ސާރޖަންޓް މޭޖަރ އިބްރާހީމް ރާޟީ
ސާރޖަންޓް މޭޖަރ އިބްރާހީމް ރާޟީއަކީ، 1988ވަނަ އަހަރު ދިވެހި ޤައުމަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއާ ގުޅިގެން ސިފައިންގެ ސަފުތަކަށް ޒުވާނުން ކުރިމަތިލެއްވުމަށް ސަރުކާރުން ގޮވައިލެއްވި ގޮވައިލެއްވުމަށް އިޖާބަ ދެއްވައި، 31 ޖަނަވަރީ 1989 އިން ފެށިގެން މެދުނުކެނޑި 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކު، ދިވެހި ޢަސްކަރިއްޔާއަށް ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭކަލެކެވެ. ސިފައިންގެ ޕްރައިވެޓެއްގެ ރޭންކްގައި ޚިދުމަތްކުރައްވަން ފެށްޓެވުމަށްފަހު، އެން.އެސް.އެސް.ގެ ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައްޔާއި، އަދި ފަސްޓް ސާރޖަންޓް ރޭންކްގެ އިތުރުން، ސާރޖަންޓް މޭޖަރގެ ރޭންކުގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
ސާރޖަންޓް މޭޖަރ އިބްރާހީމް ރާޟީ، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ސިފައިންގެ އެކި ދާއިރާތަކުގައި ވަނީ ޚިދުމަތް ކުރައްވައިފައެވެ. އަދި އެ ދާއިރާތަކުގެ ތަފާތު މަގާމުތައް ވަނީ އަދާކުރައްވައިފައެވެ. ސާރޖަންޓް މޭޖަރ އިބްރާހީމް ރާޟީ ވަނީ ތަފާތު ދާއިރާތަކުން ރާއްޖެއިން ގިނަ ތަމްރީނުތަކެއްވެސް ފުރިހަމަ ކުރައްވައިފައެވެ.
ސާރޖަންޓް މޭޖަރ އިބްރާހީމް ރާޟީ، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަން ކުރައްވައި، ޝަރަފުގެ ނިޝާނުގެ ގޮތުގައި 7 ކުލައާއި 10 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަ ތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަދި އަޚުލާޤީ ކުލަ ތިން ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގުމުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.
ސާރޖަންޓް މޭޖަރ އިބްރާހީމް ރާޟީގެ ޚިދުމަތް ފެށުނީއްސުރެ މިއަދާ ހަމައަށްވެސް ފާހަގަކުރެވިފައިވަނީ، ހަވާލުކުރެވުނު ކޮންމެ ކަމެއްވެސް ކަމަށްކަމޭހިއްތަވައިގެން، ގާބިލުކަމާއި ތެދުވެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ ބޭފުޅެއްގެ ގޮތުގައެވެ.