސުޕަވައިޒަރުކަމާއި، ގުރެޖުއޭޓް ލީޑިންގ ޓީޗަރުކަމާއި، އަމީނިއްޔާ ސްކޫލުގެ ޓީޗަރުކަމާއި، ސީނިއަރ ޓީޗަރުކަމުގެ ވަޒީފާވެސް އަދާކުރެއްވިއެވެ.
ޤާސިމް އަޙްމަދު، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރެއްވިއިރު، ސްކީމް ތައްޔާރުކުރެއްވުމާއި، ސްކީމާއެއްގޮތަށް ލެސަން ޕްލޭން ހެއްދެވުމާއި، ސްކޫލުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ކިޔަވައި ދެއްވުމުގެ އިތުރުން، ޓެސްޓް ޕޭޕަރު ތައްޔާރުކުރެއްވުމާއި، ޓެސްޓް ޕޭޕަރު މާކު ކުރައްވައި، ސްކޫލުން ކަނޑައަޅާގޮތުގެ މަތީން ރިޕޯޓުފޮތްތައް ނިންމެވުމުގެ މަސައްކަތް ކުރައްވައިފައި ވެއެވެ. މީގެއިތުރުން، ސްކޫލުގެ ސްކައުޓް ހަރަކާތްތަކާއި، އަދަބީ ހަރަކާތްތަކާއި، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައި ވެއެވެ.
ޤާސިމް އަޙްމަދު، ހިތާދޫ ސްކޫލުގެ ސުޕަވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއިރު، ހެނދުނު ދަންފަޅީގައި ކިޔަވައިދޭ މުދައްރިސުންގެ ކިޔަވައިދިނުން އޮބްޒަރވް ކުރައްވައި ފީޑުބެކް ދެއްވައި، ހެނދުނު ސެޝަންގެ އެންމެހައި ކަންތައްތައް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ގަވާއިދާ އެއްގޮތަށް ޕްރިންސިޕަލްގެ ލަފާގެ މަތިން ކުރިއަށް ގެންދަވައިފައި ވެއެވެ. މީގެއިތުރުން، ކިޔަވައިދޭ ކުލާސްތަކުގެ ދިވެހި މާއްދާގެ ސްކީމް ތައްޔާރުކުރެއްވުމާއި، ސްކީމާ އެއްގޮތަށް ލެސަންޕްލޭން ހެއްދެވުމާއި، ސްކޫލުން ކަނޑައަޅާ ތާވަލާ އެއްގޮތަށް ކިޔަވައިދެއްވުމުގެ އިތުރުން، ޓެސްޓް ޕޭޕަރު ތައްޔާރުކުރައްވައި، މާކު ކުރެއްވުމުގެ މަސައްކަތް ކުރައްވައި އަދި ކުޅިވަރާއި އަދަބީ ހަރަކާތްތައް ރާއްވަވައި ހިންގެވުމުގައިވެސް އިސް ދައުރެއް އަދާކުރައްވައިފައި ވެއެވެ.
ޤާސިމް އަޙްމަދު، އަމީނިއްޔާ ސްކޫލުގައި ޓީޗަރެއްގެ ގޮތުން ވަޒީފާ އަދާކުރެއްވިއިރު، ސްކީމް ތައްޔާރު ކުރެއްވުމާއި، ސްކީމާ އެއްގޮތަށް ލެސަން ޕްލޭން ހެއްދެވުމާއި، ސްކޫލުން ކަނޑައަޅައިފައިވާ ތާވާލާ އެއްގޮތަށް ކިޔަވައި ދެއްވުމުގެ އިތުރުން، ޓެސްޓް ޕޭޕަރުތައް ތައްޔާރު ކުރެއްވުމާއި، ޓެސްޓް ޕޭޕަރު މާކު ކުރައްވައި ސްކޫލުން ކަނޑައަޅާގޮތުގެ މަތީން ރިޕޯޓު ފޮތްތައް ނިންމަވައިފައިވެއެވެ. މީގެއިތުރުން، ސްކޫލުގެ ކަބްސްކައުޓް ހަރަކާތްތަކާއި އަދަބީ ހަރަކާތްތަކާއި، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިޔުމުގައި އެހީތެރިވެދެއްވައި، ޤައުމީ މުބާރަތްތަކަށް ދަރިވަރުން ތައްޔާރު ކުރެއްވުމުގައި ބުރަ މަސައްކަތްތަކެއް ކުރައްވައިފައި ވެއެވެ.
ޤާސިމް އަޙްމަދަށް ލިބިވަޑައިގެންފައިވާ ކިޔަވައިދެއްވުމުގެ ތަޖުރިބާގެ އަލީގައި، އަލަށް ވަޒީފާއަށް ވަންނަ މުދައްރިސުންނަށް ސްކީމް ތައްޔާރުކުރާނެ ގޮތާއި، ލެސަންޕްލޭން ހަދާނެގޮތާއި، މުދައްރިސުންގެ ކިޔަވައިދިނުމުގެ ފެންވަރު ރަނގަޅު ކުރާނެގޮތުގެ އިރުޝާދު ދެއްވައި، އެހީތެރިވެދެއްވައިފައި ވެއެވެ. ޚާއްޞަކޮށް، ޤާސިމް އަޙްމަދުގެ ޚިދުމަތުގެ މުއްދަތުގައި އެޗް.އެސް.ސީ. އިމްތިޙާނަށް ކިޔަވައިދެއްވި 3 އަހަރުވެސް 100 އިންސައްތަ ދަރިވަރުން ފާސްވެފައި ވެއެވެ. އަދި އެސް.އެސް.ސީ. އިމްތިޙާނަށް ކިޔަވައިދެއްވި ގިނަ އަހަރުތަކުގައިވެސް 100 އިންސައްތަ ދަރިވަރުން ފާސްވެފައިވާކަން ހިތާދޫ ސްކޫލުން ފާހަގަކުރައްވައެވެ.
ޤާސިމް އަޙްމަދު 23 ޖަނަވަރީ 2024 ގައި ރިޓަޔަރ ކުރެއްވިއިރު 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދައުލަތަށް ޚިދުމަތް ކުރައްވައިފައި ވެއެވެ. މި މުއްދަތުގެ ތެރޭގައި، ހާޒިރުވެވަޑައިނުގަންނަވާ ދުވަހެއް އަދި ގަޑިޖެހިފައި އޮތް ދުވަހެއް ނެތްކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ޤާސިމް އަޙްމަދަކީ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުއްލިއްޔާ އޮފް އިސްލާމިކް ރިވީލްޑް ނޮލެޖް އެންޑް ހިއުމަން ސައެންސަސް އިން ހިންގާ ބެޗްލަރ އޮފް އިމާމްޝިޕް ކޯހުގައްޔާއި، ޕްރީ މާސްޓަރސް ކޯހުގައި ވަގުތީ ލެކްޗަރަރ އެއްގެ ގޮތުގައި މިހާރުވެސް ކިޔަވައި ދެއްވަމުން ގެންދަވާ ބޭފުޅެކެވެ.