އަލްފާޟިލާ ޢާއިޝަތު ހަނީ
ގ. ޑޮލްފިންހައުސް

ޢާއިޝަތު ހަނީ، ދިވެހި ދައުލަތަށް ޚިދުމަތްކުރައްވަން ފެށްޓެވީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 2 ނަންބަރު ކާތިބާގެ މަގާމުގައި 18 ސެޕްޓެންބަރު 1989 ގައެވެ. އޭގެފަހުން، އެ މިނިސްޓްރީގެ އެކައުންޓްސް ކުލާކްގެ މަގާމާއި، ޓެލެވިޜަން މޯލްޑިވްސްގެ 2 ނަންބަރު ކާތިބާގެ މަގާމާއި، ސީނިއަރ ކްލާރކްގެ މަގާމާއި، އެސިސްޓެންޓް ސެކްރެޓެރީގެ މަގާމާއި، އެސިސްޓެންޓް ބަޖެޓް އޮފިސަރގެ މަގާމާއި، އެސިސްޓެންޓް އެކައުންޓްސް އޮފިސަރގެ މަގާމު އަދާކުރައްވައިފައި ވެއެވެ. އަދި ފަހުން އެމް.އެން.ބީ.ސީ.، އެމް.ބީ.ސީ.، ޕީ.އެސް.އެމް.ގެ ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ ކަމުގެ މަގާމާއި، ސީނިއަރ އޮފިސަރގެ މަގާމު އަދާކުރައްވައިފައިވެއެވެ. މިހާރު ހުންނެވީ، ޕަބްލިކް ސަރވިސް މީޑިއާގެ އެސިސްޓެންޓް މެނޭޖަރގެ މަގާމުގައެވެ. ޢާއިޝަތު ހަނީ، ދައުލަތުގެ ޚިދުމަތުގައި މިހާރު 36 އަހަރަށްވުރެ ދިގު މުއްދަތެއް ވަނީ ހޭދަކުރައްވައިފައެވެ.

ޢާއިޝަތު ހަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، އަތޮޅުތެރޭގެ ސްކޫލްތަކުގެ ފައިސާއާބެހޭ މަސައްކަތްތައް ހިމެނެއެވެ. ޓެލެވިޜަން މޯލްޑިވްސްގައިވެސް ފައިނޭންސާ ގުޅޭ މަސައްކަތްތައް ކުރައްވައިފައި ވެއެވެ. އެގޮތުން، ބަޖެޓް ސެކްޝަންގައި މުވައްޒަފުންގެ މުސާރަ ހެދުމާއި، އެކައުންޓް ނެތް ފަރާތްތަކަށް އެކައުންޓް ހުޅުވައިދިނުމާއި، އެކައުންޓިންގ ސިސްޓަމް ގާއިމުކުރުމުގެ މަސައްކަތް ރާއްވަވައި ހިންގަވައިފައި ވެއެވެ. އަދި މުޅި ރާއްޖެއަށް ޓީ.ވީ.އެމް.ގެ ޚިދުމަތް ފޯރުކޮށްދިނުމަށް ހިންގުނު ޕުރޮގުރާމުގެ ދަށުން ފައިނޭންސް އަދި ލޮޖިސްޓިކް މަސައްކަތްތައް ކުރެއްވުމާއި، މޮނިޓަރކުރުމާއި، ޓީ.ވީ.އެމް. ކުންފުންޏަކަށް ބަދަލުވުމުގެ ކުރިން ގެނެސްދެވުނު ވަރލްޑްކަޕް ފަދަ ބޮޑެތި ކުޅިވަރު މުބާރާތްތަކުގެ މެޗް ސްޕޮންސަރުންނަށް މެޗްތައް ވިއްކުމާއި، އަދި ލިބޭ ފައިސާ ބަލައިގަތުމުގެ މަސައްކަތް ކުރެއްވުންވެސް ހިމެނެއެވެ. ލާމަސީލު މާމަކާފަ އެވޯޑް 2008 ގެ ޑޭޓާ ކަލެކްޓްކުރުމުގެ މަސައްކަތުން ފެށިގެން ޕްރޮޑަކްޝަންގައި ޢާއިޝަތު ހަނީ، އިސް ދައުރެއްވެސް އަދާކުރެއްވިއެވެ. ޓީ.ވީ.އެމް.، އެމް.އެން.ބީ.ސީ.، އަދި ޕީ.އެސް.އެމް.ގެ ޓެލެތޯން ހަރަކާތްތަކުގެ މެންބަރެއްގެ ގޮތުގައްޔާއި، ކޯޑިނޭޓަރެއްގެ ގޮތުގައްޔާއި، 1995 ގެ ބޮސްނިޔާ ޓެލެތޯން އިން ފެށިގެން 2024 ގެ ފަލަސްޠީން ޓެލެތޯންއާ ހަމައަށް ގެނެސްދިން ޓެލެތޯންތަކުގައިވެސް މުހިއްމު ދައުރެއް ޢާއިޝަތު ހަނީ އަދާކުރެއްވިއެވެ.

