ސާރޖަންޓް ފަސްޓްކްލާސް މޫސާ ނަޢީމް
މަލަސް، ފ. ނިލަންދޫ

ސާރޖަންޓް ފަސްޓްކްލާސް މޫސާ ނަޢީމް، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސަސްގެ ޕްރައިވެޓެއްގެ ރޭންކްގައި 31 ޖަނަވަރީ 1989 ގައެވެ. ޚިދުމަތުގައި މިހާތަނަށް ހޭދަކުރެއްވި 36 އަހަރު ދުވަހުގެ ތެރޭގައި، އެމް.އެން.ޑީ.އެފް.ގެ ލާންސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައި ޚިދުމަތްކުރައްވައިފައި ވެއެވެ. ސާރޖަންޓް ފަސްޓްކްލާސް މޫސާ ނަޢީމް މިހާރު ހުންނެވީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ސާރޖަންޓް ފަސްޓްކްލާސްގެ ރޭންކްގައެވެ.

ސާރޖަންޓް ފަސްޓްކްލާސް މޫސާ ނަޢީމް، ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދިގު މުއްދަތުގައި، ތަފާތު ތަމްރީނުތައް ވަނީ ފުރިހަމަ ކުރައްވައިފައެވެ. އަދި، ސިފައިންގެ ރީޖަނަލް ހެޑްކުއާޓަރޒް – ހުޅުލެ މެސް ސާރޖަންޓްކަމާއި، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕްގެ ޝިފްޓް ކޮމާންޑަރކަމާއި، އެން.ސީ.އޯ. އިންޗާޖުކަމާއި، އެކްސެސް ކޮންޓްރޯލް ޝިފްޓް އިންޗާޖުކަމާއި، ފިޒިކަލް ސެކިއުރިޓީ ޝިފްޓް 1ގެ އިންޗާޖުކަން ކުރައްވައިފައިވެއެވެ.

ސާރޖަންޓް ފަސްޓްކްލާސް މޫސާ ނަޢީމަކީ، މަސްއޫލިއްޔަތު އަދާކުރެއްވުމުގައި ވަގުތަށް ކަމޭހިއްތަވައިގެން ޤާބިލުކަމާއި ތެދުވެރިކަމާއެކުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ. މިގޮތުން 1992 ވަނަ އަހަރު ރާއްޖޭގައި ބޭއްވުނު ސާރކް ސަމިޓަށް ތައްޔާރުކުރުމާއި، ސަމިޓުގެ ސެކިއުރިޓީގެ ކަންކަމުގައި ބައިވެރިވެވަޑައިގަތުމާއި، 2004 ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ރާއްޖެއިން ބޭރުގެ އެކި ޤައުމުތަކުން ފޮނުވި އެހީގެ ތަކެތި އެކި ފަރާތްފަރާތަށް ފޮނުވުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވެވަޑައިގަތުން ހިމެނެއެވެ. އަދި، 2014 ވަނަ އަހަރު މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއާ ގުޅިގެން ޢާންމުންނަށް އެހީތެރިކަން ފޯރުކޮށްދެއްވުމުގެ މަސައްކަތުގައްޔާއި، ކޮވިޑް-19އާ ގުޅިގެން ކުރަންޖެހުނު އެކިއެކި ކަންކަމުގައި ހީވާގިކަމާއެކު ޚިދުމަތްކުރައްވައިފައި ވެއެވެ.

ސާރޖަންޓް ފަސްޓްކްލާސް މޫސާ ނަޢީމް ވަނީ، 6 ކުލައާއި 10 މެޑެލް ހާސިލު ކުރައްވައިފައެވެ. ލިބިވަޑައިގެންފައިވާ ކުލަތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލަ ހިމެނެއެވެ. އަޚުލާޤީ ކުލަ ދެ ފަހަރު ލިބިވަޑައިގެންފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ މެޑެއްޔާއި، މިނިވަން 50ގެ މެޑެއްޔާއި، ޖުމްހޫރީ 50ގެ މެޑެއްޔާއި އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.