ސާރޖަންޓް މޭޖަރ އަޙްމަދު ޢާރިފް
ސާރޖަންޓް މޭޖަރ އަޙްމަދު ޢާރިފަކީ 31 ޖަނަވަރީ 1989 އިން ފެށިގެން އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ދިވެހި ޢަސްކަރިއްޔާގައި ޚިދުމަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. އެން.އެސް.އެސް.ގެ ޕްރައިވެޓެއްގެ ރޭންކްގައި ޚިދުމަތްކުރައްވަން ފެށްޓެވުމަށްފަހު، ލާންސް ކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް ފަސްޓް ކްލާސްގެ ރޭންކްގައްޔާއި، ފަސްޓް ސާރޖަންޓްގެ ރޭންކްގައްޔާއި، ސާރޖަންޓް މޭޖަރގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ. ސާރޖަންޓް މޭޖަރ އަޙްމަދު ޢާރިފު ވަނީ 36 އަހަރަށްވުރެ ގިނަ ދުވަހު ސިފައިންގޭގައި ޚިދުމަތް ކުރައްވައިފައެވެ.
ސާރޖަންޓް މޭޖަރ އަޙްމަދު ޢާރިފް، ސިފައިންގޭގައި ޚިދުމަތް ކުރައްވައިފައިވާ ދާއިރާތަކުގެ ތެރޭގައި، ޑިއުޓީ ސެކްޝަނާއި، ޓާސްކް ފޯސްއާއި، ކްއިކް ރިއެކްޝަން ފޯސްއާއި، ރީޖަނަލް ހެޑްކުއާޓަރޒްއާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕާއި، ސަޕްލައި ސަޕޯޓް ސަރވިސްއާއި، އެން.ސީ.އޯ. އެކެޑެމީއާއި، މެރިން ޑިޕްލޮއިމަންޓް ޔުނިޓްގެ އިތުރުން، މެރިން ކޯ ހެޑްކުއާޓަރޒް ހިމެނެއެވެ. މި ދާއިރާތަކުގައި މަސައްކަތް ކުރެއްވިއިރު އެމް.ޑީ.ޔޫ. 4،3 އަދި 7 ގެ ފަސްޓް ސާރޖަންޓްކަމާއި، އޮޕަރޭޝަން އިންޗާޖުކަމާއި، އެޑްމިން އިންޗާޖުކަން ކުރައްވައިފައިވެއެވެ. ސާރޖަންޓް މޭޖަރ އަޙްމަދު ޢާރިފް، ތަފާތު ދާއިރާތަކުން ރާއްޖެއާއި ރާއްޖެއިން ބޭރުން ފަންނީ ރޮނގުން ގިނަ ތަމްރީނުތަކެއް ވަނީ ފުރިހަމަ ކުރައްވައިފައެވެ.
ސާރޖަންޓް މޭޖަރ އަޙްމަދު ޢާރިފް، އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ސިފައިންގޭގައި އަދާކުރެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، 10 ކުލައާއި 9 މެޑެލް ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ ކުލަތަކަކީ، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚްލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ކާމިޔާބުގެ ކުލައާއި، ހުނަރުވެރިކަމުގެ ކުލައާއި އަދި އަޚުލާޤީ ކުލައެވެ. އަޚުލާޤީ ކުލަ ތިން ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓް މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެއްޔާއި އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.
ދިވެހި ޢަސްކަރިއްޔާގެ ހެވިކަން ކުރިއެރުވުމަށްޓަކައި، ސާރޖަންޓް މޭޖަރ އަޙްމަދު ޢާރިފް ކުރައްވައިފައިވާ މަސައްކަތުގެ އަގުވަޒަންކުރައްވައި، ޗީފް އޮފް ޑިފެންސް ފޯސްގެ ލެޓަރ އޮފް ކޮމެންޑޭޝަން، ސާރޖަންޓް މޭޖަރ އަޙްމަދު ޢާރިފް ވަނީ ހާސިލު ކުރައްވައިފައެވެ. އަދި އެމް.އެން.ޑީ.އެފް.ގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމުގެ ރޮނގުން، ހެވިކަމާއި ހަށިހެޔޮކަމުގެ އިތުރުން، ރެޕަލިންގގެ މުދައްރިބެއްގެ ގޮތުގައި ދިވެހި ޢަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިން ތަމްރީނު ކުރައްވައިފައިވާކަމާއި އަދި މިހާރުވެސް އެކަމުގައި ހަރަކާތްތެރިވެވަޑައިގަންނަވަމުން ގެންދަވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.