އަލްފާޟިލާ ޢާއިޝަތު މުޙައްމަދު
މާދަޑު. ފުރޫޝަން، ޏ. ފުވައްމުލައް

ޢާއިޝަތު މުޙައްމަދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 5 ޖަނަވަރީ 1988 ގައި، ވަގުތީ މުދައްރިސެއްގެ މަގާމުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ. ޕްރައިމަރީ ޓީޗަރުކަމުގެ ތަމްރީނު ފުރިހަމަ ކުރެއްވުމަށްފަހު އަލުން ދާއިމީ ޓީޗަރެއްގެ ގޮތުގައި ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތް ކުރައްވަން ފަށްޓަވައި، ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، ޕްރައިމަރީ ޓީޗަރުގެ މަގާމު އަދާކުރެއްވިއެވެ. އޭގެ ފަހުން ޙާފިޒް އަޙްމަދު ސްކޫލުގެ ޕްރައިމަރީ ޓީޗަރުގެ މަގާމާއި، މުދައްރިސްގެ މަގާމާއި، ގްރެޖުއޭޓް ޓީޗަރގެ މަގާމާއި، ގްރެޖުއޭޓް ޓީޗަރ (ދިވެހި)، ޓީޗަރ (ދިވެހި)، އަދި ސީނިއަރ ޓީޗަރ (ދިވެހި) މަގާމު އަދާކުރައްވައިފައި ވެއެވެ.

ޢާއިޝަތު މުޙައްމަދު ވަނީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީއާއި، ބެޗްލަރ އޮފް ޓީޗިންގ ސެކަންޑްރީ (ދިވެހި ލޭންގްއޭޖް އެންޑް ލިޓްރޭޗަރ) އަދި މާސްޓަރ އޮފް އެޑިޔުކޭޝަން (ދިވެހި ލޭންގްއޭޖް ޓީޗިންގ) ކޯސް ފުރިހަމަކުރައްވައިފައެވެ.

ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތްކުރެއްވިއިރުގައި، އެ ސްކޫލުގެ އިމާދު ހައުސްގެ އިންޗާޖުކަމާއި، ގާލްގައިޑް ހަރާކާތް ހިންގުމުގައި ލީޑަރެއްގެ ގޮތުގައި ޢާއިޝަތު މުޙައްމަދު ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ.

ޙާފިޒް އަޙްމަދު ސްކޫލުގައި ޚިދުމަތްކުރެއްވި މުއްދަތުގެ ތެރޭގައި، ޕީ.ޓީ.އޭ. އިން ދޭ "އެޓެންޑެންސް އެވޯޑް" ދެ އަހަރަކު ޢާއިޝަތު މުޙައްމަދު، ހާސިލުކުރައްވައިފައި ވެއެވެ. އަދި ގަރލްގައިޑްގެ ޙަރަކާތްތައް ދިގު، މުއްދަތެއްގައި ހިންގެވުމާ ގުޅިގެން ގަރލްގައިޑް އެސޯސިއޭޝަނުން ދެއްވި ކޮމިޝަނަރ ބެޖު ލިބިވަޑައިގެންފައި ވެއެވެ. ޢާއިޝަތު މުޙައްމަދު ވަނީ، ޙާފިޒް އަޙްމަދު ސްކޫލުގެ މާލިކީ ހައުސްގެ އިންޗާޖުކަންވެސް ކުރައްވައިފައެވެ. ހަމައެހެންމެ، ޤައުމީ އެތުލެޓިކްސް މުބާރާތުގައި ބައިވެރިވާ ސްކޫލުގެ ދަރިވަރުންނާ ހަވާލުވެވަޑައިގެން އައްޑުއަތޮޅަށް ވަނީ ވަޑައިގެންފައެވެ. އަދި 35ވަނަ ޤައުމީ ޤުރްއާން މުބާރާތުގައި ބައިވެރިވި އެ ސްކޫލުގެ ދަރިވަރުންނާ ހަވާލުވެވަޑައިގެން މާލެއަށްވެސް ވަނީ ވަޑައިގެންފައެވެ. ޢާއިޝަތު މުޙައްމަދު މިހާރުވެސް އެ ސްކޫލުގެ ދިވެހި ކޯޑިނޭޓަރެއްގެ މަސްއޫލިއްޔަތާއި، ގަރލްގައިޑު ލީޑަރެއްގެ ޒިންމާ އަދާކުރައްވަމުން ގެންދަވައެވެ.

ޢާއިޝަތު މުޙައްމަދަށް ލިބިވަޑައިގެންފައިވާ ތަޢުލީމާއި ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް އެކިރޮނގުރޮނގުން އެހީތެރިކަން ފޯރުކޮށްދެއްވައި އަދި ޚާއްޞަ ގޮތެއްގައި، ދިވެހިބަހުން ވާހަކަދެއްކުމާއި، ދިވެހިބަހުން ލިޔުންތައް ލިޔުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމުގެ އިރުޝާދު ދެއްވަމުން ގެންދަވައެވެ.