ޕަބްލިކް ސަރވިސް މީޑިއާގެ ޓީ.ވީ. ޕްރޮޑަކްޝަން ޑިޕާޓްމަންޓްގައި، އިންޓަރސްކޫލް ލަވަ މުބާރާތާއި، ވޮއިސް އޮފް މޯލްޑިވްސްއާއި، ބޮޑުބެރު ޗެލެންޖާއި، ގިޓާ އައިޑަލްއާއި، އަލިގަދަ ތަރި ޤުރްއާން މުބާރާތާއި، މަދަޙަ މުބާރާތް ފަދަ މުބާރާތްތައް ރާއްވަވައި ހިންގަވައި، ފަނޑިޔާރުންގެ ކަންކަން ބެލެހެއްޓެވުމާއި، ނަތީޖާއާއި އިނާމު ދިނުމުގެ ޙަފުލާތައް އިންތިޒާމުކުރެއްވުމާއި، ލައިވް ޝޯތަކުގެ ބެކްސްޓޭޖް މެނޭޖްކުރެއްވުމާއި، މޯލްޑިވިއަން އައިޑަލް ފްރެންޗައިޒް ޝޯގެ ފަނޑިޔާރުންގެ ޕެނަލްގެ މަސައްކަތާއި، ވޮލަންޓިއަރުންގެ މަސައްކަތް މޮނިޓަރކުރުމުގެ ކަންކަންވެސް ޢާއިޝަތު ހަނީ ޒިންމާދާރުކަމާއެކު ކުރެއްވިއެވެ. ރިޔާސީ އިންތިޚާބުތަކާއި، މަޖިލިސް އިންތިޚާބުތަކުގެ ނަތީޖާ ގެނެސްދޭ ލައިވްތަކަށް ބޭނުންވާ ޑޭޓާ ހޯދުމަށް ޑޭޓާ ސެންޓަރގައި އިސްނަންގަވައިގެން މަސައްކަތް ކުރެއްވިއެވެ. މީގެއިތުރުން، ޕްރޮޑަކްޝަންތަކުގެ އިދާރީ، ލޮޖިސްޓިކް މަސައްކަތްތަކާއި، ކުލަބުގެ މަސައްކަތްތައް ވަރަށް ފަރުވާތެރިކަމާއެކު ކުރެއްވިއެވެ. ވަޒީފާއަށް ފަރުވާކުޑަވެގެން ޢާއިޝަތު ހަނީއާމެދު މިހާތަނަށް އެއްވެސް ފިޔަވަޅެއް އަޅާފައިނުވާކަމީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ.

ޢާއިޝަތު ހަނީއަށް ލިބިވަޑައިގެންފައިވާ ތަޖުރިބާގެ އަލީގައި، އެކުގައި މަސައްކަތްކުރައްވާ އެހެން މުވައްޒަފުންނަށް ކަންކަން އޮޅުންފިލުއްވައިދެއްވައި، އެހީތެރިވެދެއްވައިފައި ވެއެވެ.