އަލްފާޟިލާ ޢާބިދާ ވަސީމް
ދަފްތަރު. ނަންބަރު ރސ 4477، މާލެ

ޢާބިދާ ވަސީމް، ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1 މާރިޗު 1989 ގައި އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ރޭންކުގައެވެ. އެން.އެސް.އެސް.ގައި 5 އަހަރެއްހާ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ޢާބިދާ ވަސީމް ކަސްޓަމްސްގެ ވަޒީފާއާ ގުޅިވަޑައިގަތީ 23 ޖޫން 1994 ގައެވެ.

ޢާބިދާ ވަސީމް، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައި ފުރުއްވައިފައިވާ މަގާމު ތަކުގެ ތެރޭގައި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމާއި، އެސިސްޓެންޓް ކަސްޓަމްސް އޮފިސަރ ގްރޭޑް 3 ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމާއި، ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގެ އިތުރުން، ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 1 ގެ މަގާމު ފުރުއްވައިފައި ވެއެވެ. ޢާބިދާ ވަސީމް މިހާރު ހުންނެވީ ސީނިއަރ ކަސްޓަމްސް އޮފިސަރ ގްރޭޑް 2 ގެ މަގާމުގައެވެ.

ޢާބިދާ ވަސީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވަނީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގައެވެ. ޢާބިދާ ވަސީމް ވަނީ ތަފާތު ސެކްޝަންތަކުގައި މަސައްކަތްކުރައްވައިފައެވެ. މިގޮތުން، އެޑްމިނިސްޓްރޭޝަން ސެކްޝަން، ބޮންޑެޑް ވެއަރހައުސް އެގްޒެމިނޭޝަން، ބޮންޑެޑް ވެއަރހައުސް ޑޮކިއުމެންޓޭޝަން، އެޑްމިނިސްޓްރޭޝަން އަދި އެއަރކާގޯ އެގްޒެމިނޭޝަން ފާހަގަކޮށްލެވެއެވެ.

ޢާބިދާ ވަސީމަކީ، މަސައްކަތު ދާއިރާގައި ތަޖުރިބާކާރު، ހުނަރުވެރި ބޭފުޅެކެވެ. ޢާބިދާ ވަސީމް، ޚިދުމަތްކުރެއްވި މުއްދަތު ތެރޭގައި، ގަވާއިދާ ޚިލާފުވެގެން ފިޔަވަޅެއް އަޅައިފައިނުވާކަން ފާހަގަ ކޮށްލަންޖެހެއެވެ. ޢާބިދާ ވަސީމަކީ، އެކުގައިއުޅޭ ތަޖުރިބާ މަދު މުވައްޒަފުންނަށް، އޮފީހުގެ މަސައްކަތްތައް އޮޅުންފިލުއްވައި ދެއްވައި، މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރާ މުވައްޒަފެކެވެ.

ކަސްޓަމްސްއަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަން ކުރުމުގެގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި ކުލަތަކުގެ ތެރެއިން ޤާބިލުކަމުގެ ކުލައާއި، ކާމިޔާބުގެ ރަންކުލައާއި، އަޚުލާޤީ ކުލައާއި، އިޚުލާސްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލައާއި، 125 އަހަރުގެ ކުލަ އަދި ޚާއްޞަ ޚިދުމަތުގެ ކުލަ، ޢާބިދާ ވަސީމް ވަނީ ހާސިލުކުރައްވައިފައެވެ.