އަލްއުސްތާޒު ޤާސިމް ޢަލީ
އަލްއުސްތާޒު ޤާސިމް ޢަލީ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ކޯޓު ނަންބަރު 5 ގެ ކާތިބެއްގެ ވަޒީފާގައި 20 ޖަނަވަރީ 1987 ގައެވެ. އޭގެފަހުން، ހެންވޭރު އަވަށު އޮފީހުގައްޔާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މަސައްކަތް ކުރައްވައިފައި ވެއެވެ. ދިވެހި ފުލުހުންގެ ޚިދުމަތުގެ ވަޒީފާއަށް ބަދަލުވެވަޑައިގެންނެވީ 1 ސެޕްޓެންބަރު 2004 ގައެވެ. ދިވެހި ދައުލަތަށް 36 އަހަރަށްވުރެ ދިގުމުއްދަތެއްގައި ޚިދުމަތް ކުރައްވައިފައިވާ އަދި، މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި އަލްއުސްތާޒު ޤާސިމް ޢަލީ މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ޓެކްނިކަލް ޑިރެކްޓަރގެ މަގާމުގައެވެ. އަލްއުސްތާޒު ޤާސިމް ޢަލީ ފުލުހުންގެ ޚިދުމަތުގައި ހުންނެވީ "އެސިސްޓެންޓް ޓެކްނިކަލް އެގްޒެކެޓިވް ޑިރެކްޓަރ" ރޭންކުގައެވެ. ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، ކޯޓު ނަންބަރު 5ގެ 2 ނަންބަރު ކާތިބު ކަމާއި، ކޭޝިއަރ ކަމާއި، ހެންވޭރު އަވަށު އޮފީހުގެ ސުޕަރވައިޒަރ ކަމާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގެ ލީގަލް އެސިސްޓެންޓުގެ މަގާމާއި، އެސިސްޓެންޓް ލީގަލް އޮފިސަރގެ މަގާމާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އެސިސްޓެންޓް ލީގަލް އޮފިސަރގެ މަގާމާއި، ލީގަލް އޮފިސަރގެ މަގާމާއި، ސީނިއަރ ލީގަލް އޮފިސަރގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރގެ މަގާމާއި، ޑިރެކްޓަރގެ މަގާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަގާމާއި، ޑިރެކްޓަރ ޖެނެރަލްގެ މަގާމު އަދާކުރައްވައިފައި ވެއެވެ.
އަލްއުސްތާޒު ޤާސިމް ޢަލީ، ކޯޓު ނަންބަރު 5 އާއި، ހެންވޭރު އަވަށު އޮފީހާއި، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މަސައްކަތްކުރެއްވުމަށްފަހު، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވީ، ފުލުހުންގެ ޚިދުމަތުގެ ލީގަލް ސެކްޝަނުގައެވެ. އޭގެފަހުން، ޕަބްލިކް އެފެއާޒް ޑިޕާޓްމަންޓުގައްޔާއި، ކްރައިމް ޕްރިވެންޝަން ޑިޕާޓްމަންޓުގައްޔާއި، ޕޮލިސް ހެރިޓޭޖް ސެންޓަރުގައްޔާއި، އިންޓަރގްރޭޓެޑް ސަރވިސަސް ޑިޕާޓްމަންޓުގައްޔާއި، ރީޖަނަލް ޕޮލިސިންގ ޑައިރެކްޓްރޭޓްގައްޔާއި، ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑުގައްޔާއި، ސްޓްރެޓެޖީ އެންޑް ލީގަލް ޑިޕާޓްމަންޓުގައްޔާއި، ނޮދަން އޮޕަރޭޝަންސް ކޮމާންޑްގައްޔާއި، ޕޮލިސް މީޑިއާ ސެންޓަރުގައްޔާއި، ކޮމިޝަނަރ ބިއުރޯގައްޔާއި، އެގްޒެކެޓިވް އެންޑް ލީގަލް ސަރވިސަސްގައި މަސައްކަތް ކުރައްވައިފައިވެއެވެ.
އަލްއުސްތާޒު ޤާސިމް ޢަލީ ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، ދިވެހި ފުލުހުންގެ ޚިދުމަތުގައި ޝަރުޢީ އަދި ޤާނޫނީގޮތުން ކުރަންޖެހޭ ކަންކަމުގައި ތެދުވެރިކަމާއި، އިޚުލާޞްތެރިކަމާއެކު ކުރައްވައިފައިވާ މަސައްކަތްތަކެވެ. އެގޮތުން، ފުލުހުންގެ ޚިދުމަތުގެ ފަރާތުން އެކި އިދާރާތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތަކުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ބައްލަވައި ދިރާސާކުރައްވައި، ލަފަޔާ އިރުޝާދު ދެއްވުމުގެ އިތުރުން، ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅުންހުރި ކަންކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަށާއި، ފުލުހުންގެ ޚިދުމަތަށް ބޭނުންވާ ޤާނޫނީ ލަފާ އެރުވުމާއި، ޤާނޫނީގޮތުން ހުށަހެޅޭ ކަންކަމުގައި ފުލުހުންގެ ޚިދުމަތް ތަމްސީލުކޮށްދެއްވުން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން، 2015ވަނަ އަހަރާއި 2016ވަނަ އަހަރު ވެލްފެއަރ ބޯޑުގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފައިވާ ކަމާއި، އަދި 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް"ގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން، އިޚުލާޞްތެރިކަމާއެކު މަސައްކަތް ކޮށްދެއްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
އަލްއުސްތާޒު ޤާސިމް ޢަލީ، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި މަސައްކަތްކުރެއްވިއިރު، މައްސަލަތައް ތަޙުޤީޤު ކުރެއްވުމުގެ އިތުރުން، މޯލްޑިވްސް ޕޮލިސް ސަރވިސްއިން ތަޙުޤީޤު ކުރައްވާ މައްސަލަތަކުގައި ގޮތް ނިންމެވުމަށް، މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީގައި އެކުލަވައިލައިފައި އޮންނަ "މައްސަލަ ދަންނަވާ ކޮމިޓީ"ގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އެކުލަވައިލައްވައިފައި އޮންނަ "މުއްދަތު ކޮމިޓީ"ގެ މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމާއި، އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކަށް އެތަންތަނުގެ އިންޗާޖުންގެ ގޮތުގައި ފޮނުވާ އޮފިސަރުންނަށް ދެވޭ ތަޢުލީމާއި ތަމްރީނުގެ ޕުރޮގުރާމުތަކުގައި ކިޔަވައިދެއްވުންވެސް ހިމެނެއެވެ.
އަލްއުސްތާޒު ޤާސިމް ޢަލީ ކޯޓު ނަންބަރު 5ގައި ވަޒީފާ އަދާކުރެއްވިއިރު، 1988 ނޮވެންބަރު 3ވަނަ ދުވަހު ބޭރު ބަޔަކު ރާއްޖެއަށް ދިން ޢުދުވާނީ ޙަމަލާގެ ޝަރީޢަތްތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި ކުރިޔަށްގެންދެވިއިރު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ފޮނުއްވައިގެން ދިވެހިރާއްޖޭގެ ހައިކޯޓުގައި ޝަރީޢަތްތައް ނިމެންދެން މަސައްކަތް ކޮށްދެއްވައިފައިވާކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.