އަލްފާޟިލާ ބަދޫރާ ސަޢީދު
ދަފްތަރު. ނަންބަރ ރސ 13465، މާލެ

ބަދޫރާ ސަޢީދު، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، 9 މޭ 1988 ގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ޓްރެއިނީއެއްގެ މަގާމުގައެވެ. ވޭތުވެދިޔަ 36 އަހަރަށްވުރެ ދިގުމުއްދަތެއް، ޚިދުމަތުގައި ހޭދަކުރައްވައިފައިވާއިރު، އެންމެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވަނީ ޚާރިޖީ ދާއިރާގައެވެ. ފުރުއްވައިފައިވާ މަގާމުތަކުގެ ތެރޭގައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިނގިރޭސި ސެކްރެޓެރީގެ މަގާމާއި، ސީނިއަރ ސެކްރެޓެރީގެ މަގާމާއި، ޑެސްކް އޮފިސަރުގެ މަގާމާއި، ސީނިއަރ ޑެސްކް އޮފިސަރުގެ މަގާމާއި، އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި، ޖޮއިންޓް ސެކްރެޓެރީގެ މަގާމާއި، މިނިސްޓަރ ކައުންސެލަރގެ މަގާމު ހިމެނެއެވެ. އަދި، އިންޑިޔާގެ ތިރުވަނަންތަޕޫރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓުގެ ސެކަންޑް ސެކްރެޓެރީގެ މަގާމާއި، ފަސްޓް ސެކްރެޓެރީގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ސީނިއަރ ޕޮލިސީ އެގްޒެކެޓިވްގެ މަގާމުވެސް ފުރުއްވައިފައި ވެއެވެ. ބަދޫރާ ސަޢީދު މިހާރު ހުންނެވީ، މިނިސްޓްރީ އޮފް ފޮރިން އެފާއާޒްގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ ޖޮއިންޓް ސެކްރެޓެރީގެ މަގާމުގައެވެ.

ބަދޫރާ ސަޢީދު ވަނީ، މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ އިތުރުން، ފޮރިން ރިލޭޝަން ޑިޕާޓްމަންޓުގެ ތަފާތު ސެކްޝަންތަކުގައްޔާއި، ސާރކް ޔުނިޓުގައްޔާއި، ކޮންސިއުލަރ ޑިޕާޓްމަންޓުގައި މަސައްކަތް ކުރައްވައިފައެވެ.

ބަދޫރާ ސަޢީދު، ޚާރިޖީ ދާއިރާގައި ކުރައްވަމުންގެންދަވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ ބޭރުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލްއާއި، މެހުމާންދާރީ އަދާކުރެއްވުމުގެ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ރާއްޖެއިން ބޭރަށް ކުރައްވާ ދަތުރުފުޅުތައް ވިލަރެސް ކުރެއްވުމާއި، ބޭރު ޤައުމުތަކުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާ ސަފީރުންގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާގުޅޭގޮތުން ކުރައްވަންޖެހޭ މަސައްކަތްތައް ކުރެއްވުން ހިމެނެއެވެ. ޕްރޮޓޮކޯލް ޑިޕާޓްމަންޓުގެ އެންމެހައި މަސައްކަތްތައް، ބަދޫރާ ސަޢީދު ކުރައްވަމުން ގެންދަވަނީ، ޗީފް އޮފް ޕްރޮޓޮކޯލްގެ އިރުޝާދުގެ ދަށުން ވަރަށް ފުރިހަމައަށްކަން ފާހަގަކޮށްލަން ޖެހެއެވެ.

ބަދޫރާ ސަޢީދު ވަނީ، ސަރަޙައްދީ އަދި ބައިނަލްއަގުވާމީ އެކި މަންސަތަކުގައި ދިވެހިރާއްޖެ ތަމްސީލު ކުރައްވައިފައެވެ. އެގޮތުން، ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޭއްވުނު ސާރކް ސަމިޓުތަކުގައްޔާއި، އެ ސަމިޓުތަކާ ގުޅިގެން ބޭއްވުނު ޖަލްސާތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންފައެވެ. އަދި އ.ދ.ގެ ޢާންމު މަޖިލީހުގެ 50ވަނަ ދައުރުގައި ބައިވެރިވެވަޑައިގެންނެވި ދިވެހިރާއްޖޭގެ ވަފުދުގައިވެސް ބަދޫރާ ސަޢީދު ހިމެނިވަޑައިގެންނެވިއެވެ. މީގެ އިތުރުން، އިސްލާމީ ޤައުމުތަކުގެ އެއްބާރުލުމުގެ ޖަމުޢިއްޔާ (އޯ.އައި.ސީ.)ގެ ޖަލްސާތަކުގައިވެސް ދިވެހިރާއްޖެ ތަމްސީލުކުރައްވައިފައި ވެއެވެ.

ބަދޫރާ ސަޢީދަކީ، ހަވާލުކުރެވޭ ކޮންމެ މަސައްކަތެއްވެސް ކަމަށްކަމޭހިއްތަވައިގެން ވަރަށް ފަރުވާތެރިކަމާއި، އިޚުލާޞްތެރިކަމާއެކުގައި ކުރައްވަމުން ގެންދަވާ އަދި މިނިސްޓްރީގެ މުވައްޒަފުންގެ ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެންފައިވާ ބޭފުޅެއްކަން ފާހަގަކޮށްލަންޖެހެއެވެ.