އަލްފާޟިލާ ޖަމީލާ ޙަސަން
ޖަމީލާ ޙަސަން، ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވަން ފުރަތަމަ ފެށްޓެވީ 5 ފެބުރުވަރީ 1987 ގައި މޯލްޑިވްސް އިލެކްޓްރިސިޓީ ބޯޑުގެ އައްޑުއަތޮޅު ގަމުގެ ޕަވަރހައުސްގެ ކާތިބާއެއްގެ ވަޒީފާއިންނެވެ. 1 އޮކްޓޫބަރު 1989 ގައި ވަޒީފާއިން ވަކިވެވަޑައިގަތުމަށްފަހު އަލުން ޚިދުމަތް ފެށްޓެވީ 14 ޑިސެންބަރު 1989ގައި ކަސްޓަމްސްގެ ކާތިބާގެ މަގާމުންނެވެ. ދެފަހަރުމަތިން ދައުލަތުގެ ޚިދުމަތުގައި 36 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރައްވައިފައިވެއެވެ. ކަސްޓަމްސްގެ ޚިދުމަތުގައި ހޭދަކުރެއްވި 35 އަހަރަށްވުރެ ދިގު މުއްދަތުގެ ތެރޭގައި، ޖަމީލާ ޙަސަން ވަނީ ގިނަ މަގާމުތަކެއް ފުރުއްވައިފައެވެ. އޭގެތެރޭގައި، ސީ ކާގޯ ޑޮކިއުމެންޓޭޝަންގެ އޮފިސަރ އިންޗާޖުކަމާއި، ވެލުއޭޝަން އެންޑް ޑޮކިއުމެންޓޭޝަންގެ އެކްޓިންގ އަދި އެސިސްޓެންޓް އޮފިސަރ އިންޗާޖުކަމާއި، އެއަރ ކާގޯ ޑޮކިއުމެންޓޭޝަން އޮފިސަރ އިންޗާޖުކަން ހިމެނެއެވެ.
ލިބިވަޑައިގެންފައިވާ މަސައްކަތުގެ ތަޖުރިބާގެ އަލީގައި ޖަމީލާ ޙަސަން، އެކުގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނަށްވެސް، ކަންކަން ކުރަންވީ ރަނގަޅު ގޮތް ވިދާޅުވެދެއްވައެވެ. މަސައްކަތުގެ މާހައުލުގައި އެހެން މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރައްވާ އަދި އެހެން މީހުންނަށް އިޙުތިރާމު ކުރައްވާ ނަމޫނާ ބޭފުޅެކެވެ. އަދި އޮފީހުގެ ވަޒީފާއަށް އަލަށް ގުޅޭ މުވައްޒަފުންނަށް ޑޮކިއުމެންޓޭޝަން ދާއިރާއިން ތަމްރީނު ދެއްވުމުގައިވެސް ފާހަގަކޮށްލެވޭ ބޭފުޅެކެވެ. ޖަމީލާ ޙަސަނަކީ، ކަސްޓަމްސްއިން ހޮވާ އެންމެ ރަނގަޅު މުވައްޒަފުގެ ވަނަ 3 ފަހަރަށް ހާސިލުކުރައްވައިފައިވާ ބޭފުޅެއްވެސް މެއެވެ. އަދި ކަސްޓަމްސްގައި ޚިދުމަތްކުރެއްވި ދިގު މުއްދަތުގެ ތެރޭގައި، އުސޫލާއި ނުވަތަ ގަވާއިދަކާ ހިލާފުވެވަޑައިގެން ފިޔަވަޅެއް އަޅުއްވައިފައި ނުވާކަން ފާހަގަކޮށްލަން ޖެހެއެވެ.
ޖަމީލާ ޙަސަން ވަނީ، ރާއްޖެއާއި ރާއްޖެއިން ބޭރުން އެކިއެކި ކާމިޔާބީތައް ހޯއްދަވައި، ކަސްޓަމަށް ރީތި ނަން ހޯދައިދޭ އޮފިސަރުންގެ މަސައްކަތް ފާހަގަކޮށް އަގުވަޒަންކުރުމުގެ ގޮތުން ކަސްޓަމްސް އޮފިސަރުންނަށް ދެވޭ ޝަރަފުގެ ނިޝާނާއި، ކުލަތަކުގެ ތެރޭގައި ހިމެނޭ ޤާބިލުކަމުގެ ކުލައާއި، ކާމިޔާބުގެ ރަން ކުލައާއި، އަޚްލާޤީ ކުލައާއި، އިޚުލާޞްތެރިކަމުގެ ކުލައާއި، ޚިދުމަތުގެ ކުލައާއި، ޚާއްޞަ ޚިދުމަތުގެ ކުލައާއި، ދިގު މުއްދަތުގެ ޚިދުމަތުގެ ކުލައާއި، 125 އަހަރުގެ ކުލަ ހާސިލުކުރައްވައިފައެވެ. މީގެ އިތުރުން، ދުނިޔޭގެ ކަސްޓަމްސް ޖަމުޢިއްޔާ (ޑަބްލިޔޫ.ސީ.އޯ.)އިން އެ ޖަމުޢިއްޔާގެ މެންބަރު ޤައުމުތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅުންނަށް ދޭ "ޑަބްލިޔޫ.ސީ.އޯ. މެރިން ސެޓްފިކެޓް" 2017ވަނަ އަހަރު، ޖަމީލާ ޙަސަނަށް ލިބިވަޑައިގެންފައި ވެއެވެ.
ޖަމީލާ ޙަސަން މިހާރު ހުންނެވީ، މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޗީފް ކަސްޓަމްސް އޮފިސަރގެ މަގާމުގައެވެ. އަދި މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ، އެއަރ ކާގޯ ޑޮކިއުމެންޓޭޝަން ސެކްޝަންގެ ޑެޕިއުޓީ ސެކްޝަން ހެޑްގެ މަގާމުގައެވެ.