އަލްފާޟިލާ ޢާޞިމާ ޢަލީ ޢަބްދުއްރަޙްމާނު
ޢާޞިމާ ޢަލީ ޢަބްދުއްރަޙްމާން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ ހދ. ނައިވާދޫ ކޯޓުގެ ކްލާކް ކަމުގެ ވަޒީފާގައި 1 ފެބުރުވަރީ 1989 ގައެވެ. މިހާރު އަދާކުރައްވަމުން ގެންދަވަނީ ތިލަދުންމަތީ ދެކުނުބުރީ ނައިވާދޫ މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމެވެ.
ދައުލަތުގެ ޚިދުމަތުގައި ޢާޞިމާ ޢަލީ ޢަބްދުއްރަޙްމާން، މި ހޭދަކުރެއްވި 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި ހދ. ނައިވާދޫ ކޯޓުގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމާއި، ސެކްރެޓެރީކަން ކުރައްވައިފައި ވެއެވެ. އަދި މިނިސްޓްރީ އޮފް ޖަސްޓިސް އެންޑް އިސްލާމިކް އެފެއާޒްގެ ސީނިއަރ ކްލާކް ކަމާއި، އެސިސްޓެންޓް ސެކްރެޓެރީ ކަމުގެ މަގާމުވެސް އަދާކުރައްވައިފައިވެއެވެ.
ޢާޞިމާ ޢަލީ ޢަބްދުރަޙްމާން، ހދ. ނައިވާދޫ ކޯޓުގައި ވަޒީފާ އަދާކުރެއްވިއިރު، ޝަރީޢަތްތަކުގައި ނެގޭ ބަޔާންތަކާއި، ޝަރީޢަތް ނިމުނު ގޮތުގެ ރިޕޯޓުފަދަ ލިޔުންތައް އަތުން ރީތިކޮށް ފަރުވާތެރިކަމާއެކު ލިޔުއްވައިފައިވެއެވެ. ފަހުން ޓައިޕް ކުރައްވައިގެންވެސް ކޯޓުގެ އެންމެހައި ލިޔެކިޔުންތައް ބަލަހައްޓަވައިފައިވެއެވެ. އަދި އެކިއެކި މައްސަލަތަކުގައި ޝަރީޢަތަށް ހާޒިރުކުރަންޖެހޭ މީހުން ހާޒިރުކުރުމަށް ޗިޓް ހައްދަވައިގެން، އަމިއްލަފުޅަށް ގޭގެއަށް ވަޑައިގެން، ޗިޓް ރައްދުކުރުންފަދަ މަސައްކަތްތައްވެސް ކުރައްވައިފައިވެއެވެ.
ހދ. ނައިވާދޫ މެޖިސްޓްރޭޓް ކޯޓުގެ ޝަރީޢަތާބެހޭ އެންމެހައި ކަންކަމާއި، މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓެވުމާއި، މުސާރަ ދެއްވުމާއި، އިންވެންޓްރީ ބެލެހެއްޓެވުންފަދަ މަސައްކަތްތައްވެސް ޢާޞިމާ ޢަލީ ޢަބްދުއްރަޙްމާން ވަނީ ކުރައްވައިފައެވެ. އަދި ހަމައެއާއެކު، ރަށަށް ޒިޔާރަތްކުރާ ޝަރުޢީ ވަފުދުތަކާ ގުޅިގެން ކުރައްވަން ޖެހުނު މަސައްކަތްތައްވެސް ވަރަށް ފަރުވާތެރިކަމާއެކު ކުރައްވައިފައިވެއެވެ.
ޢާޞިމާ ޢަލީ ޢަބްދުރަޙްމާނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެހެން ފަރާތްތަކަށް ކަންކަން އޮޅުންފިލުވައިދެއްވުމުގައިވެސް ހަރަކާތްތެރިވެވަޑައިގެންފައި ވެއެވެ. މިގޮތުން، ކޯޓުގެ ވަޒީފާއަށް އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، ކައިރި ރަށްރަށުގެ ކޯޓުތަކުގައި ދިމާވާ އިދާރީ މައްސަލަތަކާއި، ފައިސާގެ މައްސަލަތައް ހައްލުކޮށްދެއްވުމުގައި އެހީތެރިވެދެއްވުމާއި، މަސައްކަތުގެ ތަޖުރިބާ ހޯދަން ކޯޓަށް ޒިޔާރަތް ކުރާ ސްކޫލްތަކުގެ ދަރިވަރުންނަށްވެސް ކަންކަން ކުރަންވީގޮތާއި، ކަންކަން ހިންގަމުން ގެންދާގޮތް އޮޅުންފިލުއްވައިދެއްވުން ހިމެނެއެވެ.
ޚިދުމަތުގެ މި ދިގު މުއްދަތުގައި، ޢާޞިމާ ޢަލީ ޢަބްދުރަޙުމާން ވަނީ އެހެން ފަރާތްތަކަށް ނަމޫނާއާއި މިސާލު ދައްކަވައި، ހީވާގިކަމާއެކު އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވައިފައެވެ. އަދި އެއްވެސްއިރެއްގައި މައްސަލައެއް ޖެހިގެން ސުވާލެއް ކުރައްވައިފައިނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.