އަލްފާޟިލް މުޙައްމަދު ނަޞީރު
މުޙައްމަދު ނަޞީރު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ 21 ޖުލައި 1987 ގައެވެ. އަދާކުރެއްވީ ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ޕިޔޯނުކަމުގެ ވަޒީފާއެވެ. ވަޒީފާގެ މެދުކެނޑުމަކާއެކު، ޚިދުމަތުގައި މިހާތަނަށް ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޑިޕާޓްމަންޓް އޮފް މީޓިއޮރޮލޮޖީގެ ލޯންޗް ޑްރައިވަރުކަމާއި، 2 ނަންބަރު ކާތިބުކަމާއި، މޯލްޑިވްސް އެއަރޕޯޓްސް އޮތޯރިޓީގެ 1 ނަންބަރު ރެވެނިއު ކްލާކް ކަމާއި، އެސިސްޓެންޓް ބަޖެޓް އޮފިސަރުކަމާއި، ޑިޕާޓްމަންޓް އޮފް ޕަބްލިކް ހެލްތުގެ ސެކްރެޓެރީ ކަމާއި، ހދ. މަކުނުދޫ ޞިއްޙީ މަރުކަޒުގެ ސެކްރެޓެރީކަން ކުރައްވައިފައިވެއެވެ.
މަކުނުދޫ ޞިއްޙީ މަރުކަޒުގެ ފައިސާއާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދިނުމާއި، އިންވެންޓްރީ ބެލެހެއްޓެވުމާއި އަދި ޕްރޮކިއުމަންޓްގެ މަސައްކަތްތައްވެސް މުޙައްމަދު ނަޞީރު ކުރައްވަމުން ގެންދަވައެވެ. ހަމައެއާއެކު، ރަށަށް ޒިޔާރަތްކުރައްވާ ޞިއްޙީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހިވަޑައިގެންނެވި ކަންކަންވެސް ވަރަށް ފަރުވާތެރިކަމާއެކުގައި ކުރައްވައިފައިވެއެވެ.
އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވައި، ވަޒީފާއަށް އަހުލުވެރިކުރުވުމާއި، މަސައްކަތުގެ މާހައުލުގައި މުވައްޒަފުންނަށް ކުރިމަތިވާ މައްސަލަތައް ޙައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމާއެކު، ކަންކަން ކުރަންވީ ގޮތްތައް ވިދާޅުވެދެއްވުމުގައި މުޙައްމަދު ނަޞީރު އަބަދުވެސް އެހެން މުވައްޒަފުންނަށް ނަމޫނާ ދައްކަވައިފައިވެއެވެ. ދިގު މުއްދަތެއް ވަންދެން ޚިދުމަތް ކުރައްވަމުން ގެންދެވިއިރު، މުޙައްމަދު ނަޞީރު ފާހަގަކުރެވިފައިވަނީ، ހާޒިރީއަށް ފަރުވާތެރި، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.
މުޙައްމަދު ނަޞީރު، މަކުނުދޫ ޞިއްޙީ މަރުކަޒުގައި ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިހާރު 23 އަހަރަށްވުރެ ދިގު މުއްދަތެއް ވެއްޖެއެވެ. މިހާރު ހުންނެވީ، އެ މަރުކަޒުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަގާމުގައެވެ.