ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝާދު
ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝާދު، ދައުލަތަށް ޚިދުމަތް ކުރައްވަން ފެށްޓެވީ، އެމް.އެން.ޑީ.އެފް.ގެ ޕްރައިވެޓެއްގެ ރޭންކުގައި 30 މާރިޗު 1989 ގައެވެ. އެ ތާރީޚުން ފެށިގެން އެމް.އެން.ޑީ.އެފް.ގައި ތެދުވެރިކަމާއި އިޚުލާޞްތެރިކަމާއެކު ނުގުޑާފަދަ އަޒުމަކާއެކުގައި ފޫހިކަމެއްނެތި، ސާބިތުވެ ހުންނަވައިގެން އިބްރާހީމް ރަޝާދު 36 އަހަރަށްވުރެ ދިގު މުއްދަތެއްގައި ދިވެހި ޢަސްކަރިއްޔާއަށް ވަނީ ޚިދުމަތް ކުރައްވައިފައެވެ. މި ދިގު މުއްދަތުގައި، އެން.އެސް.އެސް.ގެ ލާސްކޯޕްރަލްގެ ރޭންކްގައްޔާއި، ކޯޕްރަލްގެ ރޭންކްގައްޔާއި، ސާރޖަންޓްގެ ރޭންކްގައްޔާއި، ސްޓާފް ސާރޖަންޓްގެ ރޭންކްގައްޔާއި، ވޮރަންޓް އޮފިސަރ ގްރޭޑް1ގެ ރޭންކްގައްޔާއި، ލެފްޓިނެންޓްގެ ރޭންކްގައްޔާއި، ފަސްޓް ލެފްޓިނެންޓްގެ ރޭންކްގައްޔާއި، ކެޕްޓަންގެ ރޭންކްގައްޔާއި، މޭޖަރގެ ރޭންކްގައްޔާއި، ލެފްޓިނެންޓް ކާނަލްގެ ރޭންކްގައި ޚިދުމަތް ކުރައްވައިފައި ވެއެވެ.
ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝާދު، ސިފައިންގޭގެ ކުރިއެރުމަށް ފާހަގަކޮށްލެވޭ ޚާއްޞަ މަސައްކަތްތަކެއް ކުރައްވައި، ރާއްޖެއަށް ކުރިމަތިވި ބޮޑެތި ކާރިސާތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެން ނަމޫނާ ދައްކަވައިފައި ވެއެވެ. އެގޮތުން، 1994ވަނަ އަހަރު ހަމިންބާރޑް ހެލްކޮޕްޓަރު ވެއްޓުމުގެ ހާދިސާއާ ގުޅިގެން އެމް.އެން.ޑީ.އެފް. އިން ހިންގި އޮޕަރޭޝަންގައްޔާއި، 1995ވަނަ އަހަރު ޑޯނިއާ ފްލައިޓް ވެއްޓުމާ ގުޅިގެން ހިންގި އޮޕަރޭޝަނުގައިވެސް މުހިންމު މަސައްކަތްތަކެއް ކުރައްވައިފައިވެއެވެ. އަދި 2003ވަނަ އަހަރު މާފުށީ ޖަލުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެމް.އެން.ޑީ.އެފް.އިން ހިންގި ޚާއްޞަ އޮޕަރޭޝަނުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އޭގެއިތުރުން، 2004ވަނަ އަހަރު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި، ހާލުގައިޖެހުނު ފަރާތްތަކަށް އެހީތެރިވުމުގައި ވަރަށް ބުރަކޮށް މަސައްކަތް ކުރައްވައިފައި ވެއެވެ. އަދި، 2014ވަނަ އަހަރު އެމް.އެން.ޑީ.އެފް. ލޮޖިސްޓިކް ރިސޯސް ޓީމުގެ މެންބަރެއްގެ ހައިސިއްޔަތުން، މުއައްސަސާ ފަޚުރުވެރިވާފަދަ ހުނަރުވެރި މަސައްކަތެއް ކުރައްވައިފައިވާ ކަމާއި، 1994ވަނަ އަހަރު މާލެތެރޭގައި ތަފާތު ބާވަތްތަކުގެ ކުށްކުރުން ގިނަވެ ޢާންމުވަމުން ދިއުމާއެކު، އެކަންކަން ކޮންޓްރޯލްކުރުމަށްޓަކައި ޔުނިޓް ކޮމާންޑަރުންގެ މަޖިލީހުން ހޮއްވެވި ކްރައިމް ޕްރިވެންޝަން ޓާސްކްފޯސްގައި ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝާދު ހިމެނިވަޑައިގެން، މުހިންމު މަސައްކަތްތަކެއް ކުރައްވައިފައިވާކަންވެސް ފާހަގަކޮށްލަން ޖެހެއެވެ.
ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝާދަކީ، ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ރީޖަނަލް ހެޑްކުއަރޓަރޒްގެ ހުޅުލޭ ޕޯސްޓުގެ ޔޫ.ކިޔު.އެމް.އެސް.ގެ މަގާމާއި، ރީޖަނަލް ހެޑްކުއަރޓަރޒް ކައްދޫގެ ބޭސް ކޮމާންޑަރުކަމާއި، އެހީތެރިޔާގެ މަގާމާއި، އޯޑްނަންސް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުގެ އެހީތެރިޔާގެ މަގާމާއި، އެމް.އެން.ޑީ.އެފް ސޭފްޓީ ބޯޑާއި މެޑިކަލް ބޯޑުގެ މެންބަރުކަން ކުރައްވައިފައިވާ ބޭފުޅެކެވެ. އިބްރާހީމް ރަޝާދު އެންމެފަހުން ހުންނެވީ، އެމް.އެން.ޑީ.އެފް.ގެ އޯޑްނަންސް ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގައެވެ.
ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝާދު، ސިފައިންގޭގައި އިޚުލާޞްތެރިކަމާއި ވަފާތެރިކަމާއެކުގައި ކުރައްވައިފައިވާ ޚިދުމަތުގެ އަގުވަޒަންކޮށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 6 ކުލައާއި، 11 މެޑެލް ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ ކުލަ ތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ ކުލައާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލައާއި، އިޚުލާޞްތެރި ޚިދުމަތުގެ ކުލައާއި، ސިފައިންގެ ޚިދުމަތުގެ ކުލައާއި، އަދި އަޚުލާޤީ ކުލަ ހިމެނެއެވެ. އިބްރާހީމް ރަޝާދު، އަޚުލާޤީ ކުލަ ދެފަހަރު ހާސިލު ކުރައްވައިފައި ވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެއްޔާއި، މަތިވެރި ޚިދުމަތުގެ މެޑެއްޔާއި، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ މެޑެއްޔާއި، އިޚުލާޞްތެރި ޚިދުމަތުގެ މެޑެއްޔާއި، ސިފައިންގެ ޚިދުމަތުގެ މެޑެއްޔާއި، އަޚުލާޤީ މެޑެއްޔާއި، ސައްތައިގެ މެޑެއްޔާއި، 17ވަނަ ސާރކް ސަމިޓްގެ، މެޑެއްޔާއި، ޖުމްހޫރީ ފަންސާހުގެ މެޑެއްޔާއި، މިނިވަން ފަންސާހުގެ މެޑެލް، އަދި އިންސާނީ ޚިދުމަތުގެ މެޑެލް ކޮވިޑް-19 ހިމެނެއެވެ.