އަލްފާޟިލް އަޙްމަދު ޢަބްދުލްކަރީމް
އަޙްމަދު ޢަބްދުލްކަރީމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ 1 ފެބުރުވަރީ 1989 ގައެވެ. އެއީ، ތ. ތިމަރަފުށީގައި ހުންނަ ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ރާއްޖެތެރޭގެ ޕްރައިމަރީ ޓީޗަރެއްގެ ގޮތުގައެވެ. ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދަވާތާ މިވީ 36 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ހިރިލަންދޫ ސްކޫލުގެ ޕްރައިމަރީ ޓީޗަރުކަމާއި، ސުޕަވައިޒަރުކަމާއި، ލީޑިންގ ޓީޗަރުކަން ކުރައްވައިފައި ވެއެވެ. އަޙްމަދު ޢަބްދުލްކަރީމް މިހާރު ހުންނެވީ، ހިރިލަންދޫ ސްކޫލުގެ ޓީޗަރުކަމުގެ މަގާމުގައެވެ.
އަޙްމަދު ޢަބްދުލްކަރީމް، ތ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ޚިދުމަތްކުރެއްވިއިރުގައި، ޕްރައިމަރީ ޓީޗަރެއްގެ ހައިސިއްޔަތުން ގްރޭޑް 1 އިން 7 އަށް ކްލާސްތަކަށް ކިޔަވައިދެއްވުމާއި، ޓެސްޓް ޕޭޕަރުތައް ތައްޔާރުކުރެއްވުމާއި، ޓެސްޓުތައް ދެއްވުމާއި، މާރކްސް ދެއްވުމާއި، ދަރިވަރުންގެ އަޚުލާޤީ ރެކޯޑްތައް ބެލެހެއްޓެވުމާއި، ހައުސްމާސްޓަރ ކަމުގައި ދަރިވަރުން ކުޅިވަރާއި އަދަބީ މުބާރާތްތަކަށް ފަރިތަކުރެއްވުމާއި، އިންޓަރ ހައުސް މުބާރާތްތަކުގައި ޓީމުތައް ބައިވެރިކުރެއްވުން ހިމެނެއެވެ. އަދި ސްކޫލުގައި ބާއްވާ ބައްދަލުވުންތަކާއި ޙަފުލާތަކާއި، ފާހަގަކުރެވޭ މުނާސަބަތުތަކާއި، މުވައްޒަފުން ބައިވެރިވާ ސްކޫލުގެ އެކިއެކި ކަންކަމުގައި ބައިވެރިވެވަޑައިގެން ކުރަންޖެހުނު ކޮންމެ ކަމެއް ކުރައްވައިފައިވާކަން ފާހަގަކޮށްލަންޖެހެއެވެ.
އަޙްމަދު ޢަބްދުލްކަރީމް، ހިރިލަންދޫ ސްކޫލުގައި ފުރަތަމަ ވަޒީފާ އަދާކުރައްވަން ފެށްޓެވިއިރު، އެ ސްކޫލުގައި އެޑްމިން ސްޓާފެއް، ސަޕޯޓް ސްޓާފެއް އަދި ޓެކްނިކަލް ސްޓާފެއް ނެތުމުން، އެ ސްކޫލުގެ ޕްރައިމަރީ ޓީޗަރެއްގެ ހައިސިއްޔަތުން ކިޔަވައިދެއްވުމުގެ އިތުރުން، ކިޔަވައިދިނުމުގެ ހުރިހާ ހަރަކާތްތަކެއް ރާއްވަވައި ހިންގެވުމާއި، މުވައްޒަފުންގެ ކަންކަން ބެލެހެއްޓެވުމާއި، ދަރިވަރުންގެ އަޚުލާޤީ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތް ކުރެއްވިއެވެ. އަދި، އިދާރީ ލިޔެކިޔުންތަކާއި، ބަޖެޓާގުޅޭ ލިޔެކިޔުންތައް އަތުން ލިޔުއްވައިގެން ބެލެހެއްޓެވުމާއި، ބަޖެޓާއި އިދާރީ ކަންކަން ބެލެހެއްޓެވުމުގެ އިސްވެރިއެއްގެ ގޮތުގައި ވެސް މަސައްކަތް ކުރައްވައިފައި ވެއެވެ. ސްކޫލުގެ ކުޅިވަރު ހަރަކާތްތައް ރާއްވަވައި ހިންގެވުމާއި، ސްކޫލު ސާފުކުރުވުމާއި، ޢިމާރާތް ކުރުމާއި މަރާމާތު ކުރުމާބެހޭ ކަންތައްތައް ބެލެހެއްޓެވުމާއި، އެ މަސައްކަތްތަކުގެ އިންޗާޖެއްގެ ގޮތުގައި ދިގު މުއްދަތެއް ވަންދެން އަޙްމަދު ޢަބްދުލްކަރީމް، ޚިދުމަތް ކުރައްވައިފައި ވެއެވެ.
އަޙްމަދު ޢަބްދުލްކަރީމް، ޕްރައިމަރީ ޓީޗަރުކަމުގެ މަގާމުގައްޔާއި، ސުޕަވައިޒަރުގެ މަގާމުގައި ހުންނަވައިގެން ސްކޫލް ހިންގުމުގެ އިތުރުން، ސްކޫލުގައި ފާހަގަކުރެވޭ މުހިންމު މުނާސަބަތުތައް ފާހަގަކުރުމާއި، ރަށަށް ޒިޔާރަތް ކުރައްވާ ތަޢުލީމީ ދާއިރާގެ އެކިއެކި ވަފުދުތަކަށް ބޭނުންވާ ކަންކަމުގައި އެހީތެރިކަން ދެއްވައި، ފަރުވާތެރިކަމާއެކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ.
އަޙްމަދު ޢަބްދުލްކަރީމަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައި ދެއްވަމުން ގެންދަވައެވެ. އަދި، އޮފީހުގެ ވަޒީފާއާ އަލަށް ގުޅިވަޑައިގަންނަވާ މުވައްޒަފުންނަށް ތަމްރީނު ދެއްވުމާއި، ކައިރި ރަށްރަށުގެ ސްކޫލުތަކުގެ ޓެސްޓް ޕޭޕަރުތައް ޕްރިންޓް ކޮށްދެއްވުމާއި، ތަޖުރިބާ ދަތުރުތަކުގައި އެހެން ސްކޫލުތަކަށް ޒިޔާރަތްކުރެއްވުމާއި، ހިރިލަންދޫ ސްކޫލަށް ޒިޔާރަތްކުރާ އެހެން ސްކޫލުތަކުގެ ދަރިވަރުންނަށް ކިޔަވައިދެއްވުމާއި، އެ ދަރިވަރުންނަށް ބޭނުންވާ އެކިއެކި އިންތިޒާމުތައް ހަމަޖައްސަވައި ދެއްވުމަށް އަޙްމަދު ޢަބްދުލްކަރީމް އިސްނަންގަވައިގެން ގިނަ މަސައްކަތްތަކެއް ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަންޖެހެއެވެ.
އަޙްމަދު ޢަބްދުލްކަރީމް ދިގު މުއްދަތެއްވަންދެން ޚިދުމަތްކުރެއްވިއިރު ފާހަގަކުރެވިފައިވަނީ، ގަވާއިދުތަކާއި އުސޫލުތަކާ އެއްގޮތަށް ޚިދުމަތްކުރައްވަމުން ގެންދަވާ ބޭފުޅެއް ގޮތުގައެވެ.