ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް
ޗާނދަނީމާގެ، ތ. ވިލުފުށި

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގައި ޕްރައިވެޓެއްގެ ރޭންކްގައި 31 ޖަނަވަރީ 1989 ގައެވެ. ފުލުހުންގެ ޚިދުމަތުގައި 36 އަހަރަށްވުރެ ގިނަދުވަހު ޚިދުމަތްކުރައްވައިފައިވާ އަދި މިހާރުވެސް ޚިދުމަތުގައި ދެމިހުންނެވި ޢަލީ ޒަޢީމް މިހާރު ހުންނެވީ، ދިވެހި ފުލުހުންގެ ޚިދުމަތުގެ ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސްގެ ރޭންކުގައެވެ. ފާއިތުވި ދިގު މުއްދަތުގެ ތެރޭގައި، ޕްރައިވެޓްގެ ރޭންކްގައްޔާއި، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓޭޝަން އިންސްޕެކްޓަރ ކަމުގެ ރޭންކްގައްޔާއި، ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ގްރޭޑް 1 ގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް، ދިވެހި ޢަސްކަރިއްޔާއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު، އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ، އެން.އެސް.އެސް.ގެ ޑިއުޓީ ސެކްޝަންގައެވެ. އޭގެފަހުން، އެކި ސެކްޝަންތަކުގައި މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި އެއަރޕޯޓް ޕޮލިސްގައްޔާއި، ޓުއަރިސްޓް ޕޮލިސްގައްޔާއި، ސ.ހިތަދޫ ޕޮލިސް ސްޓޭޝަންގައްޔާއި، ޕޮލިސް ކްލަބުގައި މަސައްކަތްކުރައްވައިފައި ވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް ކުރައްވައިފައިވާ ޚާއްޞަ ބޮޑެތި މަސައްކަތްތަކުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ، އެ ޚިދުމަތުގެ ފަރާތުން ހިންގުނު ތަފާތު އެކިއެކި އޮޕަރޭޝަންތަކުގައި ހިތްވަރާއި ޢަޒުމާއެކުގައި ކުރައްވައިފައިވާ މަސައްކަތްތަކެވެ. އެގޮތުން 1996ވަނަ އަހަރާއި، 1998ވަނަ އަހަރު، އަދި 1999ވަނަ އަހަރު އޮޕަރޭޝަން ދަންމާނުގައި ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްތަކާއި، 2000ވަނަ އަހަރު އާ ސާސްކަފަށް މަރުޙަބާ ކިޔުމުގެ ގޮތުން މާލޭ އިރުމަތީ ފަރާތު ހެދިގޮނޑުދޮށުގައި ހެދި ދިވެހިރާއްޖޭގެ މާލަން ތައްޔާރުކުރުމަށް ކުރެއްވި މަސައްކަތްތަކާއި، 2003ވަނަ އަހަރު އަދި 2004ވަނަ އަހަރު އޮޕަރޭޝަން ދަންމާނުގައި ބައިވެރިވެވަޑައިގެން ކުރެއްވި މަސައްކަތްތައް ފާހަގަކޮށްލަން ޖެހެއެވެ. އަދި 2014ވަނަ އަހަރު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން އިރުވައި" ގައްޔާއި، 2018ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅިގެން ހިންގުނު "އޮޕަރޭޝަން ބްލޫވޭވް" ގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން އިޚުލާސްތެރިކަމާއެކު މަސައްކަތް ކޮށްދެއްވައި، 2020ވަނަ އަހަރު ކޮވިޑް-19 އާ ދެކޮޅަށް ޤައުމީ ފެންވަރުގައި ކުރެވުނު މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެން އިޚުލާޞްތެރިކަމާއެކު މަސައްކަތްތަކެއް ކޮށްދެއްވައިފައި ވެއެވެ. މީގެއިތުރުން، 2021ވަނަ އަހަރު އޮކްޓޫބަރު މަހުގައި ކުރިއަށްގެންދިޔަ 13ވަނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ސެކިއުރިޓީ ބެލެހެއްޓުމުގައްޔާއި، 2022ވަނަ އަހަރު ކޮވިޑް-19 އާ ގުޅިގެން ފުލުހުން ހިންގި ވެކްސިން ޕުރޮގުރާމުގައްޔާއި، 2022ވަނަ އަހަރުގެ ފުލުހުންގެ ޚިދުމަތުގެ 89ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވުނު ދިދަ ނެގުމުގެ ރަސްމިއްޔާތާއި، ރަސްމީ ޖަލްސާ އިންތިޒާމުކުރުމުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައި ވެއެވެ. މީގެއިތުރުން، ސުނާމީ ކާރިސާގައްޔާއި މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާގައި ކުރެއްވި މަސައްކަތްތަކުގައިވެސް ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައިވެއެވެ.

ސަބް-އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޒަޢީމް، ސިފައިންގޭގައްޔާއި ދިވެހި ފުލުހުންގެ ޚިދުމަތުގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގުވަޒަންކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި، 8 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި އަޚުލާޤީ ކުލައާއި، ފުލުހުންގެ ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލް ތަކުގެ ތެރޭގައި، ސައްތައިގެ މެޑެއްޔާއި، ފުލުހުންގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ފުލުހުންގެ ޚިދުމަތުގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެލް ހިމެނެއެވެ.